ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގައުމީ ވޮލީބޯލް ލީގު 2024 ގައި މިއަދު ކުޅުނު މެޗުތަކުން ދިވެހި ސިފައިންގެ ކުލަބާއި، ބްލޫސް ފޯރ ވޮލީބޯލް މޮޅުވެއްޖެއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި ސިފައިންގެ ކުލަބުން ކުޅުނު ފުރަތަމަ މެޗުން މޮޅުވީ ސްޕޯޓްސް ކުލަބު ސިޓީ އަތުން ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ. މިއަދު ހަވީރު ކުޅުނު މި މެޗުގައި ސިފައިންގެ ކުލަބުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމުން ސެޓުތައް ގެންގޮސްފައިވަނީ 25-18، 25-17 އަދި 25-18 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސިފައިންގެ ކުލަބުގެ ހުސައިން ރިޒާންއެވެ.
މީގެ އިތުރުން މި މުބާރާތުގައި މިރޭ ކުޅުނު މެޗުން ބްލޫސް ފޯރ ވޮލީބޯލް މޮޅުވީ ޕޮލިސް ކުލަބު އަތުން ފަހަތުން އަރައި ތިން ސެޓު ދެ ސެޓުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ދެ ސެޓު ކާމިޔާބުކޮށްފައިވަނީ ޕޮލިސް ކުލަބުންނެވެ. އެއީ 25-22 އަދި 25-23 އިންނެވެ. އެކަމަކު ބްލޫސް ފޯރ ވޮލީބޯލްއިން ވަނީ ކުޅުން ރަނގަޅުކޮށް، އަނެއް ތިން ސެޓު ކާމިޔާބުކޮށްފައެވެ. މި ސެޓުތައް ބްލޫސް ފޯރ ވޮލީބޯލްއިން ގެންގޮސްފައިވަނީ 25-20، 25-23 އަދި 15-9 އިންނެވެ.
ގައުމީ ލީގުގައި މިއަދު ކުޅުނު މެޗުތަކުން ސިފައިންގެ ކުލަބާއި ބްލޫސް ފޯރ ވޮލީބޯލް މޮޅުވިއިރު، މިއީ މި ދެ ޓީމުންވެސް މުބާރާތުގައި ހޯދި ފުރަތަމަ މޮޅެވެ.
އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާ ގައުމީ ލީގުގައި މި ފަހަރު ފަސް ޓީމެއް އަންނަނީ ވާދަކުރަމުންނެވެ. އެއީ ސިފައިންގެ ކުލަބާއި، ޕޮލިސް ކުލަބާއި، ސްޕޯޓްސް ކުލަބު ސިޓީ އާއި، ބްލޫސް ފޯރ ވޮލީބޯލްގެ އިތުރުން ކުލަބު އެޗްޑީސީއެވެ. އެންމެ ފަހުން ބޭއްވި މިދިޔަ އަހަރުގެ ގައުމީ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ސިފައިންގެ ކުލަބުންނެވެ.