ޚަބަރު

ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 9 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް


  • މިމީހުން ގެންގޮސްފައިވަނީ ހުޅުމާލޭގައި ކުރިއަށްގެންދިޔަ ރެއިޑެއްގައި

  • 10 ތަނެއް ބަލާފާސްކޮށް 9 މީހަކުވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި

ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 9 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހުޅުމާލޭގައި ކުރިއަށްގެންދިޔަ ރެއިޑެއްގައެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ކަމާއި ގުޅުންހުރި އިދާރާތައް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން ހުޅުމާލޭގައި ކުރިއަށްގެންދިޔަ ރެއިޑެއްގައި 10 ތަނެއް ބަލައި ފާސްކޮށް 9 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

އިމިގްރޭޝަނުން ވިދާޅުވީ، މި މީހުން ރާއްޖޭގައި އުޅެމުންދިޔައީ ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާއި ޚިލާފަށްކަމަށެވެ.

ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު އަލުން މިވަނީ ފަށާފައެވެ.

އިމިގްރޭޝަނުން ވިދާޅުވީ، މި މަސައްކަތް ކޮންމެވެސް ވަރަކަށް މަޑު ޖައްސާލަންޖެހުނީ ހުޅުމާލޭގައި ހުންނަ ޑިޓެންޝަން ސެންޓަރުގައި ހުރި ޖާގަތައް ފުރިގެންކަމަށެވެ. އެއީ 200 މީހުންގެ ޖާގައިގެ ތަނެއްކަމުން މީގެކުރިން ހިންގި އެކި އޮޕަރޭޝަނުގައި އެ ޢަދަދަށް މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވުމާއި ގުޅިގެން އެމީހުން ފުރުވާލެވެންދެން އޮޕަރޭޝަން ކޮންމެވެސް ވަރަކަށް މަޑުޖައްސާލީކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

މިވަގުތު ޑިޓެންޝަން ސެންޓަރުގައި 155 ބިދޭސީން އެބަތިބިކަމަށް އިމްގްރޭޝަނުން މަޢުލޫމާތު ދެއްވައެވެ. އަދި ބިދޭސީންގެ ތެރެއިން ލިޔެކިޔުން ހަމަވެ ޓިކެޓު ހަމަޖެހެމުންދާ ނިސްބަތުން އެމީހުންގެ ޤައުމަށް ފުރުވަމުންދާނެކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

ސަރުކާރުން މަސައްކަތްކުރަމުންދަނީ ރާއްޖޭގައި އޮތް ޒަމާންވީ ބިދޭސީންގެ މައްސަލަ ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި އެއްކޮށް ހައްލުކުރުމަށެވެ. އެގޮތުން ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ ބޮޑު މަޝްރޫޢެއް މުޅި ރާއްޖޭގައި މިހާރުދަނީ ހިންގަމުންނެވެ. މީގެއިތުރުން ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެވެ އުޅެމުންދާ ބިދޭސީންނާއި، ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރަމުންދާ ބިދޭސީން ހޯދާ ޑީޕޯޓުކުރުމުގެ މަސައްކަތް ކަމާއި ބެހޭ އިދާރާތަކުންދަނީ ކުރަމުންނެވެ.