ޚަބަރު

އެޗްޑީސީ އާއި ސްޕޯޓްސް ކުލަބު ސިޓީއަށް ރަނގަޅު ފެށުމެއް


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގައުމީ ވޮލީބޯލް ލީގު 2024 ގައި ކުޅުނު ފުރަތަމަ މެޗުތަކުން ކުލަބު އެޗްޑީސީ އާއި ސްޕޯޓްސް ކުލަބު ސިޓީ މޮޅުވެއްޖެއެވެ.

ގައުމީ ލީގުގެ ކުޅުން މިއަދު ފެށިއިރު، މިރޭ ކުޅުނު މެޗުން އެޗްޑީސީ މޮޅުވީ ޕޮލިސް ކުލަބާ ވާދަކޮށް ތިން ސެޓު އެއް ސެޓުންނެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ސެޓު 25-20 އިން ކާމިޔާބުކޮށްފައިވަނީ އެޗްޑީސީންނެވެ. އެކަމަކު ޕޮލިހުން ވަނީ ދެވަނަ ސެޓު 25-23 އިން ގެންގޮސްފައެވެ. ނަމަވެސް އަނެއް ދެ ސެޓުގައި އެޗްޑީސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމުން ވަނީ މި ދެ ސެޓު ކާމިޔާބުކޮށް މެޗުން މޮޅުވެފައެވެ. މި ސެޓުތައް އެޗްޑީސީން ގެންގޮސްފައިވަނީ 25-20 އަދި 25-17 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެޗްޑީސީގެ ނޫރު މުޙައްމަދެވެ.

މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން ސްޕޯޓްސް ކުލަބު ސިޓީ މޮޅުވީ ބްލޫސް ފޯރ ވޮލީބޯލް އަތުން ސިދާ ތިން ސެޓުންނެވެ. މި މެޗުގައި ސްޕޯޓްސް ކުލަބު ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމުން ސެޓުތައް ގެންގޮސްފައިވަނީ 25-22، 25-20 އަދި 25-22 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސްޕޯޓްސް ކުލަބު ސިޓީގެ ތަޖުރިބާކާރު ސެޓަރު އިޝާން މުޙައްމަދު (ބަޓިސް) އެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާ ގައުމީ ލީގުގައި މި ފަހަރު ފަސް ޓީމެއް އަންނަނީ ވާދަކުރަމުންނެވެ. އެއީ އެޗްޑީސީ އާއި، ޕޮލިސް ކުލަބާއި، ސްޕޯޓްސް ކުލަބު ސިޓީ އާއި، ބްލޫސް ފޯރ ވޮލީބޯލްގެ އިތުރުން ދިވެހި ސިފައިންގެ ކުލަބެވެ. އެންމެ ފަހުން ބޭއްވި މިދިޔަ އަހަރުގެ ގައުމީ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ސިފައިންގެ ކުލަބުންނެވެ.