ޚަބަރު

ޑްރަގް ވިއްކައިގެން ހޯދާފައިވާ މިލިއަނެއްހާ ރުފިޔާ ދައުލަތަށް


މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދި އެކެއް ޕޮއިންޓް އެކެއް މިލިއަން ރުފިޔާއާއި ގިނަ އަދަދެއްގެ ބޭރު ފައިސާތަކެއް ދައުލަތަށް ނަގައި، ސަތޭކަ ހާސް ރުފިޔާއިން ޖޫރިމަނާކޮށް ދެ މީހަކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރައްވައިފިއެވެ.

ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރިކަމުގެ ކުށް ސާބިތުވެ ކޯޓުން ހުކުމްކުރައްވާފައިވަނީ ހ. ބްރެޑްލީ، އަހުޒާމް ނަޢީމް އާއި ގ. ތަބުރުގެ، މުޙައްމަދު ބިޝާރު އިސްމާޢީލްގެ މައްޗަށެވެ.  މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު މުޙައްމަދު ބިޝާރު އިސްމާޢީލް، އަހުޒާމް ނަޢީމަށް ހަވާލުކުރި ކޮތަޅެއްގެ ތެރެއިން ފެނުނު 4 ފިލުމު ހުސްކުރި ދަޅުގައި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނެބިސް ހުރިކަމަށް ފުލުހުން ވިދާޅުވެއެވެ. މި މައްސަލާގައި ދައުލަތަށް ނަގަން އަމުރުކޮށްފައިވާ ފައިސާއަކީ، އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އަހުޒާމް ނަޢީމް ލައިގެންހުރި ޖިންސްގެ ޖީބުން ފެނުނު ފަންސާސް ދެ ހާސް ތިން ސަތޭކަ އައްޑިހަ ރުފިޔާއާއި، މުޙައްމަދު ބިޝާރު އިސްމާޢީލް ދިރިއުޅޭ ގ. ތުބުރުގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު، އެ ކޮޓަރިން ފެނުނު އެއްމިލިއަނަށްވުރެ ރުފިޔާއާއި ފަސްދޮޅަސް ހަހާހަށްވުރެ ގިނަ އެމެރިކާ ޑޮލަރާއި ތިންސަތޭކަ  ޔޫރޯ އާއި ދުއިސައްތަ  ސިންގަޕޯރ ޑޮލަރެވެ.

މި ދެމީހުން އުމުރަށް ޖަލަށްލުމާއެކު ޖުރިމަނާގެ ގޮތުގައި ކަނޑައެޅި ސަތޭކަ ހާސް ރުފިޔާ އެއްމަސްދުވަހުގެ ތެރޭގައި ކޯޓަށް ދައްކަންވެސް ހުކުމްކޮށްފައިވެއެވެ.