ޚަބަރު

ގްރީސްއިން ފުރަތަމަ ފަހަރަށް އިންގްލަންޑް ބަލިކޮށްފި


ޔުއެފާ ނޭޝަންސް ލީގުގައި އިންގްލަންޑާ ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާރީޚުގައި ފުރަތަމަ ފަހަރަށް ގްރީސްއިން އެ ޓީމުގެ މައްޗަށް ކުރި ހޯދައިފިއެވެ.

ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައިނުވި ނަމަވެސް، ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ހަތަރުވަނަ މިނިޓުގައި ވެންގެލިސް ޕަވްލެޑިސް ވަނީ ލަނޑެއް ކާމިޔާބުކޮށް ގްރީސްއަށް ކުރި ހޯދަދީފަ އެވެ.

އަނިޔާގެ ސަބަބުން އިންގްލަންޑްގެ ކެޕްޓަން އަދި ފޯވަޑް ހެރީ ކޭން މި މެޗުގައި ކުޅެފައިނުވާތީ ވަގުތީ ކޯޗް ލީ ކާސްލީ ވަނީ އެޓީމުގެ ކުރިއަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ބެލިންހަމް ސެންޓްރަލް ފޯވަޑަކަށް ކުޅުވާފައިވާއިރު، ފިލް ފޯޑެން އާއި އެންތޮނީ ގޯޑޮން އާއި، ބުކަޔޯ ސަކާގެ އިތުރު ކޯލް ޕާމާއަށް ވަނީ ފުރަތަމަ އެގާރައިން ފުރުސަތު ދީ، އެޓޭކަށް ވަރަށް ބޮޑު އިސްކަމެއް ދީފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށް ޖޫޑް ބެލިންހަމް ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކުރި ނަމަވެސް، އިތުރު ވަގުތުގެ ކުޅުމުގައި ޕަވްލެޑިސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފައެވެ.

މި މެޗުން ގްރީސް މޮޅުވުމާއެކު ލީގު ބީގެ ގްރޫޕް ދޭއްގެ އެއްވަނަ މަގާމު އެ ޓީމަށް ވަނީ ލިބިފައެވެ. އެގޮތުން ގްރީސްއިން ވަނީ ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ނުވަ ޕޮއިންޓް ހޯދާފައެވެ. އަދި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ ލިބުނު 6 ޕޮއިންޓާއެކު އިންގްލަންޑް އޮތީ ދެވަނައިގައެވެ.

މި ގްރޫޕްގައި ދެން ހިމެނޭ ފިންލަންޑާ ދެކޮޅަށް ރޭ ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ އަޔަލަންޑުންނެވެ.