ޚަބަރު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި


  • މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު 3 ދަރިވަރުންނަށް ލިބޭނެ

  • ރާއްޖެއިން ބޭރުގައި މިވަގުތު 6 ދަރިވަރަކު ދަނީ މަތީ ތައުލީމް ހާސިލްކުރަމުން

ބޭންކިންގއާއި މާލީ ދާއިރާއިން ހުނަރުވެރި ދިވެހި ޒުވާނުން ބިނާކުރުމުގެ އަމާޒުގައި ބޭންކް އޮފް މޯލްޑިވްސްއިން ތައާރަފްކޮށްފައިވާ ސްކޮލަރޝިޕް ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ މި ސްކޮލަރޝިޕް ފަންޑަށް އެދި ހުށަހަޅާލެވޭ 3 ވަނަ އަހަރެވެ. ބީއެމްއެލުން ވިދާޅުވީ މި ސްކޮލަރޝިޕްގެ ދަށުން ދަރިވަރުންނަށް ބޭންކިންގ އެންޑް ފައިނޭންސްގެ ރޮނގުން އެކައުންޓިންގ، ފައިނޭންޝަލް ޓެކްނޮލަޖީ، ފައިނޭންޝަލް އިންޖިނިއަރިންގ، ރިސްކް މެނޭޖްމަންޓް ނުވަތަ ފައިނޭންޝަލް ރިޕޯޓިންގ އެންޑް އެނަލެޓިކްސް ފަދަ ދާއިރާއަކުން އަންޑަރ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.

މި އަހަރުވެސް ސްކޮލަރޝިޕްގެ ދަށުން ހުރިހާ ޚަރަދެއް ހިމެނޭހެން ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު 3 ދަރިވަރުންނަށް ލިބޭނެއެވެ. މިގޮތުން ޓިއުޝަން ފީ، މަހުން މަހަށް ހިނގާނެ ޚަރަދު، ވިސާ ފީ، ފޮތް ގަތުމުގެ ހަރަދާއި އެސްޓަބްލިޝްމެންޓް އެލަވަންސްގެ އިތުރުން ޓިކެޓް ހަރަދު ދިނުމަށް ވަނީ ކަނޑައަޅާފައިކަމަށް ބީއެމްއެލުން ވިދާޅުވެއެވެ.

ބީއެމްއެލް ސްކޮލަރޝޕްގެ ދަށުން ރާއްޖެއިން ބޭރުގައި މިވަގުތު 6 ދަރިވަރަކު ދަނީ މަތީ ތައުލީމް ހާސިލްކުރަމުންނެވެ.

މި ފަންޑަށް އެދި ހުށަހަޅާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ބޭނުންވާ އިތުރު ލިޔުންތަކާއެކު 10 ނޮވެންބަރު 2024 ގެ ނިޔަލަށް [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހޭނެކަމަށް ބީއެމްއެލުން ވިދާޅުވެއެވެ.