ޚަބަރު

ގޯލްޑް ކަޕުގައި ބައިވެރިވި އަލިފުށީ ޓީމަށް ރަށުން ރަތް ދޫލައިގެ ހޫނު މަރުހަބާއެއް


މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ނައިންޓީ ޕްލަސް ގޯލް ކަޕް 2024 ގައި ވާދަކުރި ރ. އަލިފުށީ ފުޓްބޯޅަ ޓީމަށް އެ ރަށުން ރަތް ދޫލައިގެ ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މުބާރާތުގެ ކުއާޓާރ ފައިނަލާ ހަމައަށް އަލިފުށި ގެންގޮސްދީ މޮޅު ކުޅުމެއް ދެއްކި އަލިފުށީ ކުޅުންތެރިންނާއި އަލިފުށި ޓީމުގެ ކޯޗު އިސްމާއިލް އާސިފް (ކުޑަ ހީނާ) އަށް އަލިފުށިން ހޫނު މަރުހަބާއެއް ކިޔާފައިވަނީ މުބާރާތް ނިންމުމަށްފަހު ޑިސެމްބަރު 24 ވަނަ ދުވަހުގެ ރޭ ރަށަށް ދިއުމުންނެވެ.

ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ރަތް ދޫލައިގައި ރަށަށް ފޭބި އިރު ކަރުގައި މާފަތި އެޅުވުން ކުރިޔަށް ދިޔައެވެ. އަދި ޓީމާއެކު ބޮޑު ކޭކެއް ފެޅުމުގެ ހަރަކާތެއްވެސް ބޭއްވިއެވެ. ހަމަ އެ ރޭ ޑިނަރނައިޓެއް ބާއްވާ ރަށުގެ ހުރިހާ އުމުރެއްގެ މީހުން ވަނީ އަލިފުށިން ކުރި ހިތްވަރަށް ޓީމާއި ކޯޗު އަދި ކުޅުންތެރިންނަށް ޝުކުރު އަދާކުރުމުގެ ގޮތުން އުފާފާޅުކުރުމުގެ ހަރަކާތްތައް ބާއްވާފައެވެ.

މީގެ އިތުރުން ޑިނާރނައިޓްގެ ތެރެއިން އަލިފުށީ ޓީމުގެ ޖާޒީގައި ކުޅުންތެރިން ސޮއިކުރުމާއި އަލިފުށީ ޓީމުން ފަރިތަކުރުންތަކުގައި ގެންގުޅުނު ބޯޅައިގައި ސޮއި ކުރުމަށްފަހު އަލިފުށީ ކައުންސިލްގެ ރައީސް އާއި ހަވާލުކުރުންވެސް އޮތެވެ. އަލިފުށީ ޓީމުގެ ޖޯޒީ އާއި ބޯޅައަކީ ގޯލްޑްކަޕް 2024 ގައި އަލިފުށި ބައިވެރިވި ކަމުގެ ހަނދާނެއްގެ ގޮތުގައި ރައްކާކުރުމަށް ޓީމުގެ ފަރާތުން ކައުންސިލާއި ހަވާލުކުރި ތަކެއްޗެވެ.

ރ. އަލުފުއްޓަކީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާ ކުއާޓަރ ފައިނަލާއި ހަމައަށް ދިޔަ ޓީމެކެވެ. ކުއާޓަ ފައިނަލުން އަލިފުއްޓަށް މުބަރާތާއި ވަކިވާން ޖެހުނީ އައްޑޫ ސިޓީ އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެގެންނެވެ. އެހެންނަމަވެސް އަލިފުށި ޓީމުން ވަނީ ފުޓްބޯޅައިގެ ރީތި އަހުލާގެއް ދައްކާ ދަނޑުމަތީގައި މޮޅު ކުޅުމެއް ދައްކާފައެވެ.

އަދި ސަޕޯޓަރުންގެ ފަރާތުންވެސް ކުރިވަރު ޖޯޝާ ފޯރި ފެނިގެންދިޔައިރު މެޗުތައް ނިންމުމަށްފަހު ދަނޑުން ނިކުތުމުގެ ކުރިން ސަޕޯޓަރުން ތިބޭ ސަރަހައްދު ސާފުކުރުންފަދަ ރީތި އާދާތައްވެސް އަލިފުށީ ސަޕޯޓަރުން ދެއްކިއެވެ.

އަލިފުއްޓަށް މުޅި ރަށުގެ ރައްޔިތުން ނިކުމެ ކީ މަރްހަބާއަކި އަލިފުށީގައި ފުޓްބޯޅައަށް އޮންނަ ލޯތްބާއި ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަން ހާމަކޮށްދިން ކަމެކެވެ. އަންނަ އަހަރުވެސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބާއްވާނެކަމުގެ އުފާވެރި ހަބަރު ނައިންޓީ ޕްލަސްއިން ދީފައިވާއިރު އަލިފުށީ ޓީމަކީ އަންނަ އަހަރުވެސް މުބާރާތުގައި ވާދަކުރާނެ ކަމަށް ބެލެވޭ ޓީމެކެވެ.