ޚަބަރު

ޔޫކްރެއިން މަގުން ރަޝިޔާއިން ވިލާތަށް ގޭސް ފޯރުކޮށްދިނުން ނިމުމަކަށް


ރަޝިޔާއިން އުފައްދާ ގޭސް ޔޫކްރެއިން މަގުން ވިލާތުގެ ޤައުމުތަކަށް ފޯރުކޮށްދިނުން ހުއްޓައިލައިފިއެވެ. ކުރީގެ ރޫސީވިލާތުގެ ޒަމާނުގައި ވިލާތުގެ ޤައުމުތަކަށް ގޭސް ފޯރުކޮށް ދިނުމަށް ޔޫކްރެއިން މަގުން އަޅާފައިވާ ހޮޅިތަކުގެ ބޭނުން ކުރުން ހުއްޓައިލަން ޖެހިފައި މި ވަނީ ޔޫކްރެއިނުން އެ ކަމަށް ހުރަސް އެޅުމުންނެވެ. މި ކަމާ ގުޅޭ ގޮތުން 2020ވަނަ އަހަރު ހަދާފައިވާ ފަސް އަހަރު ދުވަހުގެ އެއްބަސްވުން އައު ކުރަން ޔޫކްރެއިނުން ވަނީ ދެކޮޅު ހަދާފައެވެ.

މި ކަމަށް ޔޫކްރެއިނުން ދެކޮޅު ހަދާފައި މި ވަނީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން، ރަޝިޔާއަށް މާލީ ގޮތުން ފިއްތުންތައް ކުރިމަތި ކުރުމުގެ ގޮތުންނެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފަށާފައި ވަނީ 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުއެވެ. އިސްވެ، ޔޫކްރެއިނަށް ސިފައިން ފޮނުވައި ހަނގުރާމަ ފަށާފައި ވަނީ ރަޝިޔާއިންނެވެ. މި ހަނގުރާމައިގެ ދަށުން ރަޝިޔާގެ ފައުޖުތަކުން ވަނީ ޔޫކްރެއިންގެ އިރުމައްޗާއި ދެކުނުގެ ބައެއް ސަރަޙައްދުތަކަށް އަތްގަދަ ކޮށްފައެވެ. ރައްދުގައި ޔޫކްރެއިނުން ވެސް ވަނީ ރަޝިޔާއަށް ސިފައިން ފޮނުވާފައެވެ. އަދި، އެ ޤައުމުގެ ހުޅަނގުގައި އޮތް ކޫރްސްކްގެ ބައެއް ރަށްތަކާއި އަވަށްތަކަށް ވެރިވެގަނެފައެވެ.

ރަޝިޔާއިން އުފައްދާ ގޭސް ޔޫކްރެެއިން މަގުން ވިލާތުގެ ޤައުމުތަކަށް ފޯރުކޮށްދިނުން މެދުކަނޑައިލާފައި ވަނީ، 1 ޖަނަވަރީގައި އެ ކަމާ ގުޅޭ އެއްބަސްވުމުގެ މުއްދަތު ހަމަވުމާ އެކުގައެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހިނގަމުން ދިޔަ ނަމަވެސް، ފާއިތުވި 34 މަހެއްހާ ދުވަހުގެ ތެރޭގައި ވެސް، ރަޝިޔާއިން ދިޔައީ މެދުކެނޑުމެއް ނެތި، ޔޫކްރެއިން މަގުން ވިލާތުގެ ޤައުމުތަކަށް ގޭސް ފޯރުކޮށްދެމުންނެވެ.

މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެ، ޔޫކްރެއިން މަގުން ރަޝިޔާގެ ގޭސް ވިލާތަށް ފޯރުކޮށްދިނުމަށް ނިމުމެއް އައިސްފައިވީ ނަމަވެސް، އެ ކަމުގެ ސަބަބުން ވިލާތުގެ ޤައުމުތަކުުގައި ގޭހުގެ އަގުތައް އުފުލިގެންދާނެ ކަމަށް ނުބެލެވޭ ކަމުގައެވެ. 2022ވަނަ އަހަރު ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށުމާ އެކު، ވިލާތުގެ އިއްތިހާދު (އީޔޫ)ގެ މެންބަރު ޤައުމުތަކަށް ރަޝިޔާއިން ފޯރުކޮށްދެމުން ދިޔަ ތެލާއި ގޭހުގެ ސަޕްލައި މަދުވުމާ ގުޅިގެން އެ ޤައުމުތަކަށް އިޤުތިޞާދީ ބޮޑު ކާރިސާއެއް ކުރިމަތިވިއެވެ. އަދި، ތަކެތީގެ އަގުތަކާއި ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލި، ޢާންމު ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވިއެވެ.

ނަމަވެސް، ޔޫކްރެއިން މަގުން އަޅާފައިވާ ގޭސް ހޮޅިތައް ބަންދު ކުރުމުގެ ކުރިން ވިލާތުން ވަނީ އެ ކަމަށް ތައްޔާރުވެފައެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށުމާ އެކު، ރަޝިޔާއިން ތެލާއި ގޭސް ގަތުން ވިލާތުގެ ގިނަ ޤައުމުތަކުން ހުއްޓައިލިއެވެ. އަދި، އެ ތަކެތި ގަންނާނެ އިތުރު ބާޒާރުތައް ހޯދިއެވެ. މިއަދާ ޖެހެެންދެން ރަޝިޔާއިން ގޭސް ގަންނަމުންދާ މަދު ޤައުމުތަކުގެ ތެރޭގައި ސްލޮވާކިޔާއާއި އޮސްޓްރިޔާ ހިމެނެއެވެ. ނަމަވެސް، އެ ޤައުމުތަކުން ވެސް ވަނީ ގޭސް ގަންނާނެ އިތުރު މާކެޓުތައް ހޯދާފައެވެ.

"ރަޝިޔާ ނޫން އެހެން ޤައުމުތަކުން ގޭސް ހޯދުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައި. އަދި، 2022ވަނަ އަހަރުގެ ކުރިން ފޯރުކޮށްދެމުން ދިޔަ މިންވަރަށް އެލްއެންޖީ [ލިކުއިފައިޑް ނެޗަރަލް ގޭސް] ހޯދޭނެ އިތުރު މަގުތައް ވަނީ ހަމަޖައްސާފައި،" ވިލާތުގެ ކޮމިޝަނުގެ ތަރުޖަމާނު ބުންޏެވެ. ރަޝިޔާގެ ބަދަލުގައި އީޔޫގެ ގިނަ ޤައުމުތަކުން މިިހާރު ތެލާއި ގޭސް ހޯދަމުން ދަނީ ނޯވޭއާއި ޤަޠަރުގެ އިތުރުން އެމެރިކާއިންނެވެ.

"ރަޝިޔާގެ ގޭސް [ޔޫކްރެއިންގައި] ޓްރާންސިޓް ކުރުން މި ވަނީ ހުއްޓައިލާފައި. މިއީ ވަރަށް ތާރީޚީ ދުވަހެއް. ރަޝިޔާއަށް އެ ވަނީ [ގޭސް ވިއްކާނެ] ބާޒާރުތައް ގެއްލިފައި، އެ ޤައުމަށް އެ ދަނީ މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުން،" ޔޫކްރެއިންގެ ހަކަތައާ ބެހޭ ވަޒީރު ހެރްމަން ހަލުޝްޗެންކޯ ވިދާޅުވިއެވެ.

ނަމަވެސް، މި ނިންމުމާ އެކު ޔޫކްރެއިނަށް ވެސް މާލީ ގޮތުން ގެއްލުންތަކެއް ލިބިގެންދާނެއެވެ. އަދި، ޓްރާންސިޓް ފީގެ ގޮތުގައި ރަޝިޔާއިން އަހަރެއްގެ މައްޗަށް ލިބެމުން ދިޔަ 800 މިލިޔަން އެމެރިކާ ޑޮލަރުގެ އާމްދަނީ ބަންދުވާނެއެވެ. އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނީ ރަޝިޔާގެ ދައުލަތުގެ ގޭސް ކުންފުނި، ގެޒްޕްރޮމަށެވެ. އެ ކުންފުންޏަށް އަހަރެއްގެ މައްޗަށް 5 ބިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބޭނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.