ޚަބަރު

ކާރިސާއާއި ކުއްލި ޙާލަތްތަކުގައި ޚިދުމަތް ދޭނެ ޚާއްސަ އުސޫލެއް ފެނަކައިން އެކުލަވާލައިފި


  • ކުއްލި ޙާލަތުގައި އިޖާބަދޭނެ ޓީމްތައް އެކުލަވާލާނެ

  • އިންޖީނުގެތަކުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރާނެ

  • އެމްއެންޑީއެފްގެ ޚާއްސަ ޓްރެއިނިންތަކެއް ކުރިއަށްގެންދާނެ

ކުއްލި ޙާލަތްތަކުގައި އިޖާބަދޭނެ ގޮތުގެ ޢުޞޫލުތަކެއް އެކުލަވާލާ ތަންފީޒުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަންއިން ފަށައިފިއެވެ.

މި އުސޫލު އިފްތިތާޙުކުރީ ކާރިސީ ހިރާސްތައް ކުޑަކުރުމުގެ ދުވަހާ ގުޅުވައިގެންނެވެ. ފެނަކައިން އަންނަނީ ރާއްޖޭގެ 151 ރަށުގައި ޚިދުމަތް ދެމުންނެވެ.

މި ޢުޞޫލުގައި، ޤުދުރަތީ ގޮތުން ނުވަތަ އެހެނިހެން ސަބަބުތައް މެދުވެރިވެގެން ޚިދުމަތް ދިނުމުގައި ކުރިމަތިވާ ކުއްލި ޙާލަތްތަކުގައި ޢަމަލުކުރަންޖެހޭ ގޮތްތަކުގެ ތަފްސީލްތައް ހިމަނާ، މިފަދަ ޙާލަތްތަކުގައި ޙަރަކާތްތެރިވާނެ ޓީމް އެކުލަވާލަވާލާނެ ގޮތްތައް ވަނީ ކަނޑައަޅާފައެވެ.

"ތައްޔާރު" ގެ ނަމުގައި ފެނަކައިން ފެށި ހަރަކާތުގައި، ހުރިހާ ބްރާންޗްތަކެއްގައި ކުއްލި ޙާލަތުގައި ހަރަކާތްތެރިވާނެ ޓީމްތަކަށް ކަނޑައަޅާ، އެފަދަ ޙާލަތެއްގައި ޓީމުތަކާއި މުވައްޒަފުން ޙަރަކާތްތެރިވާންޖެހޭ ގޮތުގެ ތިއަރީ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

މިއީ، ކާރިސާތަކާއި ކުއްލި ޙާލަތްތަކުގައި ޢަމަލު ކުރާނެގޮތުގެ އިތުރުން، ފެނަކައިގެ ޢިމާރާތްތަކުގައި ހުންނަން ޖެހޭ ސަލާމަތީ މިންގަނޑު، ޔުޓިލިޓީ ރެގިއުލޭޓަރީ ޤަވައިދާ އެއްގޮތަށް އެކުލަވާލުމުގެ މަސައްކަތުގެވެސް މުހިއްމު ފިޔަވަޅެއްކަމަށް ފެނަކައިން ބުނެއެވެ. މިއާ ގުޅިގެން، ކުރިއަށް އޮތް އަހަރެއްހާ ދުވަހަށް ރާވާލެވިފައިވާ، ގިނަ ބައެއް ބައިވެރިވާގޮތަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާ ޙަރަކާތެވެ.

ފެނަކައިން ވިދާޅުވީ، ކުއްލި ޙާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ އަމަލީ ތަމްރީނުތައް މުވައްޒަފުންނަށް ދިނުމާއި، މި ފަދަ ޙާލަތްތަކަށް ބޭނުންވާނެ އަސާސީ ސާމާނު، ފެނަކައިގެ ހުރިހާ ބްރާންޗެއްގައި ހުރިކަން ކަށަވަރުކުރުކުރާނެކަމަށެވެ.

ކުއްލި ޙާލަތްތަކަށް ތައްޔާރުވުމަށް މުވައްޒަފުންނަށް ބޭނުންވާނެ ޢަމަލީ ތަމްރީނު ދިނުމަށްޓަކައި، އެމްއެންޑީއެފްއާއެކު މިހާރު މަޝްވަރާކުރަމުންދާކަމަށްވެސް ފެނަކައިން ބުނެއެވެ. އަދި ކުރިއަށް އޮތް އަހަރު ދުވަހަށް ބަލާލައިގެން މިފަދަ ތަމްރީނުތައް ކުރިއަށް ގެންދިޔުމަށް އެމްއެންޑީއެފްއާއެކު އެމްއޯޔޫއެއްގައި ސޮއި ކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ފެނަކައިގެ މަޤުސަދަކީ، ފެނަކައިން ހިންގާ ހުރިހާ އިންޖީނުގެތަކާއި، އާރުއޯ ޕްލާންޓްތައް، ޔުޓިލިޓީ ރެގިއުލޭޓަރީގެ ސަލާމަތީ މިންގަނޑުތަކަށް ފެއްތުމާއެކު، ފެނަކައިގެ ކޮންމެ ބްރާންޗެއްގައިވެސް ކުއްލި ޙާލަތްތަކަށް ތައްޔާރުވެފައި ތިބި މުވައްޒަފުން ތިބިކަން ކަށަވަރުކުރުންކަމަށް އެ ކުންފުނިން ބުނެއެވެ.