ޔުއެފާ ނޭޝަންސް ލީގުގައި ރޭ އިޓަލީއާ ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ކުއާޓާ ފައިނަލަށް ފްރާންސް ކޮލިފައިވެއްޖެއެވެ.
މިލާނުގެ ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފްރާންސް އިން ކާމިޔާބު ކުރުމާއެކު އެ ޓީމަށް ވަނީ ގްރޫޕުގައި ކުޅުނު ހަ މެޗުން 13 ޕޮއިންޓް ލިބިފަ އެވެ. އިޓަލީއަށް ވެސް ހަމަ މި އަދަދަށް ޕޮއިންޓް ލިބިފައިވާއިރު ފްރާންސަށް އެއްވަނަ މަގާމު ލިބިފައިވަނީ ފައިދާ ގޯލުގެ ތަފާތުންނެވެ. މި މެޗުން އެއް ގޯލުގެ ތަފާތުން އިޓަލީ ބަލިވި ނަމަވެސް އެ ޓީމަށް ގްރޫޕުގެ އެއްވަނަ މަގާމު ނުގެއްލޭނެ އެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ދެވަނަ މިނިޓުގައި ފްރާންސް އިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމަށް ލިބުނު ކޯނަރަކުން އެޑްރިއަން ރަބިއޯ ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ފްރާންސް އިން މި މެޗުގައި ޖަހާފައިވާ ދެވަނަ ލަނޑަކީ މެޗުގެ 33 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ހިލޭ ޖެހުމެއް ޑިގްނޭ ފޮނުވާލުމުން ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ނިކުތް ވަގުތު އިޓަލީގެ ކީޕަރު ވިކާރިއޯ ގައިގައި ޖެހިފައި ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.
ނަމަވެސް އޭގެ ދެ މިނިޓު ފަހުން އިޓަލީގެ އެންޑްރިއާ ކެމްބިއާސޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް އުންމީދު އައު ކޮށްދީފަ އެވެ.
މި މެޗުގައި ފްރާންސް އިން ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 65 ވަނަ މިނިޓުގައި ރަބިއޯ ކާމިޔާބު ކޮށްދީފައިވާ ލަނޑެކެވެ. މިއީ ފްރާންސްގެ ގައުމީ ޓީމަށް އޭނާ އެއް މެޗެއްގައި ދެ ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.
މިއީ 1983 ވަނަ އަހަރަށް ފަހު އަމިއްލަ ގައުމުގައި އިޓަލީ ބަލިވި އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ. 1983 ވަނަ އަހަރު ސްވިޑަން އަތުން އިޓަލީ ބަލިވެފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.
ނޭޝަންސް ލީގުގެ ފުރަތަމަ ލެގުގައި ޕެރިހުގައި ފްރާންސާއި ދެކޮޅަށް އިޓަލީ ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ އިޓަލީ އެވެ. އެހެންކަމުން ފްރާންސްގެ ގިނަ ކުޅުންތެރިން ދެކޭ ގޮތުގައި މިއީ ރަގަޅު ބަދަލު ހިފުމުގެ ނަތީޖާ އެކެވެ.