ޚަބަރު

މަޖިލީހުގެ ރުހުންނެތި ބޭރުގެ ސިފައިންނަށް ނުތިބެވޭނެގޮތްހަދަން ޤާނޫނު އަސާސީއަށް އިޞްލާހެއް


  • ޤާނޫނު އަސާސީއަށް އިޞްލާހު ހުށައެޅީ މިހާރު އޮތް މާއްދާ ހަރުކަށިކުރަން

އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން ފިޔަވައި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ އެއްވެސް ސަރަޙައްދެއް ޢަސްކަރީ ބޭނުމަށް ބޭނުންކުރުމުގެ ހުއްދަ ދެވޭނީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްގެންކަމަށް ޤާނޫނު އަސާސީއަށް އިޞްލާހު ހުށައަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި އިޞްލާހު ޤާނޫނު އަސާސީއަށް ހުށައެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ. އޭނާ އިޞްލާހު ހުށައެޅުއްވީ ޤާނޫނު އަސާސީގެ 251 ވަނަ މާއްދާގެ (ނ)އަށެވެ. އެ މާއްދާގައި މިހާރު ބަޔާންކުރަނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެން މެނުވީ ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް ދީގެން ނުވާނެކަމަށެވެ.

އެ މާއްދާއަށް ސަރުކާރުގެ ފަރާތުން މިހާރު ހުށައަޅާފައިވާ އިޞްލާހުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެން މެނުވީ، އެއްބަސްވުމެއްގެ ދަށުން ނުވަތަ އެނޫންވެސް ގޮތަކަށް، ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ޢަސްކަރީ ބޭނުނަމަކަށް ބޭނުންކުރުމުގެ ހުއްދަ ދީގެން ނުވާނެކަމަށެވެ. އަދި އެއްބަސްވުމެއްގެ ދަށުން ބާއްވާ ޢަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން ފިޔަވައި، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެން މެނުވީ، ޢަސްކަރީ ބޭނުމަކަށް ދިވެހިރާއްޖޭގެ ސަރަޙައްދުގައި ބޭރުގެ ސިފައިން އެއްވެސް ސިފައެއްގައި ޢަމަލީގޮތުން ޙަރަކާތްތެރިވުމަށް ހުއްދަ ދީގެން ނުވާނެކަމަށްވެސް ޤާނޫނު އަސާސީއަށް ހުށައެޅުއްވި އިޞްލާހުގައިވެއެވެ.

ރާއްޖެއިން ބޭރުގެ ސިފައިން ހަރަކާތްތެރިވުމާ ގުޅޭ މާއްދާ ހަރުކަށިކުރަން ސަރުކާރުން ހުށައަޅަފައިމިވަނީ، ރާއްޖެއިން ބޭރުގެ ސިފައިން ފޮނުވާލުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދު ފުއްދުމަށް ފަހުއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުފުޅާ އެއްގޮތަށް ރާއްޖޭގެ ތިން ޕްލެޓްފޯމެއްގައި ގާއިމުވެ ތިބި ހުރިހައި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލީ މެއި މަހުގެ 9 ވަނަ ދުވަހުއެވެ.