ޚަބަރު

ބޮޑުފޮޅުދޫ ކައުންސިލު: ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ލާމަސީލު ނަމޫނާއެއް!


  • ނަމޫނާ ރަށު ކައުންސިލުގެ އެވޯޑް ޖެހިޖެހިގެން 4 އަހަރު ވަނީ ކާމިޔާބުކޮށްފައި

  • ކައުންސިލުގެ މަސައްކަތްތައް ރައްޔިތުން އުފަލާއެކު ބަލައިގަނޭ

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ލޯކަލް ކައުންސިލްތަކަކީ މުހިންމު ޒިންމާތަކަކާއި މައްސޫލިއްޔަތުތަކެއް މަތިކުރެވިފައިވާ ބައެކެވެ.

މި ޒިންމާތައް އަދާކުރުމުގައި އަރިއަތޮޅު އުތުރުބުރި ބޮޑުފޮޅުދޫ ކައުންސިލަކީ ނަމޫނާ މަސައްކަތްތަކެއް ކުރަމުން އަންނަ ކައުންސިލެކެވެ. އެކައުންސިލުން ވަނީ ރާއްޖޭގެ ނަމޫނާ ކައުންސިލުގެ އެވޯޑް ވިދިވިދިގެން 4 އަހަރު ކާމިޔާބުކޮށްފައެވެ.

ލާމަރުކަޒީ އުޞޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ އެންމެ ބޮޑު ބޭނުމަކީ، ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ކަންކަން، ދީމިޤްރާޠީ އަދި ޖަވާބުދާރީވަނިވި އުޞޫލުން ރައްޔިތުން އަމިއްލައަށް ނިންމުމަށް މަގުފަހިކޮށްދިނުމެވެ.

އިޖްތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުންނާއި، ޘަޤާފީގޮތުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ރައްޔިތުން ބާރުވެރިކޮށް، ރައްޔިތުންނާ އެންމެ ގާތުން ފުޅާ ދާއިރާއެއްގައި ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމަކީ މި ނިޒާމުގެ މުހިންމު މަޤްޞަދެކެވެ. ލާމަރުކަޒީ ނިޒާމުގެ ތެރެއިން މިކަންކަން ކަށަވަރުކޮށްދިނުމުގައި ރަށު ކައުންސިލްތަކުގެ ދައުރު އެހާމެ މުހިންމުވެފައި ބޮޑެވެ.

ހުރިހާ މަސައްކަތެއް ބައްޓަންކުރަނީ ރައްޔިތުންގެ އަޑު އަހައި، ބޭނުންތަކަށް އިސްކަންދީގެން!


އއ. ބޮޑުފޮޅުދޫ ކައުންސިލުގެ މަސައްކަތްތައް ބައްޓަންކޮށްފައިވަނީ ލާމަރުކަޒީ ނިޒާމުގެ ހަޤީޤީ ލާބަޔާއި މަންފާ ރައްޔިތުންނަށް ލިބޭނެހެންކަން ކައުންސިލުގެ ރައީސް ޝުޖާޢު އާދަމް ފާހަގަކުރައްވައެވެ.

ކަންގަތި އެވޯޑުގައި އެންމެ ހިންގުންތެރި ރަށު ކައުންސިލުގެ މަޤާމު ނުވަތަ ރަނަމަހާންތި ދަރަޖަ ޖެހިޖެހިގެން 4 އަހަރު ކާމިޔާބުކުރެވުމުގެ އެންމެ ބޮޑު ސިއްރަކީ، ކައުންސިލާއި، ރައްޔިތުންނާ ދެމެދު ގާއިމުކުރެވިފައިވާ ހަރުދަނާ ގުޅުމާއި، ފުރިހަމަ އިތުބާރުކަން ޝުޖާޢު ފާހަގަކުރައްވައެވެ. ކަންގަތި އެވޯޑަކީ ލޯކަލް ކައުންސިލްތަކުގެ ޕަފޯމަންސް އިންޑެކްސްއަށް ބަލައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ދެމުން އަންނަ ޚާއްސަ އެވޯޑެކެވެ.

ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން ބޮޑޮފޮޅުދޫ ކައުންސިލުގެ ރައީސް ޝުޖާޢު އާދަމް ވިދާޅުވީ، ކައުންސިލަރުންނަކީ ރައްޔިތުންގެ ކަންކަން ނިންމުމަށް ރައްޔިތުން އިންތިޚާބުކުރާ ބައެެއްކަމުން، ކައުންސިލްތަކުގެ މަސައްކަތްތައް ބައްޓަންކުރަންވާނީވެސް އެ މަގުން ކަމަށެވެ. އަދި ބޮޑުފޮޅުދޫ ކައުންސިލުގެ މޮޓޯއަކީ "އެންމެ ފުރަތަމަ ރައްޔިތު މީހާ" ކަމަށާއި، ކައުންސިލުގެ ހުރިހާވެސް ކަމެއް ބިނާކޮށްފައިވާނީ ރައްޔިތުންގެ ޚާދިމުންގެ ގޮތުގައި ރައްޔިތުންނަށް ޚިދުމަތްކުރުމަށްކަމަށް އޭނާ ވިދާޅުވިއެވެ.

ޝުޖާޢު ވިދާޅުވީ، ބޮޑުފޮޅުދޫ ކައުންސިލުން އަބަދުވެސް މަސައްކަތްކުރަނީ ސިޔާސީގޮތުން ބައިބައިވުމުގެ ބަދަލުގައި، ރައްޔިތުންނާއި ރަށުގެ މަސްލަހަތު އިސްކޮށް އެއް އަމާޒަކަށް ވާސިލުވުމުގެ ރޫޙުގައިކަމަށެވެ. އެގޮތުން "އަމާޒު 7"ގެ ނަމުގައި ކައުންސިލުގެ އިސްތިރާޖީ ޚާއްސަ މަގުޗާޓެއް އެކުލަވާލާ އަންނަނީ ތަންފީޒުކުރަމުންނެވެ. މި މަގުޗާޓުގައި ރަށުގެ އިޖްތިމާޢީ، އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީއާއި ކުރިއެރުން ހާސިލުކުރުމަށް މައިގަނޑު 7 އަމާޒެއް ވަނީ ހިމަނާފައެވެ.

އަމާޒު 7 ގައި ހިމެނޭ ކަންތައްތައް:

• ހުޅުދާން ޖީލެއް
• އަހުވަންތަ ވެރިން
• ހިތްގައިމު ވެއްޓެއް
• ރަށްވެހި މުވައްޒަފުން
• ހަށިހެޔޮ ރައްޔިތެއް
• ތަރުބަވީ މުޖުތަމައުއެއް
• ފުދުންތެރި ޖަމާއަތެއް

ކައުންސިލުގެ ރައީސް ޝުޖާޢު އާދަމް ވިދާޅުވީ، ކައުންސިލުގެ އިދާރީ ބޭނުމަށް އެ ރަށް 4 ސަރަޙައްދަކަށް ބަހާލާ، ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތާއި، މުނިސިޕަލް ޚިދުމަތްތައް އެ ސަރަހައްދުތަކުގައި ހުރި ނެތްގޮތް ކައުންސިލުން ގަވާއިދުން ބަލަމުންދާކަމަށެވެ.

"ގޭގެއަށް ޒިޔާރަތްކޮށް އެ ސަރަޙައްދުގައި ހިނގާ ކަންތައްތަކާ، އެބޭފުޅުންގެ ޞިއްޙީ ތަޢުލީމީ ޙާލަތާއި، ވަޒީފާތައް ހުރި ނެތްގޮތާއި، އެ ސަރަޙައްދެއްގެ މުނިސިޕަލް ކަންކަން ހުރިނެތްގޮތާއި ތަކުލީފުތަކާ މިކަންކަމާބެހޭގޮތުން ރައްޔިތުންނާއި ސުވާލުކުރަން ކައުންސިލް މެންބަރުން ވަޑައިގަންނަވާނެ މަހަކު އެއް ފަހަރު ގޭގެއަށް. އެކަންކަން ކައުންސިލުން މެންބަރުން އަޅުގަނޑާއި ހިއްސާކުރައްވާނެ. އެއަށް މަޝްވަރާކޮށް ޓޯޓަލް ސޮލިއުޝަނަކަށް މަސައްކަތްކުރާނީ އެކުގައި." ބޮޑުފޮޅުދޫ ކައުންސިލުގެ ރައީސް ޝުޖާޢު ވިދާޅުވިއެވެ.

