ޑިޖިޓަލް ޓްރާންސްފޯމޭޝަނާއި އިނޮވޭޝަންގެ ދާއިރާއިން އެސްޓޯނިއާއިން ހޯދާފައިވަނީ ނަމޫނާ ކާމިޔާބީތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމަނިކުފާނު އެސްޓޯނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ޤައުމުގެ ރައީސް ޑރ. އަލާރް ކަރިސް ދެއްވި ރޭގަނޑުގެ ރަސްމީ ފަރިއްކޮޅުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެސްޓޯނިއާއިން ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދާއިރާއިން އެހާ ބޮޑެތި ކާމިޔާބީތަކެއް ހާސިލްކުރީ އެ ގައުމުގެ ރައީސް ޑރ. އަލާރް ކަރިސްގެ ދުރުވިސްނުންފުޅާއި އިސްނެންގެވުމާއެކުގައި ކަމަށެވެ. އަދި މިއީ ނަމޫނާ ކާމިޔާބީއެއް ކަމަށާއި އެމަސައްކަތަކަށް ތައުރީފު ޙައްގު ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އެސްޓޯނިއާއަކީ ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ޒަރިއްޔާއިން މުޖުތަމަޢުތައް ބާރުވެރިކުރުމުގެ ލާމަސީލު މިސާލެއްކަން ފާހަގަކުރައްވައި، އެ ޤައުމުގެ ތަޖުރިބާއިން އިބުރަތް ލިބިގަތުމަށް ޝައުގުވެރިކަންވެސް ފާޅުކުރައްވާފައެވެ.
ރައީސް މުއިއްޒު ވަނީ މިއީ ރާއްޖޭގެ ވެރިޔަކު އެސްޓޯނިއާއަށް ކުރައްވާ އެންމެ ފުރަތަމަ ދަތުރުފުޅުކަން ފާހަގަކުރައްވައި މިއީ ތާރީޚީ ދަތުރުފުޅެއް ކަމަށްވެސް ވިދާޅުވެފައެވެ. އެ މަނިކުފާނު ވިދާޅުވީ، މި ދަތުރުފުޅުން ރަމްޒު ކޮށްދެނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ގައުމުގެ މެދުގައި އޮތް އެއްގޮތް ވިސްނުމާއި އެކަމަށް ދޭ ސަމާލުކަން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެއާއި އެސްޓޯނިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ. އަދި ދެ ޤައުމުވެސް އޮތީ އެކުގައި މަސައްކަތް ކުރުމުގެ އައު ބާބެއްގެ ފެށުމާހަމައިގައި ކަމަށާއި އެ ގުޅުމަކީ އެއް ޤައުމު އަނެއް ޤައުމަށް އިޙުތިރާމުކޮށް، އެއްބައިވަންތަކަމުގެ އަސާސްތަކެއްގެ މައްޗަށް ބިނާވާ، ދެމެހެއްޓެނިވި އުޖާލާ މުސްތަޤުބަލަކަށް މަސައްކަތް ކުރުމުގެ ބާބެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އެސްޓޯނިއާއަށް ކުރައްވާ ދަތުރުފުޅުގައި ޑިޖިޓަލް އަދި އިނޮވޭޝަންގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން އެ ޤައުމުގެ އެކި ފަރާތްތަކާ މަޝްވަރާ ކުރައްވާނެއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާގައި ފާހަގަކުރެވޭ ބޭފުޅުން ހިމެނިވަޑައިގަންނަވާ ވަފުދެއްވެސް ބައިވެެރިވެވަޑައިގަންނަވައެވެ.