މާލެ ސަރަހައްދުގެ އިތުރަށް އަތޮޅުތަކުގެ އެކި ރަށްރަށުގައި 12000އަށްވުރެ ގިނަ ހައުސިންގ ޔުނިޓް އިމާރާތް ކުރުމުގެ މަސައްކަތް ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިފަދައިން ވިދާޅުވީ ރައްޔިތުންނާއެކު ކުރިއަށް - ހަފްތާ 52 ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވާނެކަން ފާހަގަކުރައްވާ ރައީސް ވަނީ މާލެ އާއި އަތޮޅުތަކުގެ އެކި ސަރަޙައްދުތަކުގައިވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްގެންދަވާނެކަން ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ އަންނަ އަހަރު 12940 ހައުސިން ޔުނިޓް، ރަށްރަށުގައި އިމާރާތް ކުރުމުގެ މަސައްކަތް ފަށާނެކަމަށާއި މުޅިން އަލަށް 41 ރަށެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ފަށްޓަވާނެކަމަށެވެ. އަދި މާލެ ސަރަޙައްދުގައި 15000 ހައުސިން ޔުނިޓް އިމާރާތް ކުރަން ފަށާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި މަޝްރޫޢުތައް އަންނައަހަރު ފަށާއި އެމަނިކުފާނުގެ ސަރުކާރުގެ މި ދައުރުގެ ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރާނެކަމަށް ވިދާޅުވެފައެވެ. މީގެ ތެރޭގައި ކުދި އާބަދީއާއި ބޮޑެތި އާބާދީ ހިމެނޭ ރަށްތައް ހިމެނޭކަން ފާހަގަކުރައްވާފައެވެ.
"41 ރަށުގައި އަޅުގަނޑު ވައުދު ވެފަ އޮންނާނެ. މިރަށަށް ގޮސް މިވަރަށް އަޅާދޭނަމޭ. އެހެންވީމަ އެ ހުރިހާ މަޝްރޫއުއެއް މި އަންނަ އަހރު ފެށޭނެ" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.
2025 ވަނަ އަހަރަށް ހުށައެޅި ބަޖެޓުގައި ގެދޮރުވެރިކުރުމާ ގުޅޭ މަޝްރޫޢުތަކަށް 3 ބިލިޔަނަށްވުރެ ބޮޑު ހޭދައެއް ކުރުމަށް ވަނީ ހިމަނާފައެވެ. އެގޮތުން %5 އިންޓްރެސްޓުގައި ގެދޮރުވެރިކަމުގެ ލޯންދޫކުރުމަށް 1 ބިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މިފައިސާ ބޭނުންކޮށްގެން ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މަދުވެގެން 2 ބިލިޔަން ރުފިޔާގެ ހައުސިންގ ލޯން ދޫކުރުމަށްވަނީ ހިމަނާފައެވެ. މީގެއިތުރުން 1.8 ބިލިޔަން ރުފިޔާ ގެދޮރުވެރިކަމުގެ އައު ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށް ކަނޑައަޅާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރަކީ އެމަނިކުފާނުގެ ވެރިކަން ނިމޭއިރު، އަމިއްލަ ގެދޮރުގެ ޔަގީންކަން ނެތް އެއްވެސް ރައްޔިތެއް ނެތުމެވެ. އެމަނިކުފާނުގެ ތަޞައްވުރަކީ 20 އަހަރަށް ބަހާލައިގެން 65000 ގެދޮރު ޔަގީންކޮށްދެއްވާނެކަމުގެ ތަޞައްވުރެވެ.