ޓޮޓްނަމް ހޮޓްސްޕަރ އަށް ކުޅެމުން އަންނަ ދެކުނު ކޮރެއާގެ ސޮން ހުއެން-މިން އަށް ނިސްބަތްވާ ގޮތަށް ނަސްލީ ގޮތުން ތަފާތުކުރެވޭ އިބާރާތްތަކެއް އެ ޓީމުގެ އުރުގުއޭގެ މިޑްފީލްޑަރު ރޮޑްރިގޯ ބެންޓަންކޫރު ބޭނުން ކޮށްފައިވާތީ، އިނގިރޭސި އެފްއޭ އިން ހަތް މެޗަށް އޭނާ ސަސްޕެންޑްކޮށްފިއެވެ.
އިނގިރޭސި އެފްއޭ އިން ހާމަކޮށްފައިވާ ގޮތުގައި ބެންޓަންކޫރު ވަނީ އިނގިރޭސިވިލާތުގެ އެފްއޭ އިން އިންތިޒާމު ކުރާ ހަތް މެޗަށް ސަސްޕެންޑް ކުރުމުގެ އިތުރުން އެއް ލައްކަ ޕައުންޑުން ޖުރިމަނާކޮށް އަދި ހޭލުންތެރި ވުމުގެ ގޮތުން ނަގައިދޭ ސެޝަންތަކެއްގައި އަމަލީ ގޮތުން ބައިވެރިވުމަށް ވަނީ މަޖުބޫރު ކޮށްފަ އެވެ.
މިދިޔަ ޖޫން މަހު އުރުގުއޭގެ ޓީވީ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ދެއްކި ވާހަކަ އަކާއި ގުޅިގެން ބެންޓަންކޫރުގެ މައްސަލަ އެފްއޭ އިން ބަލަން ފަށާފައިވާއިރު އޭނާ ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ. ނަމަވެސް އެފްއޭ އިން ބުނެފައިވަނީ އެކަމުގައި ސާބިތު ހެކި އެބަހުރި ކަމަށާއި އެހެންކަމުން އޭނާއަށް ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށެވެ.
މީޑިޔަ ރިޕޯޓްތައް ބުނާ ގޮތުގައި ބެންޓަންކޫރާ އިންޓަވިއު ކުރި ނޫސްވެރިޔާ ވަނީ ޓޮޓްނަމްގެ ކުޅުންތެރިޔާ ސޮންގެ ޖާޒީ ދިނުމަށް އެދިފަ އެވެ. އަދި އެއަށް ޖަވާބު ދެމުން ސޮންގެ ޖާޒީ އަކީ މުޅި ކޮރެއާގެ މީހުންގެ ޖާޒީ ކަމަށާއި ހުރިހާ އެންމެންގެ ލޯ ކުޑަ ވުމުގެ ސަބަބުން އެއީ ކާކުކަން ވަކިކުރަން ނޭނގޭނެ ކަމަށް ބެންޓަންކޫރު ވަނީ އެ އިންޓަވިއުގައި ބުނެފައެވެ.
ބެންޓަންކޫރުގެ ސަސްޕެންޝަނުގެ ސަބަބުން އޭނާއަށް ޕްރިމިއާ ލީގުގައި އެ ޓީމު ޗެލްސީ އާއި މެންޗެސްޓަރ ސިޓީގެ އިތުރުން ލިވަޕޫލް އާއި ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ލީގު ކަޕްގެ ކުއާޓަރ ފައިނަލުގައި މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެ އެވެ. ނަމަވެސް ޔޫރޮޕާ ލީގުގައި ޓޮޓްނަމް ކުޅެންޖެހޭ މެޗުތަކުގައި އޭނާއަށް ކުޅެވޭނެ އެވެ.
ބެންޓަންކޫރު ވަނީ މި ސީޒަނުގައި ޓޮޓްނަމަށް 15 މެޗު ކުޅެދީ އެއް ލަނޑު ޖަހާފަ އެވެ.