ޚަބަރު

ނޫސްވެރިންގެ ހައްޤުގައި ރައީސް ނިންމެވި ނިންމެވުމަށް ސީޕީޖޭއިން މަރުހަބާ ދަންނަވައިފި


  • ނޫސްވެރިންގެ ކަންބޮޑުވުން އޮތް ބިލަށް ތާޢީދުނުކުރައްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައި

ނޫސްވެރިންގެ ކަންބޮޑުވުން އޮތް "މީޑިއާ އެންޑް ބްރޯޑްކާސްޓް ކޮމިޝަން"ގެ ބިލަށް ތާޢީދު ނުކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވުމާއި ގުޅިގެން ނޫސްވެރިންގެ ހައްޤުގައި މަސައްކަތްކުރާ ސީޕީޖޭއިން މަރުހަބާ ދަންނަވައިފިއެވެ.

ކޮމިޓީ ފޯރ ޕްރޮޓެކްޓިން ޖަރނަލިސްޓްސް، ސީޕީޖޭއަކީ ނޫސްވެރިންގެ ހައްޤުގައި މަސައްކަތްކުރާތާ 40 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ބައިނަލްއަޤްވާމީ ޖަމުޢިއްޔާއެކެވެ.

ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުންދިޔަ "މީޑިއާ އެންޑް ބްރޯޑްކާސްޓް ކޮމިޝަން" ބިލަކީ މަޖިލީހުގައި ހިމެނޭ ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރަކު ހުށަހެޅުއްވި ބިލެކެވެ.

މި ބިލާއި ގުޅޭގޮތުން ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބިލަކީ އެމަނިކުފާނު ޤަބޫލުކުރައްވާ ސިޔާސަތުތަކެއް ހިމެނޭ ބިލެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ނިސްބަތްވާ ޕީއެންސީންވެސް މި ބިލަށް ތާޢީދު ނުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅާއި ގުޅިގެން ސީޕީޖޭއިން ސޯޝަލް މީޑީއާގައި އާއްމުކުރި ޕޯސްޓެއްގައި ބުނީ މަޖިލީހުގެ މެޖޯރިޓީ އޮތް ޕީއެންސީން "މީޑިއާ އެންޑް ބްރޯޑްކާސްޓް ކޮމިޝަން"ގެ ބިލަށް ތާޢީދުނުކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވުމުން މަރުހަބާ ދަންނަވާކަމަށެވެ. އަދި މި ބިލަކީ ނޫސްވެރިކަމަށް ހުރަސް އެޅޭނެ ބިލެއްކަންވެސް ވަނީ އެ ޖަމުޢިއްޔާއިން ވަނީ ފާހަގަކޮށްފައެވެ. މީގެއިތުރުން ނޫސްވެރިންނާއި މީޑިއާތަކުގެ މަޝްވަރާގެ މަތިން ނޫސްވެރިކަމުގެ މިނިވަންކަން ޔަޤީންކޮށްދޭނެ ބިލެއް އެކުލަވާލުމަށްވެސް އެ ޖަމުއިއްޔާގެ ޕޯސްޓުގައި ބުނެފައިވެއެވެ.

ނޫސްްވެރިންގެ ކަންބޮޑުވުން އޮތް ބިލާއި ގުޅޭގޮތުން ސަރުކާރަށް އެއް އަހަރު ފުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީޑިއާތަކަށް ނުފޫޒު ފޯރުވައި، މީޑިއާތައް ކޮންޓްރޯލްކުރަން އެމަނިކުފާނު ބޭނުންފުޅުނުވާކަމަށެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަނީ މީޑިއާތައް ކޮންޓްރޯލް ކުރުމުގެ ބަދަލުގައި މީޑިއާތައް ބާރުވެރިކުރުއްވުމަށްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ބަޖެޓުގެ ތެރެއިން މީޑިއާތަކަށް ފައިސާ ދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.