ޚަބަރު

މީޑިއާ އެންޑް ބްރޯޑްކާސްޓް ކޮމިޝަންގެ ބިލު އަނބުރާ ގެންގޮސްފި


  • ބިލު އަނބުރާ ގެންދިޔައީ ސަރުކާރުން ޤަބޫލުނުކުރާ ކަންކަން ބިލުގައި ހިމެނޭތީ

މީޑިއާ އެންޑް ބްރޯޑްކާސްޓް ކޮމިޝަންގެ ބިލު ހުށަހެޅި މެމްބަރު އެބިލް އަނބުރާ ގެންގޮސްފިއެވެ.

މިބިލް އަނބުރާ ގެންގޮސްފައި މިވަނީ މި ބިލަކީ ޤަބޫލުކުރައްވާ ސިޔާސަތުތަކެއް ހިމެނޭ ބިލެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނިކޮށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ އެބިލަށް އެމަނިކުފާނު ނިސްބަތްވާ ޕީއެންސީންވެސް ތާޢީދު ނުކުރައްވާނެކަމަށެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓް ކޮމިޝަންގެ ބިލު ހުށަހެޅި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްޙަންނާނު އަބޫބަކުރު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މީޑިއާ އެންޑް ބްރޯޑްކާސްޓް ކޮމިޝަންގެ ބިލު އަނބުރާ ގެންދިއުމަށް މަޖިލިސް އިދާރާއަށް މިހާރު ހުށައަޅުއްވާފައިވާ ކަމަށެވެ. އަދި ބިލު އަނބުރާ ގެންދަން ހުށައެޅުއްވީ އެ ބިލުގައި ސަރުކާރުން ގަބޫލުނުކުރާ ކަންކަން ހިމެނޭކަމަށް ރައީސް ވިދާޅުވެފައިވާތީ، ބިލު ފާސްކުރުމަށް ސަރުކާރު ނިސްބަތްވާ މެންބަރުންގެ އެއްބާރުލުން ނުލިބޭނެތީކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު އޮތް މީޑިއާ ކައުންސިލް އަދި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި، އައު މީޑިއާ އެންޑް ބްރޯޑްކާސްޓިންގް ކޮމިޝަނެއް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް މެންބަރު ޙަންނާން ހުށައެޅުއްވި ބިލުގެ ފުރަތަމަ ކިޔުން އިއްވީ މިމަހުގެ 13 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ.

ބިލުގައިވާގޮތުން އަލަށް އުފެދިގެންދާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި 7 މެންބަރުން ތިއްބަވާނެއެވެ. އޭގެތެރެއިން 4 މެންބަރުން މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާއިރު 3 މެންބަރުން އިންތިޚާބު ކުރާނީ މީޑިއާތަކުންނެވެ. އަދި މިއާއެކު މީޑިއާތަކާއި ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް ބިލުގައި ހިމަނާފައިވެއެވެ.

މިއާއެކު މި ބިލަށް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ. އެގޮތުން ނޫސްވެރިން ތަމްސީލް ޖަމްޢިއްޔާތަކުންވަނީ މިބިލަކީ މީޑިއާތައް ކޮންޓްރޯލް ކުރުމަށް ހުށަހަޅާފައިވާ ބިލެއްކަމަށް ބުނެ ފާޑުކިޔާފައެވެ.

އަދި ސަރުކާރުންވެސް ވަނީ މި ބިލަކީ ސަރުކާރުން ޤަބޫލުކުރާ ސިޔާސަތުތަކާ ޚިލާފަށް ހުށައަޅާފައިވާ ބިލެއްކަމަށް ވިދާޅުވެފައެވެ. އެގޮތުން ސަރުކާރަށް 1 އަހަރުފުރުމުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ބިލަކީ އެމަނިކުފާނު ބަލަގަންނަ ސިޔާސަތުތަކެއް ހިމެނޭ ބިލެއް ނޫންކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅާއި ގުޅިގެން ނޫސްވެރިންގެ ހައްޤުގައި މަސައްކަތްކުރާ ކޮމިޓީ ފޯރ ޕްރޮޓެކްޓިން ޖަރނަލިސްޓްސް، ސީޕީޖޭއިންވަނީ މަރުހަބާ ދަންނަވާފައެވެ. ސީޕީޖޭއިން ސޯޝަލް މީޑީއާގައި އާއްމުކުރި ޕޯސްޓެއްގައިވަނީ މި ބިލަކީ ނޫސްވެރިކަމަށް ހުރަސް އެޅޭނެ ބިލެއްކަން ފާހަގަކޮށްފައެވެ. މީގެއިތުރުން ނޫސްވެރިންނާއި މީޑިއާތަކުގެ މަޝްވަރާގެ މަތިން ނޫސްވެރިކަމުގެ މިނިވަންކަން ޔަޤީންކޮށްދޭނެ ބިލެއް އެކުލަވާލުމަށްވެސް އެ ޖަމްޢިއިއްޔާގެ ޕޯސްޓުގައި ބުނެފައިވެއެވެ.