ޚަބަރު

ރާއްޖޭގައި ހުރި ޤުދުރަތީ ވަސީލަތްތަކުގެ މުއްސަނދިކަން ވަޒަންކުރުމުގެ މަސައްކަތް ފަށަނީ


  • ލ.އަތޮޅުގައި ކުރިއަށްދާ މަސައްކަތް ނިމުމުން މުޅި ރާއްޖޭގައި އެ މަސައްކަތް ފަށާނެ

ލ.އަތޮޅުގެ ޤުދުރަތީ ވަސީލަތްތައް ވަޒަން ކުރުމުގެ ގޮތުން ފަށާފައިވާ އެންދެރި މަޝްރޫއު ނިމުމުން، މުޅި ރާއްޖެއަށް އަމާޒުކޮށްގެން އެ މަޝްރޫއު ކުރިއަށްގެންދަވާނޭކަމަށް މޫސުމީ ބަދަލުތަކާއި ތިމަވެއްޓާބެހޭ ވަޒީރު ތާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ "އެންދެރި ސްމޯލް ގްރާންޓްސް 2024" ހަވާލުކުރުމަށް ލ. ފޮނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވަނީ ލ. އަތޮޅުގެ ތިން ޖަމިއްޔާއަކަށް 1.5 މިލިއަން ރުފިޔާ ހަދިޔާކޮށްފައެވެ. އަދި ލ. އަތޮޅުގެ ހިމާޔަތްކޮށްފައިވާ ތަންތަން ރަނގަޅަށް ބެލެހެއްޓުމަށް 6 މިލިއަން ރުފިޔާ ވަނީ ކައުންސިލަށް ހަދިޔާކޮށްފައެވެ.

ޤުދުރަތީ މުއްސަނދިކަން ވަޒަން ކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ޠާރިޤް ވިދާޅުވީ ބޭރުގެ ގިނަ ޤައުމުތަކުގައި ޤުދުރަތީ ވަސީލަތްތަކުގެ އަގު ވަޒަން ކުރެވިފައިވާކަމަށެވެ. ނަމަވެސް ރާއްޖޭގެ އެންމެ މުހިންމު ވަސީލަތްތައްކަމުގައިވާ ފަރުތަކާއި، ކުޅިފާޗަސްބިންތަކާއި، މޫދުވިނައިގެ މާހައުލީ ނިޒާމުތައް އޮތީ ވަޒަން ނުކުރެވިކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ލ. އަތޮޅުގެ ޤުދުރަތީ ރައުސްމާލު ހިސާބު ކިތާބުކުރުމަށް ފަށާފައިވާ އެންދެރި މަޝްރޫޢު ނިމުމުން މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައި އެ މަސައްކަތް ފައްޓަވާނޭކަމަށެވެ.

އެންދެރި މަޝްރޫއުގެ ދަށުން ހިންގާ ޤުދުރަތީ ވަޞީލަތްތައް ވަޒަން ކުރުމުގެ މަސައްކަތް ކުރުމަށް ހަވާލު ކޮށްފައިވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ނިއު ސައުތް ވޭލްސް (ޔޫއެންއެސްޑަބްލިއު)އާއެވެ. މި ގޮތުން ލ. އަތޮޅުގެ މުރަކަ ފަރުތަކާއި، މޫދު ވިނައާއި، ކުޅިފާޗަސްބިންތަކުގެ މިންވަރާ ފެންވަރު ބެލުމުގެ ދިރާސާތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ދިރާސާތަކުގެ ނަތީޖާ އާންމު ކުރުމަށާއި މި ކަމާއި ގުޅިގެން ކަމާބެހޭ މުއައްސަސާތަކަށް ދޭންޖެހޭ ތަމްރީން ދިނުމަށްޓަކައި ޔޫއެންއެސްޑަބްލިއުގެ ޓީމެއް އަންނަ ނޮވެމްބަރު މަހުތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރާނެކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.