ޚަބަރު

ޔަހޫދީން އެއްބަސްވުމާ ޚިލާފު ނުވުމަށް ޙަމާސްގެ ވަރުގަދަ އިންޒާރެއް


ޔަހޫދީ ދައުލަތާއި ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާ ދެމެދު ޤާއިމު ކޮށްފައިވާ ޢުދުވާން ހުއްޓައިލުމުގެ އެއްބަސްވުމާ އެއްގޮތަށް ޔަހޫދީން ޢަމަލު ނުކޮށްފި ނަމަ އަސީރުން މިނިވަން ކުރުމުގެ މަސައްކަތަށް ހުރަސް އެޅޭނެ ކަމުގެ އިންޒާރު ޙަމާސުން ދީފިއެވެ.

ޙަމާސްގެ ހަތިޔާރު އެޅި ގޮފީގެ ތަރުޖަމާނު އަބޫ ޢުބައިދާ ވިދާޅުވީ އެއްބަސްވުމަށް އެއްބާރުލުން ދީ އޭގައިވާ ޝަރުތުތަކާ އެއްގޮތަށް އެ ޖަމާޢަތުން ޢަމަލު ކުރާނެ ކަމަށެވެ. ނަމަވެސް ޔަހޫދީން އެއްބަސްވުމާ ޚިލާފުވާ ނަމަ އަސީރުން މިނިވަން ކުރުމުގެ މަސައްކަތަށް ހުރަސްއެޅި އެ މީހުންގެ ފުރާނައަށް ނުރައްކާވުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަބޫ ޢުބައިދާ އިތުރަށް ވިދާޅުވީ ހުރިހާ ކަމެއް ވެސް ބަރޯސާ ވަނީ އެއްބަސްވުން ތަންފީޒު ކުރުމަށް ޔަހޫދީން ދޭ އެއްބާރުލުމުގެ މައްޗަށް ކަމަށެވެ. އެއްބަސްވުން ޤާއިމު ކުރުމަށް އެހީތެރިވި ބޭރުގެ ޤައުމުތަކުން ވެސް އެއާ އެއްގޮތަށް ޔަހޫދީން ޢަމަލު ކުރޭތޯ ބަލައި އެ ކަން ޔަޤީން ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއްބަސްވުމުގެ ދަށުން މިހާތަނަށް ތިން އަސީރުން ޙަމާސުން ވަނީ މިނިވަން ކޮށްފައެވެ. އޭގެ ބަދަލުގައި ޔަހޫދީންގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ ރައްޔިތުންގެ ތެރެއިން 90 ޤައިދީން ވަނީ މިނިވަން ކޮށްފައެވެ. އެއީ އަސީރަކަށް 30 ޤައިދީންގެ މަގުންނެވެ. ޙަމާސުން ދެން އަސީރުން މިނިވަން ކުރުމަށް ހަމަޖެހިފައިވަނީ 25 ޖަނަވަރީ ވާ ހޮނިހިރު ދުވަހުއެވެ. އެ ދުވަހު މިނިވަން ކުރާނީ ހަތަރު އަސީރުންނެވެ.