ޚަބަރު

ހުޅުމާލެއިން ބީލަމުގެ އުސޫލުން 18 ބިމެއް ވިއްކަން ހުޅުވާލައިފި


  • ހުޅުމާލެއިން ބީލަމުގެ އުސޫލުން ވިއްކާ ބިންތަކަކީ ދިވެހިންނަށް ހާއްސަކޮށްފައިވާ ބިންތަކެއް

ހުޅުމާލެއިން ދިވެހިންނަށް ޚާއްސަކޮށްގެން އިތުރު 18 ބިމެއް ވިއްކަން ހުޅުވާލައިފިއެވެ.

ހުޅުމާލެއިން ދިވެހިންނަށް ބިން ވިއްކުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗް ފަޅިންނެވެ.

އެގޮތުން ޖުމްލަ 18 ބިމެއް ވިއްކުމަށް ހުޅުވާލާފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ ބީޗްފްރަންޓް 2 ބިމަކާއި، ބީޗް ސައިޑް 16 ބިމެކެވެ. މި ބިންތަކަކީ 1864 އަކަފޫޓާއި 2408 އަކަފޫޓުގެ ބިންތަކެކެވެ.

މި ބިންތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އެޗްޑީސީގެ ބިޑް ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ. ދިވެހި އަމިއްލަ ފަރުދުންގެ އިތުރުން 100 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށްވެސް ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު އެޗްޑީސީން ވަނީ ހުޅުވާލާފައެވެ.

އެޗްޑީސީން ވިދާޅުވީ، ބިން ވިއްކުން ކުރިއަށްދާނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ. ފުރަތަމަ މަރުހަލާހަގައި އެކްސްޕްރެޝަން އޮފް އިންޓަރެޓްސް (އީއައިއޯ) ހުށަހަޅާއިރު ދެވަނަ މަރުހަލާގައި އެކަކަށްވުރެ ގިނަ މީހުން ކުރިމަތިލާފައިވާ ބިންތައް ބިޑުކުރުން ކުރިއަށްދާނެ ކަމަށް އެކޯޕަރޭޝަނުން ވިދާޅުވިއެވެ.

ދިރިއުޅުމުގެ ބޭނުމަށް ހަމައެކަނި ދިވެހިންނަށް ވިއްކާ ބިންތަކުގެ ބީލަން ފެށޭނީ އަކަފޫޓަކަށް 4000 ރުފިޔާއަށް ކަމަށެވެ.

ހުޅުމާލެއިން ދިރިއުޅުމުގެ ބޭނުމަށް ބިންތައް ވިއްކަން މިދިޔަ މޭއި މަހު ހުޅުވާލި ފަހުން، މިހާރު އިޢުލާންކޮށްފައިވާ 18 ބިން ހިމެނޭހެން 58 ބިމެއް ގަތުމަށް ވަނީ ހުޅުވާލާފައެވެ.