ޚަބަރު

ތެލަސީމިއާ ދެކޮޅަށް މަސައްކަތްކުރުމުގެ މަސްޓަރ ޕްލޭން މިމަހު އިފްތިތާޙްކުރަނީ


  • ތެލަސީމިއާގެ ކޭސްތައް މަދުކުރުމަށް ޤައުމީ ފެންވަރުގައި މަސައްކަތްކުރާނެ

  • ތެލަސީމިއާއަށް ފަރުވާކުރުމަށް ހޮސްޕިޓަލެއް ތަރައްޤީކުރުމަށްވެސް މަސައްކަތްކުރާނެ

ރާއްޖޭގައި ކަންބޮޑުވުމާ މިންވަރަށް އިތުރުވަމުންދާ ތެލަސީމިއާގެ ކޭސްތައް މަދުކުރުމަށް ތެލަސީމިއާއާ ދެކޮޅަށް ޤައުމީ ފެންވަރުގައި މަސައްކަތް ކުރަން ފެށުމަށް ސަރުކާރުން ތައްޔާރުވެއްޖެއެވެ. ސަރުކާރުން ދަނީ ތެލަސީމިއާއާ ދެކޮޅަށް މަސައްކަތްކުރުމުގެ މާސްޓަރ ޕްލޭން މިމަހު އިފްތިތާޙުކޮށް މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ.

ރާއްޖޭގައި ތެލަސީމިއާއާއި ދެކޮޅަށް ރަސްމީ ސިފައެއްގައި މަސައްކަތް ފެށިގެންއައީ 1994 ވަނަ އަހަރުގެ ތެރޭގައި މިހާރު ހުރި ތެލަސީމިއާ ސެންޓަރު ވުޖޫދަށް އައުމާއެކީގައެވެ. ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި ޢުމްރާނީގޮތުން އަދި ޚިދުމަތްތަކަށް ބަލާއިރުވެސް މާބޮޑު ބަދަލެއް އެތަނުން ނުފެންނަކަމުގެ ޝަކުވާއަކީ ތެލަސީމިއާ ތަޙައްމަލުކުރަމުންދާ ޢާއިލާތަކުގެ ދުވަސްވީ ޝަކުވާއެކެވެ.

ސަރުކާރުތަކަށް މިކަމުގައި އެންމެ ހަރުދަނާ ފިޔަވަޅުތަކެއް އެޅިފައިނުވާކަން ވޭތުވެދިޔަ އެތައް ދައުރެއްގައިވަނީ ފެނި ހާމަވެފައެވެ. 2012 ވަނަ އަހަރު އެކުލަވާލެވުނު ތެލަސީމިއާ ހުއްޓުވުމުގެ ޤާނޫނާއެކުވެސް ތެލަސީމިއާ ހުއްޓުވުމަށް މާބޮޑު މަސައްކަތްތަކެއް ކުރެވިގެންދިޔަ ތަނެއް ނުފެނެއެވެ.

ތެލަސީމިއާ ހުއްޓުވުމަށް ޢާއްމުން ހޭލުންތެރިކުރުވުމާއި، ތެލަސީމިއާއަށް ޚާއްސަ ސެންޓަރެއް ޤާއިމުކޮށް ޤާނޫނީ ބާރުވެރިކަމާއެކު ޑިރެކްޓަރ ޖެނެރަލެއްގެ ބެލުމުގެ ދަށުން ސީދާ ވަޒީރުގެ އިރުޝާދާއެކު ޤައުމީ ފެންވަރުގައި މަސައްކަތްކުރާ ސެންޓަރެއް ޤާއިމުކުރުމަށް ޤާނޫނު ލާޒިމުކުރެއެވެ.

ހަމައެއާއެކު އެތަނުން ޓެސްޓު ހެދުމާއި، ތެލަސީމިއާގެ ފަރުވާ ފުޅާކުރުމަށް މަސައްކަތް ކުރުމާއެކު މިމަސައްކަތް ވަރުގަދަކުރުމަށް ތެލަސީމިއާއަށް ޚާއްސަ ފަންޑެއް ޤާއިމުކުރަންޖެހެއެވެ.

މީގެއިތުރުން އަހަރުން އަހަރަށް ތެލަސީމިއާ ކުދިން ލިބޭ އިންސައްތަ ދަށްކުރުމަށް އަމާޒުކަނޑައަޅާ ތެލަސީމިއާ ކުދިން ލިބިދާނެކަމަށް ބެލެވޭ މީހުންނަށް ޢާއިލާ ރޭވުމުގައި ދޭންޖެހޭ މަޢުލޫމާތާއި ކައުންސެލިން ފޯރުކޮށްދޭންޖެހޭކަމަށް މިޤާނޫނުގައިވަނީ ބަޔާންކޮށްފައެވެ. އެހެންނަމަވެސް މިވީ މުއްދަތުގެ ތެރޭގައި މާލެ ސަރަޙައްދުގައި ކައިވެނި ކުރުމުގެ ކުރިން ތެލަސީމިއާ ކާޑު ހުށައެޅުން މަޖުބޫރުކުރުވުން ފިޔަވާ އިތުރު ބޮޑު މަސައްކަތެއް ކުރެވިފައިނުވާކަން ފާހަގަކޮށްލެވެއެވެ.