ގޭގެއަށް ޒިޔާރަތްކޮށްގެން ރައްޔިތުންގެ ޙާލަތު ބެލުމުގެ އިތުރުން، "ރަށްވެހި ދަރުބާރު" މި ނަމުގައި ކައުންސިލުން ގަވާއިދުން ބާއްވާ ރައްޔިތުންގެ ބައްދަލުވުމަކީވެސް ބޮޑުފޮޅުދޫ ކައުންސިލުގެ ފާހަގަކޮށްލެވޭ މަސައްކަތެކެވެ. މި ބައްދަލުވުމަކީ ރަށުގައި ހިނގާ ޕްރޮޖެކްޓްތަކާއި، ތަރައްޤީއަށް ހުރި ޕްލޭންތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރުމަށް ކައުންސިލުން ސިލްސިލާގޮތެއްގައި ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ޚިޔާލުތައް ހުށަހެޅުމާއި، ކައުންސިލަރުންނާއި ސުވާލުކުރުމުގެ ފުރުޞަތު ފަހިކޮށްދެއެވެ.

މީގެ އިތުރުން ކޮންމެ ބުރާސްފަތި ދުވަހަކީ ރައްޔިތުންނަށް ކަންކަމުގެ އަޕްޑޭޓް ހިއްސާކުރުމަށް ކައުންސިލުން ކަނޑައަޅާފައިވާ ދުވަހެކެވެ. ކައުންސިލު އިދާރާއަށް އެއްވެސް ބޭނުމެއްގައި ރައްޔިތަކު ސިޓީއެއް ނުވަތަ ފޯމެއް ހުށަހަޅާފައިވާނަމަ، އެކަމެއް ކުރިއަށްގޮސްފައިވާ ހިސާބު މި ދުވަހު ކައުންސިލުން އެ ރައްޔިތަކާއި ހިއްސާކުރެއެވެ.

ރައްޔިތުންގެ އަޑު އަހާ ރައްޔިތުންނާއި ވީހާވެސް ގާތުން ޚިދުމަތް ކުރުމުގެ ސަޤާފަތެއް ކައުންސިލުގައި އަށަގަނެވިފައިވުމަކީ ނަމޫނާ ކައުންސިލަކަށް ވެވުމުގެ ހަޤީޤީ ތަޅުދަނޑިކަން ކައުންސިލުގެ ރައީސްކަން 3 ވަނަ ދައުރަކަށް މިހާރު ފުރުއްވަމުންގެންދަވާ ޝުޖާޢު ފާހަގަކުރެއްވިއެވެ.

ކައުންސިލާއި މުއައްސަސާތަކާއި ރައްޔިތުންނާ ދެމެދު ވަރުގަދަ ގުޅުމެއް!


ބޮޑުފޮޅުދޫ ކައުންސިލުގެ މަސައްކަތްތައް ބައްޓަންވެފައިވަނީ ރަށުގެ ރައްޔިތުންގެ ލާބަޔާ މަންފާއަށް އިސްކަންދީގެންކަން ރަށުގެ ރައްޔިތުންނާއި، މުއައްސަސާތަކާއި، ރަށުގައި ހަރަކާތްތެރިވާ ކްލަބް ޖަމްޢިއްޔާތަކުގެ ވާހަކަތަކުންވެސް ފާހަގަކުރެވެއެވެ.

ޕީއެސްއެމް ނިއުސްއާއި ވާހަކަދެއްކި ބޮޑުފޮޅުދޫގެ ބައެއް ރައްޔިތުން ބުނިގޮތުގައި އެރަށުގެ ހުރިހާ އުމުރެއްގެ މީހުންނާވެސް ކައުންސިލުން ބާއްވަނީ ވަރަށް ގާތް އެކުވެރި ގުޅުމެކެވެ. ކައުންސިލުގެ ނިންމުންތަކުގައި ރައްޔިތުންގެ ޚިޔާލާއި ބައިވެރިވުން އަބަދުވެސް ހޯދާކަން ރަށުގެ ރައްޔިތުން ފާހަގަކުރެއެވެ.

