ޚަބަރު

ޗައިނާގެ އެހީގައި މާލޭގެ މަގުތައް ތަރައްޤީކުރަނީ ހުރިހާ މައްސަލައަކަށްވެސް ހައްލު އަންނާނެގޮތަށް


  • މާލޭގެ މަގުތައް ހެދުމުގެ މަޝްރޫޢަށް ބޭނުންވާ ދިރާސާ ވަނީ ނިންމާލާފައި

  • މިހާރު ކުރިއަށްދަނީ ފީސިބިލިޓީ ރިޕޯޓު ތައްޔާރުކުރުމުގެ މަސައްކަތް

ޗައިނާ ސަރުކާރުގެ އެހީގައި މާލޭގެ މާގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރާނީ، މަގުތަކުގައި މިހާރު ހުރި ހުރިހާ މައްސަލައަކަށްވެސް ހައްލު ލިބޭނެގޮތަށްކަމަށް ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މާލޭގެ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.

މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މަގު ހެދުމުގެ މަޝްރޫޢަށް ބޭނުންވާ ދިރާސާތައް ހެދުމަށް ޗައިނާގެ ތަޖުރިބާކާރުންގެ ޓީމެއް ރާއްޖެ އައިސް ވަނީ ދިރާސާތަކެއް ހަދާފައެވެ. އަދި މި ދިރާސާތައް ނިންމާލާފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް ނަޒީމް ވިދާޅުވީ މާލޭ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހަދަންޖެހޭ ދިރާސާ މަސައްކަތަށްފަހު ޗައިނާގެ ތަޖުރިބާކާރުންގެ ޓީމުން ފީސިބިލިޓީ ރިޕޯޓެއް ހަދަމުންދާ ކަމަށެވެ. އަދި މަޝްރޫޢު ކުރިއަށްގެންދާނެ ގޮތުގެ ޕްލޭންތައް އެކުލަވާލެވި، ޢަމަލީ މަސައްކަތް ފެށޭނީ ފީސިބިލިޓީ ރިޕޯޓު ނިމުމުންކަމަށް ނަޒީމް ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ ވިދާޅުވީ މާލޭގެ މަގުތައް ތަރައްޤީކުރަނީ މިހާރު މަގުތައްހުރި ގޮތުން ދިމާވާ ހުރިހާ މައްސަލައަކަށް ވަށައިޖެހޭ ދާއިމީ ހައްލެއް ލިބޭނެ ގޮތަށް ކަމަށެވެ. އެގޮތުން ވާރޭ ވެހިއްޖެނަމަ، މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލައަށްވެސް ދާއިމީ ހައްލެއް ލިބޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"މާލޭގެ މަގުތައް ހަދާ ނިމުމުން މަގުތަކުގައި ފެން ބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް އަންނާނެ. ކަމަކަށް ކަމެއްކުރާ އުޞޫލުން މަސައްކަތްކުރާކަށް ބޭނުމެއް ނޫން. އެހެންނަމަވެސް އަޅުގަނޑުމެން ބޭނުންވަނީ ވީހާވެސް އަވަހަކަށް ޢަމަލީ މަސައްކަތް ފަށައި، ނިންމުން. އަމާޒަކީ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާތާ ދެތިން އަހަރުގެ ތެރޭގައި މަސައްކަތް ނިންމުން." ނަޒީމް ވިދާޅުވިއެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ މަގުތައް ތަރައްޤީކުރާނީ ތާރު އަޅައިގެން، ޔުޓިލިޓީ ޚިދުމަތްތަކަށް ފަސޭހަވާނެގޮތަށް ޢިމާރާތްކުރުމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އެގޮތުން ފެނާއި ނަރުދަމާގެ ނިޒާމާއި ކަރަންޓު އަޕްގްރޭޑް ކުރުމާއި ސްޓޯމް ވޯޓަރ ނިޒާމާއި ފަޔަރ ހައިޑްރަންޓްގެ ނިޒާމުވެސް ގާއިމުކުރެވޭނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން ވިލިމާލޭ މަގު ހެދުމުގެ މަސައްކަތް އަމަލީގޮތުން ފެށުމުގެ ކުރިން ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ހުރުމުން ޓޮޕޯގްރަފިކް ސަރވޭއާއި، ޖިއޯޓެކްނިކަލް، ހައިޑްރޮލޮޖިކަލް ސަރވޭގެ މަސައްކަތާއި އީއައިއޭ ހެދުމުގެ މަސައްކަތް ކުރުމަށް އާރްޑީސީއަށް މި އަހަރުގެ ކުރީކޮޅު ހަވާލުކުރިއެވެ. ވިލިމާލޭގެ މަގުތައް ހެދުމުގެ މަސައްކަތުގެ ދަށުން 5.6 ކިލޯމީޓަރުގެ މަގުހެދުމަށް ހަމަޖެހިފައިވެއެވެ. މި މަސައްކަތުގައިވެސް މަގުތަކުގެ އަޑިން އަޅަންޖެހޭ ކަރަންޓާއި ނަރުދަމާ ނިޒާމާއި ފެން ހިންދާ ނިޒާމް އެޅުމަށް ހަމަޖެހިފައިވެއެވެ.

މާލޭގެ މަގުތަކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މަގުތައް ހަލާކުވެފައި އޮތުމާއި ފެންބޮޑުވާ މައްސަލައެވެ. މި މައްސަލަތަކަށް މީގެ ކުރިންވެސް ހައްލެއް ހޯދުމަށް މަސައްކަތްކޮށްފައި ވީނަމަވެސް މިހާތަނަށް އައިރުވެސް މިކަމަށް ދާއިމީ ހައްލެއް ލިބިފައެއް ނުވެއެވެ. އެހެންކަމުން ސަރުކަރުން ނިންމެވީ މާލޭގެ މަގުތަކަށް ދިމާވެފައިވާ ބޮޑު މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށެވެ.