ޚަބަރު

ފަތުރުވެރިކަމުގެ ސިނާޢަތުގެ މުސްތަޤުބަލަށް ޑޭޓާ ކޮންމެހެން ބޭނުން ކުރަންޖެހޭ: ޝިއުރީ


  • ބަނޑޮހުގައި ބާއްވާ ޑޭޓާ ފޯރަމުގައި 150 ފަރާތެއް ބައިވެރިވޭ

ބަދަލުވަމުން އަންނަ ފަތުރުވެރިކަމުގެ ސިނާޢަތުގައި ޑޭޓާގެ ބޭނުން ކުރުމަކީ ކޮންމެހެން ކުރަން ޖެހިފައިވާކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝިޢުރީ ވިދާޅުވެއްޖެއެވެ. ޝިއުރީ މިހެން ވިދާޅުވީ އެއްދުަވަހުގެ މުއްދަތައް ބަނޑޮހުގައި ކުރިއަށްދާ ގްލޯބަލް ޑޭޓާ ފޯރަމުގައެވެ.

ބަނޑޮހުގައި މިއަަދުކުރިއަށްދާ ކުރިއަށްދާ ޑޭޓާ ފޯރަމް ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން ޝިއުރީ ވަނީ މިފަދަ ފޯރަމެއް ރާއްޖޭގައި ބޭއްވުމުގެ މުހިންމުކަމަަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ތަފާސް ހިސާބުގެ ގޮތުގައި އެއްކުރެވޭ މަޢުލޫމަތުތަށް ސިޔާސަތު ކަނޑައެޅުމަށް މުހިންމުވާކަން ފާހަގަ ކުރެއްވިއެވެ.

"ފަތުރުވެރިކަމުގެ ސިނާޢަތް ދަނީ ބަދަލުވެ ކުރިއަރަމުން. މިފަދަ ދަނޑިވަޅެއްގައި ޑޭޓާގެ ބޭނުން ކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް" ޝިއުރީ ވިދާޅުވިއެވެ.

ޝިޢުރީ ވަނީ މިފަދަ ބައްދަލުވުމެއްގެ ތެރެއިން ސިނާޢަތަށް ހެޔޮބަދަލުތަކެއް ގެނައުމަށް ޑޭޓާގެ ބޭނުން ހިފާނެގޮތް ދަސްވެ އިޖާދީ ބަދަލުތަކެއް ސިނާޢަތުން ފެނިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މި ފޯރަމުގައި ޑޭޓާގެ މުހިންމުކަން ރާއްޖެއަށް އޮތް މިންވަރާއި ގުޅޭގޮތުން އެމްއެމްޕީއާރްސީގެ ޗެއަރޕާސަން އަބްދުﷲ ގިޔާސް ވިދާޅުވީ، އެމްއެމްޕީއާރްސީގެ މަސައްކަތް ފެށިގެން އައި ހިސާބުންވެސް އާންމު ތަފާސްހިސާބުތަކަށްވުރެ އިތުރަށް ބަލާ ދިރާސާ ކުރަމުންދާ ކަމަށެވެ. އެގޮތުން ކުރެވޭ މަސައްކަތުން ނެގޭ ޑޭޓާތަކުން ފަތުރުވެރިކަން އިސްތިހާރު ކުރެވޭ ކަމަށް ވިދާޅުވިއެވެ.

ގިޔާސް ވިދާޅުވި މިކަމުގެ ސަބަބުން ފަތުރުވެރިންގެ ބޭނުންތައް ދެނެގަނެވި، ކުރިމަގުގައި ކުރިއަރާނެ މާކެޓުތައް ދެނެގަތުމަށް ފަސޭހަވެގެންދާނެ ކަމަށެވެ. އަދި އޭއައި ޒަރީއްޔާއިން ލިބިދޭ ހައްލުތައް ހޯދުމަށާއި، އައު އީޖާދުތަކަށް އެއެމްއެމްޕީއާރްސީން އަބަދުވެސް ފުރުޞަތު ދޭނެ ކަމަށް ގިޔާސް ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތައް ޚާއްސަ، ފުރަތަމަ ގްލޯބަލް ޑޭޓާ ފޯރަމުގައި މި ސިނާޢަތުގައި ހަރަކާތްތެރިވާ ގިނަ ތަޖުރިބާކާރުން ވަނީ ބައިވެރިވެފައެވެ. އެގޮތުން ޓްރިޕް އެޑްވައިޒަރ، ބުކިން. ޑޮޓްކޮމް އަޑާރާ، ޔޫނިއަން ޕޭއި، އަމަޑިއުސް ފަދަ ފަރާތްތައް ބައިވެރިވެއެވެ. މީގެ އިތުރުން ޓުއަރިޒަމް އިކޮނޮމިކްގެ އޮކްސްފޯޑް އަދި އީޓުއަރިޒަމް ފްރޮންޓިއާސް އިން ފަތުރުވެރިކަމުގެ ސިނާޢަތުގައި ޑޭޓާގެ މުހިންމުކަމާއި ބެހޭ ގޮތުން ވާހަކަ ދައްކާފައިވެއެވެ. މިއާއެކު މުޅި ޖުމްލަ 150 ފަރާތެއް ފޯރަމުގައި ބައިވެރިވެފައިވެއެވެ.

ގްލޯބަލް ޑޭޓާ ފޯރަމުގައި ސަރުކާރުގެ އިސްވެރިންނާއި ވުޒާރާތަތަކުންނާއި ކުންފުނިތަކުން ބައިވެރިވެފައެވެ، އަދި މި ފޯރަމުގެ ޚާއްސަ މެހެމާނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހު އެޑްވައިޒަރ ފޯ ޓުއަރިޒަމް ޑިވެލޮޕްމެންޓް މުހައްމަދު ޚަލީލް ވަނީ ބައިވެރިވެވަޑައިގެންފައެވެ.