ޚަބަރު

އާ އަހަރުގެ މުނާސަބާގައި މަޖިލިސް ރައީސް އެދިވަޑައިގެންނެވީ ޤައުމުގެ ފާގަތިކަމަށް މަސައްކަތްކޮށްދެއްވުމަށް


  • ސަރުކާރުގެ ވަޒީރުންވެސް ވަނި އައު އަހަރުގެ ތަހުނިޔާ ފޮނުއްވާފައި

  • ކުރީގެ ރައީސުންނާއި ސިޔާސީ ލީޑަރުންވެސް އައު އަހަރުގެ ތަހުނިޔާ ފޮނުއްވާފައިވޭ

މި ފެށުނު 2025 ވަނަ އަހަރު ދިވެހި ޤައުމުގެ ފާގަތިކަމަށް ކޮންމެ ދިވެއްސަކުވެސް ގަދައަޅާ މަސައްކަތްކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ މި ފެށުނު 2025 ވަނަ އަހަރުގެ ތަހުނިޔާ ފޮނުއްވައި ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓުގައެވެ.

މީލާދީ އައު އަހަރުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ މިފެށުނު މީލާދީ އާ އަހަރުގެ ތަޙުނިޔާއާއި ހެޔޮއެދުންތައް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި އެންމެހާ ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.

މަޖިލިސް ރައީސް ވަނީ 2025 ވަނަ އަހަރު ކޮންމެ މީހަކުވެސް އާ ޢަޒުމަކާއި ހިތްވަރަކާއެކު ދިވެހި ޤައުމަށް ފާގަތިކަމާއި ކުރިއެރުމާއި އަރުތަ ހާޞިލުކުރުމަށް ގަދައަޅާ މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ދިވެހީންނަށް އުފާފާގަތި، ފުދުންތެރި މުސްތަޤުބަލެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ޢަބްދުއްރަޙީމްގެ ޕޯސްޓުގައި ފާހަގަކުރެއްވިއެވެ.

ޢަބްދުއްރަޙީމްގެ އިތުރުން ދައުލަތުގެ ވަޒީރުންވެސް ވަނީ އައު އަހަރުގެ ހެޔޮ އެދުންތައް ފޮނުވައި އުފާވެރި އައު އަހަރަކަށް އެދިވަޑައިގެންފައެވެ.

ވަޒީރުންގެ އިތުރުން ކުރީގެ ރައީސުންނާއި ބައެއް ސިޔާސީ ލީޑަރުންވެސް ވަނީ އުފާވެރި އައު އަހަރަކަށް އެދިވަޑައިގެން ސޯޝަލް މީޑިއާގައި ޕޯސްޓުތައް ޙިއްސާކުރައްވާފައެވެ. މި ޕޯސްޓުތަކުގައި ދިވެހި ޤައުމުގެ ކުރިއެރުމަށް މަސައްކަތްކުރާ އަހަރަކަށް ހެދުމަށް ކުރީގެ ރައީސުންނާއި ލީޑަރުން ވަނީ އެދިވަޑައިގެންފައެވެ.


2025 ވަނަ އަހަރަކީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގައި ޢަމަލީ ސިފަ ޖެހޭނެ އަހަރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައިވެއެވެ. އަދި މިއަހަރުގެ ތެރޭގައި ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވޭނެކަން އެމަނިކުފާނު ހާމަކުރައްވާފައިވެއެވެ.