މާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ދާރުލް އަރުޤަމް ވަޤްފް އިމާރާތުގެ ކުރެހުން ތައްޔާރުކުރުމަށް އީޕޮކް އެސޯސިއޭޓްސްއާ ހަވާލުކޮށްފިއެވެ.
މިމަސައްކަތް ހަވާލުކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި އެކުންފުންޏާ ދެމެދުވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. މިއެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވަޒީރު ޑރ.ޝަހީމް ވިދާޅުވީ އިމާރާތުގެ ކުރެހުން ވީހާވެސް އަވަހަށް ނިންމާ ކުރިއަށް އޮތް އަހަރުގެ ކުރީކޮޅު އިމާރާތުގެ އަމަލީ މަސައްކަތް ފެށުމަށް އަމާޒު ހިފާފައިވާކަމަށެވެ. އަދި މި މަސައްކަތަކީ އެ ވުޒާރާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު އެއް މަޝްރޫޢުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި ދައުރުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިއުމަަށް ހަމަޖެހިފައިވާ އެންމެ ބޮޑު ދެ މަޝްރޫޢަކީ ދާރުލްއަރުޤަމް މަޝްރޫޢުގެ އިތުރުން ހުޅުމާލޭގައި އެޅުމަށް ތައްޔާރުވަމުންދާ ދާރުއްސަލާމް ވަޤުފް އިމާރާތުގެ މަޝްރޫޢެވެ. މި މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމާލެވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބަޖެޓަށް ބޮޑު ލުއެއް ލިބިގެންދާނެކަން އެ ވުޒާރާއިން ވިދާޅުވިއެވެ.
ރާއްޖޭގައި މިވަގުތު ހުރީ އެންމެ ވަޤުފު އިމާރާތެކެވެ. އެއީ މާލޭގައި ތަރައްޤީކޮށްފައިވާ "ދާރުލް އީމާންއެވެ. މި އިމާރާތުން އަހަރަކު 6 މިލިޔަން ރުފިޔާ ލިބޭއިރު ރާއްޖޭގައި ތަރައްޤީކުރާ އެންމެ ބޮޑު ވަޤުފް މަޝްރޫޢާއެކު އަހަރަކު 30 މިލިޔަން ރުފިޔާ ވަޤުފު ފަންޑަށް ލިބޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު މީގެ ކުރިން ވިދާޅުވެފައިވެއެވެ. މީގެ އިތުރުން މިހާރު ވަނީ އަތޮޅު ވަޤުފު މަޝްރޫޢެއްވެސް އިފްތިތާހްކޮށްފައެވެ.