ކުޅިވަރު

އަފްގާނިސްތާން ޗެމްޕިއަންސް ޓްރޮފީން ވަކިކުރަން ގޮވާލައިފި


ޕާކިސްތާނުގައި އަންނަ މަހު ފަށާ ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުން އަފްގާނިސްތާން ވަކިކުރަން މުބާރާތުގައި ވާދަކުރާ ބައެއް ގައުމުތަކުން ގޮވާލައިފި އެވެ.

މީގެ ތެރޭގައި ދެކުނު އެފްރިކާ އާއި އޮސްޓްރޭލިޔާ އާއި އިންގްލޭންޑް ފަދަ ގައުމުތައް ހިމެނެ އެވެ. ސަބަބެއް ކަމުގައި މި ގައުމުތަކުން ބުނެފައިވަނީ ތާލިބާނުން އަފްގާނިސްތާނުގެ އަންހެނުންނަށް ކުޅިވަރު ކުޅެން ހާއްސަކޮށް ކްރިކެޓް ކުޅެން ހުއްދަ ނުދޭތީ އެވެ.

ދެކުނު އެފްރިކާއިން ބުނީ ދެ ޖިންސުގެ ހަމަހަމަކަން ނެތް ގައުމެއްގެ ފިރިހެން ޓީމު ކްރިކެޓް މުބާރާތެއްގައި ވާދަކުރަން ނުފެންނަ ކަމަށެވެ.

ނަމަވެސް މި ގޮވާލުންތަކަށް އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)އިން ވަކި އެއްޗެއް ނުބުނެ އެވެ. އެ ޖަމާއަތުން ބުނެފައިވަނީ ދޭދޭ ގައުމުތަކުގެ ސިޔާސީ ކަންކަމަށާއި އެއްވެއް ގައުމެއްގެ ދާހިލީ ކަންކަމަށް އެ ޖަމާއަތުން ވަކި އެއްޗެއް ނުބުނާނެ ކަމަށެވެ.

ޗެމްޕިއަންސް ޓްރޮފީގައި އަފްގާނިސްތާން ހިމެނެނީ އޮސްޓްރޭލިޔާ އާއި ދެކުނު އެފްރިކާ އާއި އިންގްލޭންޑާއެކު ގްރޫޕް ބީގަ އެވެ. ގްރޫޕް އޭގައި ހިމެނެނީ އިންޑިޔާ އާއި ޕާކިސްތާނާއި ނިއުޒީލޭންޑާއި ބަނގްލަދޭޝް އެވެ.