ޚަބަރު

ވަގުތީ ފެންހިންދާ ނިޒާމްތައް ޤާއިމްކުރުމުގެ މަސައްކަތް މިމަހު ނިންމަނީ


  • މޫސުން ތަންދޭނަމަ މިރޭ ރަސްފަންނު ސަރަހައްދުގައި އެމަސައްކަތް ފަށާނެ

  • 14 ޕަންޕް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން

މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލަ ހައްލުކުރުމަށް ފަށާފައިވާ ވަގުތީ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

ސަރުކާރުން ވަނީ މާލޭގެ 6 ސަރަޙައްދެއްގައި ވަގުތީ ފެން ހިންދާ ނިޒާމުތައް ޤާއިމުކުރުމަށް ނިންމާފައެވެ.

ބޯކޮށް ވާރޭވެހޭ ދުވަސްވަރު މާލޭގައި ފެންބޮޑުވާ ތިން ސަރަހައްދެއްގައި، ގާއިމުކޮށްފައިވާ ވަގުތީ ފެންހިންދާ ނިޒާމުތައް ބޭނުންކުރަން ވަނީ ފަށާފައެވެ. އެގޮތުން ވެސްޓް ޕާކް ސަރަޙައްދާއި ވިލިމާލެ ފެރީ ޓަރމިނަލްކައިރިއާއި އައިޖީއެމްއެޗް ކައިރީގައި މިނިޒާމް ވަނީ ޤާއިމްކޮށްފައެވެ. މިނިޒާމް ޖުމްލަ 6 ސަރަހައްދެއްގައި ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާޙިމް ނަޒީމް ވިދާޅުވީ މޫސުން ތަންދޭނަމަ މިރޭ ރަސްފަންނު ސަރަޙައްދުގައި ފެން ހިންދާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ފަށާނެކަމަށެވެ. އަދި އެމަސައްކަތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނިންމާ އަމީނީ މަގު ޓީވީ ބިލްޑިން ހިމެނޭ ސަރަޙައްދުގައި ފެން ހިންދާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ފަށާނެކަމަށެވެ. އަދި އެއަށްފަހު އާޓިފިޝަލް ބީޗް ސަރަޙައްދުގައިވެސް މިނިޒާމް ޤާއިމްކުރުމަށް ހަމަޖެހިފައިވާކަމަށް ނަޒީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އަމާޒަކީ މި މަސް ނިމުމުގެ ކުރިން މި ސަރަޙައްދު ތަކުގައި ފެން ހިންދާ ނިޒާމްތައް ޤާއިމްކޮށް ނިންމުންކަމަށެވެ.

"މުޅިއަކު 6 ސަރަޙައްދެއް ފާހަގަކޮށް، ފެންބޮޑުވުން ހުއްޓުވުމަށް މަސައްކަތް މި ކުރަނީ. ފެން ޖަމާކުރާނެ ވަޅެއް މިހަދަނީ އެއްގަމު ތޮށި ކައިރީގައި. އެވަޅަށް ޖަމާވާ ފެން ގެންދެވޭނެ ނިޒާމެއް މި ހަދަނީ. ޓްރެންޗްތައްވެސް މަގުގައި ހެދުމުގެ ބަދަލުގައި ތިލަފުށި އާރްޑީސީ ސައިޓްގައި ހަދައިގެން މި ގެންނަނީ."އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާޙިމް ނަޒީމް ވިދާޅުވިއެވެ.

އަމީނީ މަގު ހެދިއިރުވެސް ފެންބޮޑުވާ މައްސަލައަށް ހައްލު އައިސްފައި ނުވާކަން ފާހަގަކުރައްވާ ނަޒީމް ވިދާޅުވީ އެމަގަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާކަމަށެވެ. އެގޮތުން ކުޑަކުދިންގެ ބަގީޗާ ސަރަޙައްދުގައި ހުރި ޕަންޕާއި އަޙްމަދިއްޔާ ސްކޫލްކައިރީ ޕާކިން ޒޯންތެރޭގައި ހުރި ފެންހިންދާ ނިޒާމްގެ ޕަމްޕާއި ސްޓޭޑިއަމް ތެރޭގައި ހުރި ފެން ޕަންޕް އެއްކޮށް ބަދަލުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިން އެތަންތަނުގައި ހުރި 9 ކިލޯވޮޓުގެ ޕަމްޕުގެ ބަދަލުގައި އެއިން ކޮންމެ ތަނަކަށް 20 ކިލޯވޮޓުގެ 2 ފަންޕު ބަހައްޓާފައިވާކަމަށް ނަޒީމް ވިދާޅުވިއެވެ. މިއާއެކު މާލޭގައި ބަހައްޓާފައި ހުރި 14 ފެންހިންދާ ޕަންޕް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ނަޒީމް ވިދާޅުވިއެވެ.

މާލޭގެ މަގުތައް މީގެ އެތައް އަހަރެއް ކުރިން ހަދާފައި ހުރިގޮތުން ވާރޭވެހޭ ދުވަސްވަރު ވަރަށް ފަސޭހައިން ފެންބޮޑުވުމުގެ މައްސަލަ ކުރިމަތިވެއެވެ. މިއާއެކު ގެތަކާއި، މުހިއްމު ޚިދުމަތްދޭ މަރުކަޒުތަކުގެ ވިޔަފާރިކުރާ ތަންތަނަށް ފެންވަދެ ބޮޑެތި ގެއްލުންތައް ލިބެއެވެ. ނަމަވެސް މިފަހުން ހަރުކުރި ވަގުތީ ފެންހިންދާ ނިޒާމާއެކު ވެސްޓް ޕާކް ސަރަޙައްދާއި އައިޖީއެމްއެޗް ހިމެނޭ ސަރަޙައްދުގައި ފެންގަނޑު ބޮޑެއް ނުވާކަން ފާހަގަކުރެވެއެވެ.