ނަފްސާނީ ބަލި މީހުންނަށް އެހީ ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ ހެލްޕް ލައިންގެ ޚިދުމަތް މިހާތަނަށް 3000 އަށްވުރެ ގިނަ މީހުން ހޯދާފައިވާކަމަށް ޞިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ނަފްސާނީ ބަލި ތަޙައްމަލު ކުރަމުންދާ މީހުންނަށް ފުރަތަމަ އެހީ ފޯރުކޮށްދިނުމުގެ ގޮތުން ޤައުމީ ހެލްޕް ލައިން އިފްތިތާޙްކޮށްފައިވަނީ 21 ފެބުރުއަރީ 2024 ގައެވެ.
ނަފްސާނީ އިޖުތިމާޢީ އެހީތެރިކަމުގެ ޤައުމީ ހެލްޕް ލައިނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަފްތާ 14ގެ މަގުޗާޓުގައި ހިމަނުއްވާފައިވާ ކަމެކެވެ. މިހެލްޕް ލައިން އިފްތިތާޙްކޮށްދެއްވީ ޞިއްޙަތާ ބެހޭ ވުޒާރާގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. ނަފްސާނީ ބަލި ތަޙައްމަލު ކުރަމުންދާ މީހުންނަށް ފުރަތަމަ އެހީ ހޯދުމަށް ގުޅޭނެ ޤައުމީ ނަންބަރަކީ 1677 އެވެ.
ޞިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ހެލްޕް ލައިން ޤާއިމުކުރިފަހުން މިހާތަނަށް 3004 މީހުން ހެލްޕް ލައިންގެ ޚިދުމަތް ހޯދާފައިވާކަމަށެވެ.
Since its launch, the Mental Health Helpline has attended 3,004 calls, offering vital support and guidance to those in need. #MentalHealth #SupportForAll pic.twitter.com/Iy6hYBZFTF
— Ministry of Health (@MoHmv) January 23, 2025
ނަފްސާނީ ޞިއްޙަތުގެ ހެލްޕް ލައިންގެ އަމާޒަކީ ނަފްސާނީ ހާލަތެއް ނުވަތަ އުނދަގޫތައް ތަޙައްމަލުކުރަމުންދާ އެކި އުމުރުފުރައިގެ މީހުންނަށް ކޮންމެ ގަޑިއެއްގައިވެސް ގުޅާ އެ ޚިދުމަތް ފޯރުކޮށްދިނުމެވެ. 1677 އަކީ 24 ގަޑިއިރު ޚިދުމަތް ދޭނެ ނަންބަރެއްކަމަށް ޞިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މި ނަންބަރުން ނަފްސާނީ ޞިއްޙަތުގެ ފުރަތަމަ އެހީގެ އިތުރުން މައްސަލަ ހައްލުކުރުމަށް އެހީތެރިވުމާއި މަޢުލޫމާތު ފޯރުކޮށްދިނުމާއި ހެދިފައިވާ އުޞޫލުގެ ތެރެއިން ގުޅުން ހުރި ޚިދުމަތްތަކަށް ރިފަރަލް ހެދިގެންދާނެކަމަށްވެސް ޞިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.