"ދެރަ މީހެއް ނިކަމެއްޗެއް އެބޭފުޅުން އެއްވެސް ތަފާތެއް ނުކުރައްވާ. ހުރިހާ ރައްޔިތުންނާވެސް ގުޅޭ ވަރަށް ގާތްކޮށް މަސައްކަތްކުރަނީ." ބޮޑުފޮޅުދޫއިން ވާހަކަދެއްކި މީހަކު ބުންޏެވެ.

"މި ކައުންސިލަކީ ރާއްޖޭގެ ރަށްތަކަށް ނަމޫނާ ބައެއް. ހުރިހާ ރައްޔިތުންނާވެސް ގުޅުން އޮވޭ. ކޮންމެ ތަނަކުންވެސް އެމީހުންނާ ބައްދަލުކުރެވޭނެ." ބޮޑުފޮޅުދޫގެ އިސްރަށްވެއްސަކު ބުންޏެވެ.

"އެބޭފުޅުން އެއްގޮތަކަށްވެސް މަސައްކަތެއް ނުކުރައްވާ އެބޭފުޅުންގެ ކަންތައްތައް ކުރިއަށްގެންދާކަށް. އެބޭފުޅުން ބޭނުންވަނީ ރައްޔިތުންނާ ގުޅިގެން ރައްޔިތުންގެ ކަންތައްތައް ރައްޔިތުން ރުހޭގޮތަށް ކުރިއަށްގެންދަން. އޭގެ ނަމޫނާ ފެންނަމުން މިދަނީ." ބޮޑުފޮޅުދޫއިން ވާހަކަދެއްކި މީހަކު ބުންޏެވެ.

ނަމޫނާ ކައުންސިލުގެ އެވޯޑް ޖެހިޖެހިގެން 4 ވަނަ ފަހަރަށް ބޮޑުފޮޅުދޫ ކައުންސިލުން ހާޞިލުކުރިކުރުން އެރަށުގެ ރައްޔިތުން ބަލައިގަންނަނީ ރަށަށް ލިބުނު ބޮޑު ފަޚުރަކާއި ޝަރަފެއްގެ ގޮތުގައެވެ.

"އަޅުގަނޑުމެން ރަށަކީ މީގެކުރިން ރާއްޖޭގައި ގެއްލިފައި އޮތް ރަށެއް. ނަމަވެސް ކައުންސިލުގެ މި ދައުރާއެކު ކައުންސިލުން މިކުރި މަސައްކަތާއެކު މުޅި ރާއްޖެއަށް އަޅުގަނޑުމެންގެ ރަށް ތަޢާރަފުވެގެން ހިނގައްޖެ." ރަށުގެ ޒުވާނަކު ބުންޏެވެ.

"ނުޖެހޭ ދާންވީ ތަން ނޭންގިގެން އުޅޭކަށް. ކައުންސިލަށް ވަންނަ ހިސާބުން އެ ހުންނަ މުވައްޒަފަކު ޚިދުމަތަށް އެދި އެ އަންނަ މީހަކު ގޮވައިގެން ފޯމު ފުރުމާއި ހުރިހާކަމެއްގައި އެހީތެރިވޭ. އަނެއްކާ ބަރާބަރަށް އަޕްޑޭޓް ދެއްވާ. ހަމަ ހުރިހާ ކަމަކަށް އަޅުގަނޑުމެންނަށް އެއްބާރުލުން ލިބޭ." ބޮޑުފޮޅުދޫ ރައްޔިތަކު އޭނާގެ ޝުޢޫރުތައް ހިއްސާކުރަމުން ބުންޏެވެ.

ބޮޑުފޮޅުދޫ ކައުންސިލްގެ އަމާޒަކީ ކަންގަތި އެވޯޑުގައި މި ލިބުނު ފަޚުރުވެރި ކާމިޔާބީ އެގޮތުގައި ދިފާޢުކުރުމެވެ. މިކަމުގައި ކައުންސިލަށް ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި، މުއައްސަސާތަކާއި، ކްލަބް ޖަމްޢިއްޔާތަކުގެ އިތުރުން ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ބޮޑުފޮޅުދޫ ކައުންސިލުން ވިދާޅުވެއެވެ.