މާލެ ސަރަޙައްދުގައި ފެން އުފައްދާ ކެޕޭސިޓީ ދެ ގުނަ އިތުރުކުރުމަކީ އަމާޒެއްކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
މާލެ ސަރަޙައްދުގައި ފެނުގެ ޚިދުމަތް ދިނުމަށް މިހާރު ޤާއިމުކޮށްފައިވާ ޕްލާންޓްތަކަކީ ދުވާލަކު 20000 ޓަނުގެ ފެން އުފައްދުމުގެ ޤާބިލުކަން ލިބިފައިވާ ނިޒާމެކެވެ. މާލެ ސަރަޙައްދުގައި މިހާރު ދުވާލަކަށް 11000 ޓަނަށްވުރެ ގިނަ އަދަދަކަށް ފެން ބޭނުންވެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޑަބްލިއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވީ އިތުރުވަމުން އަންނަ އާބާދީއާއެކު މާލެ ސަރަޙައްދުގައި ފެން އުފައްދާ ކެޕޭސިޓީ އިތުރުކުރަންޖެހިފައިވާކަމަށެވެ.
އެގޮތުން މާލެ އަދި ހުލުމާލެ ހިމެނޭހެން، 5000 ޓަނުގެ ފެން އުފައްދާ އިތުރު 2 ޕްލާންޓްގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ. މަތީން ވިދާޅުވީ މި ޕްލާންޓާއެކު، މިހާރު މާލޭގައި ފެން އުފައްދާ ކެޕޭސިޓީއަށް އިތުރު %30 އިތުރުކުރެވޭނެކަމަށެވެ. މި މަޝްރޫޢުގެ މަސައްކަތް 2025 ވަނަ އަހަރު ފުރިހަމަކުރުމަކީ އެ ކުންފުނީގެ ޢަމާޒެއްކަމަށް މަތީން ވިދާޅުވިއެވެ.
"އައު ޕްލާންޓްތައް ހޯދުމުގެ މަސައްކަތް މިވަނީ ފަށާފައި. ހުޅުމާލޭގައި 5000 ޓަނުގެ ޕްލާންޓެއް އަދި މާލޭގައިވެސް 5000 ޓަނުގެ ޕްލާންޓެއް މި ހޯދަނީ. 2025 ވަނަ އަހަރު މި ޕްލާންޓް ބަހައްޓާނަން. އަޅުގަނޑުމެންޖެ އަމާޒު ހުރީ، ފެން އުފައްދާ ކެޕޭސިޓީ ދެ ގުނައަށް އިތުރުކުރުން." އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވިއެވެ.
ފެން ރައްކާކުރެވޭ ކެޕޭސިޓީ އިތުރުކޮށް މި ސަރަޙައްދަށް ފެނުގެ ރައްކާތެރިކަން އިތުރުކުރުމަކީވެސް ކުންފުނީގެ ޢަމާޒެކެވެ. މީގެދަށުން މިވަގުތު އެންމެ އިސްކަމެއްދީގެން ކުރަމުންދަނީ މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމުގެ މަސައްކަތެވެ. މި މަސައްކަތް މި އަހަރުގެ ކުރީކޮޅު ނިންމާނެކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވިއެވެ.