ޚަބަރު

ލޯކަލް މާރުކޭޓު ސަރަހައްދުގައި ހިންގި އޮޕަރޭޝަނެއްގައި 23 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް


  • މި އޮޕަރޭޝަންގައި ހައްޔަރުކުރީ ބިދޭސީ 22 ފިރިހެނަކާއި އަންހެނެއް

  • އޮޕަރޭޝަންގެ ތެރެއިން 148 ބިދޭސީން ބަލައި ފާސްކުރި

މާލޭ ލޯކަލް މާރުކޭޓު ސަރަހައްދުގައި ހިންގި އޮޕަރޭޝަނެއްގައި 23 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ސޯޝަލް މީޑިޔާގައި ޙިއްސާކުރި ޕޯސްޓެއްގައި މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ ބިދޭސީންގެ ބޮޑު ކޮންޓްރޯލެއް އޮންނަކަމަށް މަޢުލޫމާތު ލިބިފައިވާ މާލޭގެ ލޯކަލް މާރުކޭޓު ސަރަހައްދުގައި ޓާސްކުފޯހުން ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި މި އޮޕަރޭޝަންގައި އެސަރަހައްދުގައި އަޅާފައިވާ އުޅަނދުފަހަރާއި އެ ސަރަހައްދުން ލަފާ ފުރާ އުޅަނދުފަހަރުވެސް ބަލައި ފާސްކޮށްފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ. މި އޮޕަރޭޝަންގައި ބަލައި ފާސްކުރި 148 ބިދޭސީންގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅޭކަމަށް ފާހަގަވި 23 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ. މީގެ ތެރޭގައި ހިމެނެނީ 22 ފިރިހެނަކާއި އަންހެނެކެވެ.

މިއަހަރުގެ ތެރޭގައި ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ގިނަ އޮޕަރޭޝަންތަކެއް އިމިގްރޭޝަނުން ހިންގާފައިވެއެވެ. އެގޮތުން ހިންގި އޮޕަރޭޝަންތަކުގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅެމުންދާކަމަށް ދެނެގަނެވުނު 4000 އަށްވުރެ ގިނަ ބިދޭސީން މިހާތަނަށް ވަނީ ޑީޕޯޓްކޮށްލާފައެވެ.