ޚަބަރު

ވީއެމްސީގެ ޑިރެކްޓަރުންގެ ބޯޑަށް 4 ބޭފުޅަކު އައްޔަންކުރައްވައިފި


  • އައު ޑިރެކްޓަރުން އައްޔަނުކުރެއްވީ ކުރިން ތިއްބެވި 3 ޑިރެކްޓަރަކު ވަކިކުރެއްވުމަށްފަހު

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑަށް 4 މެންބަރަކު އައްޔަން ކުރައްވައިފިއެވެ.

ވިޒްޓް މޯލްޑިވްސްގެ ބޯޑަކީ، 9 މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ބޯޑަށް އަލަށް އައްޔަންކުރެއްވި 4 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ 3 އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅެކެވެ. މި ބޭފުޅުން ވީއެމްސީގެ ބޯޑަށް އައްޔަން ކުރައްވާފައިވަނީ، ކުރިން އެ ބޯޑުގައި ތިއްބެވި 3 މެންބަރަކު ވަކިކުރެއްވުމަށްފަހުއެވެ. ވަކިކުރައްވާފައިވަނީ ޢަބްދުލް ސަމީޢު އިމާދުއާއި އާއިޝަތު ޙަމީދު އަދި ސަބީޙާ އަޙްމަދެވެ.

ވީއެމްސީގެ ބޯޑަށް އަލަށް އައްޔަންކުރެއްވި މެމްބަރުން

ހުދާ ފަހީމް: ވިލަރެސް / ކ.ތުލުސްދޫ
ޢާއިޝަތު މަލްހާ: ރަސްވެލި / ރ.ރަސްގެތީމް (އެކައުންޓިން އެންޑް ފައިނޭންސް)
ޢަލީ ޝިނާން: މއ.ރިހިރާޅު
ޢާއިޝަތު ޢަލީ: މ.ވާރޭވިލާ


ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ސިންދަފާތު ކުރުމަށްޓަކައި އިސްތިރާޖީ ގޮތެއްގައި ސަރުކާރުގެ ފަރާތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ދިވެހިރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި އިސްތިހާރުކޮށް ޕްރޮމޯޓު ކުރުމަށާއި، މަތީ ފެންވަރުގައި ދުނިޔޭގައި ފާހަގަކުރެވޭ ފަދަ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ކުރަންޖެހޭ މާކެޓިން، ޕްރޮމޯޝަން އަދި އިސްތިހާރު ކުރުމުގެ އެންމެހައި މަސައްކަތް، ސީދާ ގޮތުންނާއި އިސްތިރާޖީ ގޮތުން، ދެމެހެއްޓެނިވި ގޮތެއްގައި މެދުކެނޑުމެއް ނެތި ކުރުމަށް އެކުލަވާލާފައިވާ ކުންފުންޏެކެވެ.

2025 ވަނަ އަހަރުގެ ޖުލައި މަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމްއެމްޕީއާރުސީގެ ނަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނަށް ބަދަލުކޮށްފައެވެ. ވިޒިޓް މޯލްޑިވްސްގެ ބޯޑު މެމްބަރުންނަށް ބަލާއިރު އެތަނުގެ ޗެއަރޕާސަނަކީ، ޢަބްދުﷲ ޣިޔާސް ރިޔާޒެވެ. ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރަކީ، އިބްރާހީމް ޝިއުރީއެވެ. ދެން ތިއްބެވި ބޭފުޅުންނަކީ މަހާ ނަސީރާއި އާމިނަތު ވުލާއު މުޙައްމަދު ނާޒިމެވެ.