ސްޕެނިޝް ސުޕްކަޕްގައި މިރޭ ބާސެލޯނާއާ ދެކޮޅަށް ނުކުންނައިރު އެ ގައުމުގެ ގިނަ ބަޔަކު ސަޕޯޓްކުރަނީ ބާސެލޯނާ އަށް ކަމަށާއި އެއީ އުނދަގޫވާނެ ސަބަބެއް ކަމަށް އެތްލެޓިކް ކުލަބުން ބުނެފި އެވެ.
މިރޭ 12 ޖަހާއިރު ޖިއްދާގައި ފަށާ މެޗުގެ ކުރިން މިވާހަކަ ދެއްކީ ބާސެލޯނާގެ ކުރީގެ ކޯޗު އާނެސްޓޯ ވަލްވާޑޭ އެވެ. އޭނާ އަކީ މިހާރު އެތްލެޓިކް ކުލަބުގެ ކޯޗެވެ.
"ޔަގީންވާ އެއް ކަމެއް އެބައޮތް. މިތަނުގައި ސަޕޯޓަރުން ގިނައީ ބާސެލޯނާގެ. އެއީ މެޗު އުނދަގޫވާނެ ސަބަބެއް. ބާސެލޯނާއިން ސީޒަން ވަރަށް ރަނގަޅަށް ފެށި ނަމަވެސް މި ފަހަރުން ކުޅުނު މެޗުތަކުގައި ނުކުތް ގޯސް ނަތީޖާތަކުގެ އަސަރު މި މެޗުގައި ފެނިދާނެ ކަމަށް އަހަރެން ނުދެކެން.ކޯޗު އާނެސްޓޯ ވަލްވާޑޭ
އޭނާ ބުނީ ބާސެލޯނާއާ ދެކޮޅަށް ކުޅެން ފަސޭހަ ނުވާނެ ކަމަށާއި ނަމަވެސް ސުޕަކަޕް ތަށި ހޯދުމަކީ އޭނާގެ ކުލަބަށް ވެސް އާކަމެއްނޫން ކަމަށެވެ.
މެޗުގެ ކުރިން ވާހަކަ ދައްކަމުން ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނީ އެތްކެޓިކް ކުލަބަކީ ސްޕެނިޝް ލީގުގެ ޓީމުތަކުގެ ތެރެއިން ބަލިކުރަން އެންމެ އުނދަގޫ އެއް ޓީމު ކަމަށެވެ.
"އެމީހުން ވަރަށް ހަލުވި. އަދި ވަރަށް ރަނގަޅު ފިލޯސަފީއެއް ގެންގުޅޭ ޓީމެއް އެއީ. މި މެޗު ފަސޭހައެއްނުވާނެ. އަހަރުމެން މިސްޓޭކް މަދުކޮށް ފަރުވާތެރިވެގެންނޫނީ މެޗު ކާމިޔާބު ނުކުރެވޭނެ. އެއީ މޮޅު ކުޅުންތެރިންތަކެއް ތިބި ޓީމެއް،ކޯޗު ހަންސީ ފްލިކް
އޭނާ ބުނީ މި މެޗަށް ޒުވާން ފޯވަޑް ލަމީން ޔަމާލް ފިޓް ކަމަށެވެ. ނަމަވެސް ފުރަތަމަ 11ގައި ކުޅުވުމާމެދު ގޮތެއް ނިންމާނީ ފަހުން ކަމަށެވެ.
ރަޖިސްޓްރޭޝަން މައްސަލައިގެ ސަބަބުން މި މެޗުގައި ޑެނީ އޮލްމޯ އާއި ޕައު ވިކްޓަރ ނުފެންނާނެ އެވެ. ނަމަވެސް ދެ ކުޅުންތެރިން ވެސް ތިބީ ޓީމާއެކު ސައޫދީގަ އެވެ.