ޚަބަރު

ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމަށް ކޮންސަލްޓަންސީ ދޭނެ ބަޔަކު ހޯދަނީ


  • އީއޯއައި ހުށައެޅުމުގެ ފުރުޞަތު މިމަހުގެ 16 ވަނަ ދުވަހާހަމައަށްވަނީ ހުޅުވާލާފައި

  • މިއީ ރާއްޖެ ތަރައްޤީވެގެން އަންނާނެ ގޮތުގެ ތަޞައްވުރާ އޭގެ ސްޓްރެޓެޖިކް ޕްލޭނެއް

20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތަށް ލޯކަލް ކޮންސަލްޓެންސީ ފާރމެއް ހޯދުމަށް މާލީ ވުޒާރާއިން އިއުލާންކޮށްފިއެވެ.

މާލީ ވުޒާރާއިން ވަނީ ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީއޯއައި) މިމަހުގެ 16 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް އެދިވަޑައިގެންފައެވެ.

ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވާލުމުގެ މަޤްޞަދަކީ ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި އިޤްތިޞާދީ، އިޖްތިމާޢީ، ތިމާވެށި، އަދި އާބަން ޑިވެލޮޕްމަންޓުގެ ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވާލުމެވެ. އަދި މި ޕްލޭންގައި ނެޝަނަލް ޑިވެލޮޕްމަންޓް ޕްލޭން ފައިދާހުރި ގޮތެއްގައި ތަންފީޒުކުރުމާއި، މޮނިޓަރކުރުމާއި، އިވެލުއޭޓްކުރެވޭނެ މެކޭނިޒަމްތައް ހިމަނަންޖެހެއެވެ.

ގައުމީ ތަރައްގީގެ ޕްލޭނަކީ ވަރަށް ބޮޑަށް ދިރާސާކޮށްގެން އެކުލަވާލާ 20 އަހަރުގެ ޕްލޭނެކެވެ. ޕްލޭނަށް ބޭނުންވާ މަޢުލޫމާތު މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން އެއްކުރާނެއެވެ. އެގޮތުން ވަކިވަކި ރަށްތަކާއި ޤައުމީ ފެންވަރުގެ ނިންމުންތަކާއި ވަކިވަކި ދާއިރާތަކުން ޚާއްސަ ޕްލޭންތައް ހަދާނެއެވެ. މި ޕްލޭން ތައްޔާރުކުރާނީ ޤާނޫނީ ބާރުވެރިކަން ލިބޭގޮތަށެވެ. ޕްލޭން އެކުލަވާލުމުގެ މަސައްކަތް އެއް އަހަރު ދުވަހުން ނިންމުމަކީ ސަރުކާރުގެ ޢަމާޒެވެ.

މި މަސައްކަތް ކުރިއަށްގެންދާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ގެދޮރުވެރިކަމާ ބިމާ ޢުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާ، ޔޫއެންޑިޕީ އަދި ކަމާ ގުޅުންހުރި ފަރާތްތައް ގުޅިގެންނެވެ.

ޤައުމީ ތަރައްޤީގެ ޕްލޭންގެ މަސައްކަތްތައް ފައްޓަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވީ ސެޕްޓެމްބަރުމަހުގެ 17ވަނަ ދުވަހުއެވެ. "ޤައުމީ ތަރައްޤީގެ ޕްލޭން"އަކީ 2025އިން 2045އަށް ރާއްޖޭ ތަރައްޤީވެގެން އަންނާނެ ގޮތުގެ ތަޞައްވުރާ އޭގެ ސްޓްރެޓެޖިކް ޕްލޭނެވެ.

ކުރިއަށް އޮތް 20 އަހަރަށް ރާއްޖޭން ތައްޔާރުކުރާ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތަށް އެހީވުމުގެ ގޮތުން އޮސްޓްރޭލިއާ ސަރުކާރުން ވަނީ 90 ހާސް އޮސްޓްރޭލިއަން ޑޮލަރު ނުވަތަ 9.4 މިލިއަން ރުފިޔާގެ އެހީ ފޯރުކޮށްދީފައެވެ.