ކާބޯތަކެތި އިޝްތިހާރުކުރަން ލެބް ރިޕޯޓް ބޭނުންކުރާތީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭގެ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މިއަދު އެމްއެފްޑީއޭއިން ޢާއްމުކުރައްވާފައިވާ ބަޔާނެއްގައި ވިދާޅުވީ، ސިއްޙީ އެތައް މަންފާތަކެއް ލިބޭކަމަށް ދޭހަވާގޮތަށް، ދިވެހިރާއްޖޭގައި އުފައްދާ، ވިއްކާ އަދި އިޝްތިހާރުކުރާ ބައެއް ބާވަތްތަކުގެ ކާބޯތަކެއްޗާއި ގުޅުވައިގެން، ކާބޯތަކެތި ތަޙުލީލުކުރާ ލެބޯޓަރީތަކުން ދޫކުރާ ރިޕޯޓުތައް އިޝްތިހާރުކުުމުގައި ބޭނުންކުރާކަމަށް އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.
ކާބޯތަކެތި އިޝްތިހާރުކުރުމުގައި ކާބޯތަކެތި ތަޙުލީލުކުރާ ލެބޯޓަރީތަކުން ދޫކުރާ ރިޕޯޓެއް، ނުވަތަ ރިފަރަލް ލެބޯޓްރީއަކުން ދޫކޮށްފައިވާ "ސެޓްފިކެޓް އޮފް އެނަލިސިސް"އެއް ނުވަތަ އެއިން ލިޔުމެއްގެ އެއްވެސް ބޭނުމެއް ކުރުމަކީ، ކާބޯތަކެތި އިޝްތިހާރުކުރުމާބެހޭ ޤަވާއިދުގެ 13 ވަނަ މާއްދާގެ ދަށުން މަނާކަމެއްކަން އެ އޮތޯރިޓީން ފާހަގަކުރައްވާފައިވެއެވެ.
އެކި ބަލިތަކަށް ޝިފާއެއް ލިބޭކަމަށް ބުނެ ނުވަތަ އިންސާނާގެ ހަށިގަނޑަށް ވަކި ޚާއްސަ ބަދަލެއް އަންނާނެކަމަށް ދޭހަވާ ގޮތަށް މާކެޓް ކުރުމަކީ ކާބޯތަކެތި އިޝްތިހާރުކުރުމާބެހޭ ޤަވާއިދުގެ 7 ވަނަ މާއްދާ އާއި 9 ވަނަ މާއްދާގެ ދަށުން މަނާކަމެއްކަން އެ އޮތޯރިޓީން ފާހަގަކުރެއްވިއެވެ.
ބަލިތަކަށް ފަރުވާ ލިބޭކަމަށް ނުވަތަ ހަށިގަނޑަށް އެދެވޭ ބަދަލުތަކެއް ގެނެސްދޭކަމަށް ދައްކައިގެން ތައްޔާރުކޮށް، އުފައްދާ އަދި އިޝްތިހާރުކުރާ ކާބޯތަކެތީގައި ހިމަނާ ސިއްޙީ މަޢުލޫމާތަކީ އިލްމީ ދިރާސާއަކުން ސާބިތުވާ ތެދު މަޢުލޫމާތަށް ވާންޖެހޭނެކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވިއެވެ. އެހެންކަމުން އެފަދަ އުފެއްދުންތައްް ބޭނުންކުރުމުގައި އިތުރަށް ސަމާލުވުމަށް އެމްއެފްޑީއޭއިން ޢިލްތިމާސްކުރައްވައެވެ.
އެމްއެފްޑީއޭއިން މިފަދަ ބަޔާނެއް ނެރުއްވާފައިވާއިރު، ހިކޭނެކަމަށް ނުވަތަ އެ ނޫނަސް ހަށިގަނޑަށް ބޮޑެތި ބަދަލުތައް އަންނާނެކަމަށް ބުނެ ކާބޯތަކެތީގެ ބައެއް ބާވަތަތްތައް ވިއްކަމުންދާކަން ފާހަގަކޮށްލެވެއެވެ.