ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު ފަތުރުވެރިކަމުން ލިބޭ އާމްދަނީ 5 ބިލިޔަން ޑޮލަރަށް އެރުވުންކަމަށް ފަތުރުވެރިކަމާއިބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި 2 މިލިޔަންވަނަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި މީޑިއާއާ ވާހަކަދައްކަވަމުންނެވެ.
މިއަހަރަށް ކަނޑައެޅި އަމާޒު މިހާރު ހާސިލްކުރެވިފައިވާއިރު، މިއަހަރު ވެފައިވަނީ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި އަހަރަށެވެ.
2 މިލިޔަން ވަނަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔުމުގެ ރަސްމިއްޔާތުގައި މީޑިއާއަށް މައުލޫމާތުދެއްވަމުން ފަތުރުވެރިކަމާއިބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވީ، މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ގިނަ ރެކޯޑުތަކެއް ހެދި އަހަރެއްކަމަށެވެ. އެގޮތުން ރާއްޖެއަށް މުޅިން އަލަށް 2 މިލިޔަން ފަތުރުވެރިން އައިސްފައިވާއިރު، މިއަހަރަކީ އެއް ދުވަހެއްގައި އަދި އެއް މަހެއްގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި އަހަރުކަމަށް ވަޒީރު ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ. އެއީ 10،000 އަށްވުރެ ގިނަ ފަތުރުވެރިންނެވެ. އެމަހަކީ ރާއްޖޭގެ ތާރީޙުގައި އެއް މަހެއްގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މަސްކަމަށް ވަޒީރު ވިދާޅުވިއެވެ. އެއީ 217،000 ފަތުރުވެރިނެވެ. އެންމެ އަވަހަށް 1 މިލިޔަން ފަތުރުވެރިން ހަމަކުރެވުނީވެސް މިއަހަރުގެ ތެރޭގައިކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ފައިސަލް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު ފަތުރުވެރިކަމުން %15 ކުރިއެރުމެއް ހޯދުންކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މުޅި ސަރުކާރާއި މުޅި ޓިމް ގުޅިގެން މިއަންނަ އަހަރު %15 ކުރިއެރުމެއް އެރައިވަލްސްއިން ހޯދުން. އަދި ރެވެނިއުއަށް ބަލާލާއިރު ގާތްގަނޑަކަށް 5 ބިލިޔަން ޑޮލަރާއި ގާތައް އަޅުގަނޑަށް ގަބޫލުކުރެވެނީ ފަތުރުވެރިކަމުގެ ރެވެނިއު ދާނެކަމަށް. މިއީވެސް ވަރަށް ބޮޑު ކުރިއެރުމެއް." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މިއަހަރު ސަރުކާރުން ކަނޑައެޅި އަމާޒު ހާސިލްކުރުމުގައި އެމްއެމްޕީއާރުސީއާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ އެއްބާރުލުން ބޮޑުކަމަށެވެ. އަންނަ އަހަރުގެ އަމާޒު ހާސިލްކުރުމަށް މާކެޓިންގ ހަރަކާތްތައް އިތުރުކޮށް މައި މާކެޓްތަކުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ހަރަކާތްތައް އިތުރުކުރާނެކަމަށް ފަތުރުވެރިކަމާއިބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވިއެވެ.