އިމްޕޯޓު އެކްސްޕޯޓުން މިދިޔަމަހު ދައުލަތަށް 301 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއަދަދަކީ 2023ވަނަ އަހަރުގެ މިމުއްދަތުގައި ދައުލަތަށް އިމްޕޯޓު އެކްސްޕޯޓުން ލިބުނު 332 މިލިޔަން ރުފިޔާގެ އާމްދަނީއާ އަޅާ ބަލާއިރު 6.5 އިންސައްތަ ދަށް އަދަދެކެވެ.
ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޑިސެންބަރުމަހު ރާއްޖެއަށް އެތެރެކޮށްފައިވާ މުދަލުގެ އަދަދުވަނީ އިތުރުވެފައިވެއެވެ. އެގޮތުން 2023 ވަނަ އަހަރުގެ ޑިސެންބަރުމަހު ދިވެހިރާއްޖެއަށް 5.1 ބިލިޔަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މިދިޔަ އަހަރުގެ ޑިސެންބަރުމަހު މިއަދަދުވަނީ 5.8 ބިލިޔަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ 13.7 އިންސައްތައިގެ އިތުރުވުމެކެވެ.
ރާއްޖެއިން އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޔޫ.އޭ.އީ، ސިންގަޕޯ، ޗައިނާ، އިންޑިއާ އަދި މެލޭޝިއާއިންކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި މި ޤައުމުންތަކުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އެތެރެކޮށްފައިވަނީ ކާބޯތަކެތީގެ ބާވަތްތަކާއި، ތެލުގެ ބާވަތްތަކާއި، މެޝިނަރީ އަދި އިލެކްޓްރިކް ސާމާނެވެ.
* ޔޫ.އޭ.އީ - 1479 މިލިޔަން ރުފިޔާ
* ސިންގަޕޯ - 925 މިލިޔަން ރުފިޔާ
* ޗައިނާ - 846 މިލިޔަން ރުފިޔާ
* އިންޑިއާ - 675 މިލިޔަން ރުފިޔާ
* މެލޭޝިއާ - 472 މިލިޔަން ރުފިޔާ
އެކްސްޕޯޓަށް ބާލާލާއިރު، 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ރާއްޖެއަށް 250 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވާއިރު، 2024 ވަނަ އަހަރުގެ ޑިސެމްބަރުމަހު މި އަދަދުވަނީ 116 މިލިޔަން ރުފިޔާއަށް ދަށްވެފައެވެ.
ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ އިންގިރޭސިވިލާތް، ތައިލޭންޑް، ވިއެޓްނާމް، ޖަރުމަންވިލާތް އަދި ޖަޕާނުންކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.
* އިނގިރޭސިވިލާތް - 42 މިލިޔަން ރުފިޔާ
* ތައިލޭންޑް - 22 މިލިޔަން ރުފިޔާ
* ވިއެޓްނާމް - 13 މިލިޔަން ރުފިޔާ
* ޖަރުމަންވިލާތް - 10 މިލިޔަން ރުފިޔާ
* ޖަޕާން - 5 މިލިޔަން ރުފިޔާ
މިދިޔަ މަހު ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ މަހުގެ ބާވަތްތަކެވެ. އޭގެތެރެއިންވެސް އެންމެ ގިނައިން އެކްސްޕޯޓްކުރީ ކަޅުބިލަމަސްދަޅެވެ. އެއީ މުޅި ޖުމްލަ 48 މިލިޔަން ރުފިޔާއެވެ.