ކޮރަޕްޝަނަށް މަގުފަހިވާ ހުށައެޅުމެއް ޤަބޫލުނުކުރުމަށާއި ޢަމަލާއި ބަހުން ތެދުވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް އެދިވަޑައިގެންނެވީ ބައިނަލްއަޤުވާމީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކޮރަޕްޝަނަށް މަގުފަހިވެދާނެ ކަމަކަށް ނުއެދުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ކޮރަޕްޝަނަށް މަގުފަހިވާ ހުށައެޅުމެއް ލިބިއްޖެނަމަ، އެ ހުށައެޅުމެއް ޤަބޫލުނުކުރުމަށްވެސް ރައީސްގެ މެސެޖުގައި ނަސޭޙަތްތެރިވެވަޑައިގެންނެވިއެވެ. އަދި ކޮރަޕްޝަންގެ ނުބައި ޢަމަލުގެ ސަބަބުން މުޖުތަމަޢު ފަސާދަކުރުން ހުއްޓުވުމަށް ޢަމަލާއި ބަހުން ތެދުވެރި މަސައްކަތެއްކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ގޮވާލެއްވިއެވެ.
— Dr Mohamed Muizzu (@MMuizzu) December 9, 2024
ބައިނަލްއަޤުވާމީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެންބަރުމަހުގެ 9 ވަނަ ދުވަހުއެވެ. މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ ކޮރަޕްޝަނުގެ ސަބަބުން ތަނެއްގެ ނުވަތަ ބަޔަކަށް އޮންނަ އިތުބާރު ގެއްލި، ޑިމޮކްރަސީ ބަލިކަށިވެ، އިގްތިޞާދީ ތަރައްގީއަށް ހުރަސްއެޅި، ނުތަނަވަސްކަމާއި ފަގީރުކަމާއި އިޖުތިމާއީ ބައިބައިވުން އިތުރުވާތީ އެ ޢަމަލު ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުންނެވެ.