ޚަބަރު

ޣައްޒާގެ ހަސްފަތާލުތަކަށް ދެމުންދާ ޙަމަލާތައް ކުށްވެރިކޮށް އދގެ ހަރުކަށި ރިޕޯޓެއް


ޔަހޫދީ އިސްތިޢުމާރީ ފައުޖުން ޣައްޒާގެ މުސްލިމުން ނަސްލުހޭދު ކުރަން ކުރާ މަސައްކަތުގައި ޣައްޒާގެ ހަސްފަތާލުތަކަށް ދެމުންދާ ޙަމަލާތައް އދގެ އިންސާނީ ޙައްޤުތަކާ ބެހޭ އިދާރާއިން ހަރުކަށި ބަހުން ކުށްވެރި ކޮށްފިއެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައި ވަނީ މީގެ 13 މަސް ކުރިންނެވެ. އެ ޤަތުލުޢާންމުގެ ދަށުން ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 45,500އަށްވުރެ މައްޗަށް އުފުލިފައިވާއިރު، ޔަހޫދީ ފައުޖުގެ ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޢާންމުންގެ ގެދޮރާއި ރެފިއުޖީ ކޭމްޕުތަކަށެވެ. އަދި، ހަސްފަތާލުތަކާއި ޞިއްޙީ މަރުކަޒުތަކަށެވެ. އަދި، ވަގުތީ ހިޔާވަހިކަން ހޯދުމަށް ޣައްޒާގެ ނިކަމެތީން ބޭނުން ކުރަމުންދާ މަދަރުސާތަކާއި މިސްކިތްތަކަށެވެ. ފާއިތުވި ދުވަސްކޮޅުގެ ތެރޭގައި ޔަހޫދީ އިސްތިޢުމާރީ ފައުޖުން ވަނީ ޣައްޒާގެ ކޮޅަށް ހުރި ހަސްފަތާލުތަކަށް ވަކިން ޚާއްޞަކޮށް ޙަމަލާ ދޭން ފަށައިފައެވެ.

އދގެ އިންސާނީ ހައްޤުތަކާ ބެހޭ އިދާރާއިން ނެރުނު 23 ޞަފުހާގެ ރިޕޯޓެއްގައި ވަނީ ޔަހޫދީ ދައުލަތުގެ ރަަޙުމު ކުޑަ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ޣައްޒާގެ ޞިއްޙީ ނިޒާމު އެއްކޮށް ފުނޑުފުނޑު ވެފައިވާ ކަމަށް ބުނެފައެވެ. އަދި ނިރުބަވެރި ޔަހޫދީ ދައުލަތުން ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ތަބާވާ މިންވަރާ މެދު ވެސް އެ އިދާރާއިން ވަނީ ސުވާލު އުފައްދައިފައެވެ.

އދގެ ރިޕޯޓުގައި 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 12ވަނަ ދުވަހުން ފެށިގެން 2024 ވަނަ އަހަރުގެ ޖޫން މަހުގެ 30ވަނަ ދުވަހާ ހަމައަށް ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ދީފައިވާ ލާއިންސާނީ އަނިޔާތަކުގެ ތަފްޞީލު ހިމަނާފައި ވެއެވެ. އެ ޙަމަލާތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ބޭސްފަަރުވާ ލިބުމުގައި ބޮޑެތި ހުރަސްތައް ކުރިމަތިވެފައިވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައި ވެއެވެ.

“ޣައްޒާގެ ޞިއްޙީ ނިޒާމު އެއްކޮށް ފުނޑުފުނޑު ކޮށްލައި, ބަލިމީހުންނާއި ޞިއްޙީ މަސައްކަތްތެރިންނާއި އާންމުން ޝަހީދު ކުރަމުންދާ މިންވަރަކީ އިންސާނީ އަދި އިންސާނީ ހަައްޤުތަކާ ބެހޭ ބައިނަލްއަޤްވާނީ ޤާނޫނުތަކަށް ޔަހޫދީ ދައުލަތުން އަމަލު ނުކޮށް ގޮންޖަހަމުންދާ ކަމުގެ ސީދާ ހެއްކެއް,” ރިޕޯޓުގައި ބުނެފައި ވެއެވެ.

ރިޕޯޓުގައި އިތުރަށް ބުނީ ބަލިމީހުންނާއި ޒަޚަމް ވެފައިވާ ތިބި މީހުން ތިބި ހަސްފަތާލަކަށް ގަސްތުގައި ޙަމަލާ ދިނުމަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށެވެ. އަދި ޢާންމުންގެ ހައްޤުތަކަށް ބެލުމެއް ނެތި ކުރަމުންދާ އަނިޔާތަކަކީ ވެސް އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާއެއް ކަމަށް ބުނެފައި ވެއެވެ.

އދގެ އިންސާނީ ހައްޤުތަކާ ބެހޭ ހައި ކޮމިޝަނަރު ވަލްކަރ ތުރުކު ވިދާޅުވީ ރިޕޯޓުގެ ހޯދުންތަކުން އެނގެނީ ޔަހޫދީ ދައުލަތުން ބައިނަލްއަޤްވާމީ އިންސާނީ އަދި އިންސާނީ ހައްޤުތަކާ ބެހޭ ޤާނޫނުތަކަށް އެއްވެސް ފަރުވާލެއް ކަނޑައެޅިގެން ނުބަހައްޓައި ކަމެވެ.

“ޣައްޒާއަށް ހުއްޓުމެއް ނެތި ބޮން އަޅައި އެ ތަނުގެ އިންސާނީ ޙާލަތު ގޯހުން ގޯހަށް ގެންދިއުމަކީ ޔަހޫދީ ދައުލަތަށް ކުޑަވަރު. އެ ވަރުން ނުފުދިގެން, އެ ތަނަކީ ފަލަސްޠީނުގެ ރައްޔިތުންނަށް ރައްކާތެރި ހިޔާވެއްސަކަށް ވާން ޖެހޭ ތަންތަން ވެސް ޔަހޫދީ ދައުލަތުން މި ވަނީ މަރުގެ މަޅިއަކަށް ހަދާފައި,” އޭނާ ވިދާޅުވިއެވެ.