ޚަބަރު

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭން އދގެ ސަލާމަތީ މަޖިލީހުގެ މެންބަރުން ގޮވައިލައިފި


ފަލަސްޠީނުގެ ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ 2.3 މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުން އިތުރު ކުރުމަށް އދގެ ސަލާމަތީ މަޖިލީހުގެ ބައެއް މެންބަރުން ޔަހޫދީންނަށް ގޮވައިލައިފިއެވެ. މީގެ 13 މަސް ކުރިން ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގެ ދަށުން އެ ސަހަރަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ވައްދަން ޔަހޫދީން ދަނީ ހުރަސް އަޅަމުންނެވެ. ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް ވަނީ ގެދޮރު ނެތިކޮށްލާފައެވެ. އަދި، ހައިހޫނުގައި ޖައްސާފައެވެ.

އދގެ ސަލާމަތީ މަޖިލީހުގެ ބައެއް މެންބަރުން ބުނީ، ޣައްޒާގައި ނިކަމެތިކޮށްލާފައިވާ މީހުންގެ އިންސާނީ ހާލަތު ނުރައްކާތެރި މިންވަރަކަށް ގޯސްވަމުންދާ ކަމަށާއި، އެ މީހުންނަށް ތަސައްލީއެއް ހޯދައިދިނުމަށް އެ ސަހަރަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުން އިތުރު ކުރަން ޖެހޭ ކަމުގައެވެ. މި ކަމަށް ގޮވައިލައްވާފައިވާ އެއް ބޭފުޅަކީ އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ޑޭވިޑް ލެމީއެވެ. އޭނާ ވިދާޅުވީ، ޣައްޒާ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު 43,900އަށް އުފުލިފައިވާ ކަން އެ ސަހަރުގެ ޞިއްޙީ އޮފިޝަލުން ހާމަކޮށްފައިވާއިރު، އެ ސަހަރަށް އެހީގެ ސާމާނު އެތެރެ ކުރުން އެތަކެއް ގުނައަކަށް އިތުރު ކުރަން ޖެހިފައިވާ ކަމުގައެވެ.

"ހާލަތު ވަރަށް ގޯސް، ސާފުކޮށް ދަންނަވާ ނަމަ، ދުލުން ބަޔާން ކޮށްދޭން ވެސް ދަތި، އަދި ހާލަތު ދަނީ އިތުރަށް ގޯސްވަމުން، އެއްވެސް ވަރަކަށް ރަނގަޅެއް ނުވޭ. ފިނިމޫސުން މި ވަނީ ކުރިމަތިވެފައި. އެންމެން ހައިހޫނުގައި ޖެހެން ގިނަ ދުވަހެއް ނުނަގާނެ، ޢުދުވާނަށް 400 ދުވަސް ފާއިތުވެފައިވާއިރު، ޣައްޒާއަށް އިންސާނީ އެހީ އެތެރެ ކުރަން ހުރަސް އެޅުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ. ނަމަވެސް، އިނގިރޭސިވިލާތަކީ ޔަހޫދީންގެ މައި މަދަދުގާރުންގެ ތެރޭގައި ހިމެނޭ ޤައުމެއް ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

އެމެރިކާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލިންޑާ ތޮމަސް-ގްރީންފީލްޑް ވިދާޅުވީ، ޣައްޒާއަށް އިންސާނީ އެހީ ވެއްދުމަށް ޔަހޫދީން ކުރަމުންދާ މަސައްކަތްތަކުގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމުގައެވެ. އަދި، އެ ކަމާ ގުޅޭ ގޮތުން ޒަޔަނިސްޓުންގެ ސަރުކާރާ އެކު މަސައްކަތް ކުރަމުންދާ ކަމުގައެވެ. "[ޣައްޒާގެ ރައްޔިތުންނަށް] ކުރިމަތި ކޮށްފައިވާ އިންސާނީ މުސީބާތުގެ ހާލަތު ރަނގަޅު ކުރަން ވަގުތުން ފިޔަވަޅުތައް އަޅަން ޖެހޭ،" އޭނާ ވިދާޅުވިއެވެ. އޭނާ މިމޭރުމުން ވިދާޅުވި ނަމަވެސް، ޣައްޒާގެ އިތުރުން ލުބްނާންގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ އެންމެ ބޮޑު މަދަދުގާރަކީ ވެސް އެމެރިކާއެވެ.

ޣައްޒާއާއި ލުބްނާންގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ބޭނުން ކުރަމުންދާ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު، މެދުކެނޑުމެއް ނެތި ފޯރުކޮށްދެމުން ދަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުންނެވެ. އެމެރިކާއިން ދާދިފަހުން ބުނީ، ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ވެއްދުމަށް ޒަޔަނިސްޓުން އެއްވެސް ވަރަކަށް ހުރަސް އަޅަމުން ނުދާ ކަމުގައެވެ. ނަމަވެސް، މިއީ އދގެ އިދާރާތަކާއި އެހީދޭ ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުން ދޮގު ކުރާ ވާހަކައެކެވެ.

ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް އެމެރިކާއިން ދަނީ ފާޅުގައި ގޮވައިލަމުންނެވެ. އަދި، ޣައްޒާއަށް އިންސާނީ އެހީ ވެއްދުން އިތުރު ކުރުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަނާއި ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ސޮއިކުރައްވައި އޮކްޓޫބަރު 13ވަނަ ދުވަހު ޔަހޫދީންނަށް ފޮނުވި ސިޓީއެއްގައި ގޮވައިލާފައިވެއެވެ. އަނެއްކޮޅުން، ޤަތުލުޢާންމު ހުއްޓުނަ ނުދިނުމަށް އެމެރިކާއިން ދަނީ ޔަހޫދީންނަށް އެތަކެއް ބިލިޔަން ޑޮލަރުގެ ހަތިޔާރާއި އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ހުރަސް އަޅާ ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެމެރިކާގެ ޤާނޫނުތަކުން މަނާ ކަމެކެވެ. ނަމަވެސް، ޣައްޒާއަށް އެހީ ވައްދަން ޔަހޫދީން ހުރަސް އަޅަމުން ނުދާ ކަން އެންމެ ފަހުގެ ދިރާސާތަކުން ފެންނަ ކަމުގައި އެމެރިކާއިން ވަނީ ބުނެފައެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް 2023 އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 43,922އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 103,898 މީހުން ޒަޚަމު ކޮށްލާފައެވެ.