ތެލަސީމިއާއާއި މެދު ޢާއްމުންގެ ހޭލުންތެރިކަން ކުޑަ

2014 ވަނަ އަހަރު ތެލަސީމިއާއާއި ގުޅޭގޮތުން ހެދިފައިވާ ދިރާސާއަކުން ޢާއްމުންގެ މެދުގައި ތެލަސީމިއާއާއި ގުޅޭ މަޢުލޫމާތު އެނގޭ މިންވަރާއި ހޭލުންތެރިކަން ދަށްކަންވަނީ ފާހަގަވެފައެވެ. ރާއްޖޭގައި ބޯންމެރޯ ހެދުމަށް ޒަކާތު ފަންޑުގެ އެހީގައި 2015 ވަނަ އަހަރުން ފެށިގެންދަނީ ފުރުސަތުތައް ދެމުންނެވެ.

މިގޮތުން މިއަހަރުން ފެށިގެން ކޮންމެ އަހަރަކު ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމުގެ ފުރުސަތު ފޯރުކޮށްދިނުމަށް ސަރުކާރުން މިހާރުވަނީ ނިންމާފައެވެ.

ތެލަސީމިއާއާއި މެދު އިހުމާލުވެފައިވާއިރު މިކަން ބަދަލުކޮށް ރާއްޖޭގައި ތެލަސީމިއާ ކުދިން ލިބޭ ނިސްބަތް މަދުކުރުމުގެ މާސްޓަރޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން މިހާރުވަނީ ފައްޓަވާފައެވެ. ތެލަސީމިއާއަށް ވަށާޖެހޭ ޙައްލެއް ގެނައުމަށް އެކުލަވާލާ މިޕްލޭންގެ ދަށުން ތެލަސީމިއާގެ ފަރުވާތައް ފޯރުކޮށްދިނުމަށް ޚާއްސަ ހޮސްޕިޓަލެއް ތަރައްޤީކުރުމަށްވަނީ ނިންމާފައެވެ.

ސަރުކާރުން ދަނީ މިމަހުގެ ތެރޭގައި މާސްޓަރ ޕްލޭން އިފްތިތާޙުކުރުމަށް މަސައްކަތް ކުރަމުންނެވެ. މިހޮސްޕިޓަލް ތަރައްޤީކުރުމަށް 72000 އަކަފޫޓުގެ ބިމެއް ހުޅުމާލޭ ދެވަނަ ފިޔަވަހިން މިހާރުވަނީ ކަނޑައަޅާފައެވެ.

ތެލަސީމިއާ ހޮސްޕިޓަލު އެޅުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން ބޮޑު ބިމެއް!

ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވީ މިހޮސްޕިޓަލުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 38 އިންޕޭޝަންޓް އެނދު އަދި އައުޓް ޕޭޝަންޓަށް ޚާއްސަ 62 އެނދާއެކުގައިކަމަށެވެ. އަދި މިހޮސްޕިޓަލުގައި ޕްރައިވެޓް 20 ކޮޓަރި ހިމެނޭނެކަމަށްވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އައިސީޔޫތަކާއި އެކަހެރިކޮށްގެން ފަރުވާދެވޭނެ އިންތިޒާމުވެސް ހަމަޖެހިފައި ހުންނާނެކަމަށް އެވުޒާރާއިން ވިދާޅުވެއެވެ. މިހުރިހާ އިންތިޒާމުތަކަކާއެކު ބޯންބެރޯއަށް ޚާއްސަ ޑިޕާޓްމަންޓެއްވެސް މިހޮސްޕިޓަލުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިންވަނީ ކުރިން ހާމަކުރައްވާފައެވެ.

ރާއްޖޭގައި މިވަގުތު ތެލަސީމިއާގެ ދަފްތަރުގައި 944 ކުދިން ތިބި އިރު އޭގެތެރެއިން ދުނިޔޭގައި 659 ކުދިން އެބަތިއްބެވެ. ތެލަސީމިއާއަކީ މަސައްކަތްކޮށްގެން ހުއްޓުވިދާނެ ޙާލަތެއް ނަމަވެސް ބައްޔާމެދު ޢާއްމުންގެ މެދުގައި ހޭލުންތެރިކަން ކުޑައެވެ. ސަރުކާރުތަކުން ދުރާލާ ޓެސްޓުކުރެވޭނެ އިންތިޒާމުތައް އަތޮޅުތެރޭގެ ރަށްތަކުގައި ފުޅާކޮށް މަސައްކަތް އެންމެ އެދެވޭގޮތުގައި މިހާތަނަށް ކޮށްފައެއްނުވެއެވެ.

ކޮންމެ މީހެއްގެވެސް އަމާޒަކަށް ހަދަންވީ ތެލަސީމިއާއާއެކު ކުދިން އުފަންވުމުގެ ފުރުސަތު އޮތް މިންވަރު ކުޑަކުރުމަށް ޢާއިލާ ރޭވުން ހަރުދަނާކޮށް އެކަމަށް މަސައްކަތް ކުރުމެވެ. ތެލަސީމިއާ ހުންނަ ކުދިންނާއި އެކުދިންގެ ޢާއިލާތަކުން އުފުލާ ވޭނަކީ އެއީ ދަތި އެތަކެއް ކެކުޅުމެއް ހިމެނޭ ވޭންދެނިވި ޙަޔާތެކެވެ. އެކަން ހުއްޓުވުމަށް މަސައްކަތްކުރާ މީހަކަށް ކޮންމެ މީހަކުވެސް ވާންޖެހެއެވެ.