މާލެ ރީޖަނަލް ލީގު، ދެވަނަ ޑިވިޝަން 2026 ފުޓުބޯޅަ މުބާރާތުގައި ކްލަބް ޕީކޭއާއި ލެގޫންސް ސްޕޯޓްސް ކުލަބުން ކުޅުނު ތިންވަނަ މެޗު އެއްވަރުވެ، ދެ ޓީމަށް ވެސް މުބާރާތުގައި ކުރިއަށް ދިއުމުގައި ނުތަނަވަސްކަމާ ކުރިމަތިލާން ޖެހިއްޖެއެވެ.
މުބާރާތުގައި ލެގޫންސް އިން ޕީކޭއާ ދެކޮޅަށް ނުކުތުމުގެ ކުރިން ކުޅުނު ދެމެޗުން ވެސް ވަނީ ބަލިވެފައެވެ. މި ދެ މެޗުން ލެގޫންސް ކޮޅަށް ފަސް ލަނޑު ވަދެފައިވާއިރު، އެ ޓީމަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އަނެއްކޮޅުން ޕީކޭއިން ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން އެއްވަރުވެ، އަނެއް މެޗުން މޮޅުވެފައިވާއިރު، މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް މި މެޗުން ތިން ޕޮއިންޓު ހޯދުން، ޕީކޭއަށް އޮތީ މުހިންމު ކަމަކަށްވެފައެވެ.
ލަނޑުޖެހުމުގެ ރަނގަޅު ފޯމެއްގައި އޮތް ޕީކޭއިން މިއަދު ހަވީރު ލެގޫންސްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.
މެޗުގައި ލަނޑުޖަހާނެ ފުރުސަތުތައް ތަނަވަސްކޮށް، ނުރައްކާތެރި ހަމަލާތަކެއް އުފެއްދީ ކްލަބް ޕީކޭއިންނެވެ. އެގޮތުން އެ ޓީމުގެ ހުޒެއިމް ފޮނުވާލި ބާރު ދެ ހަމަލާއަކަށް، ލެގޫންސްގެ ބިދޭސީ ކީޕަރު މަހުމޫދު ވަނީ ހުރަސް އަޅާފައެވެ. އޭގެއިން އެއް ހަމަލާ މަހުމޫދުގެ އަތުގައި ޖެހިފައި ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ.
ލަނޑުޖަހާނެ މާ ގިނަ ފުރުސަތުތަކެއް ދެ ޓީމަށް ވެސް ނުލިބުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް އާދައިގެ ކުޅުމެކެވެ. ޙާއްސަ ގޮތެއްގައި ލެގޫންސް އިން މެޗުގައި ޕޮއިންޓަކުން ފުއްދާލަން ބޭނުންވެފައި ތިބިހެން ހީވި ފަހަރުވެސް ދިޔައެވެ.
މި މެޗުން އެއްވަރުވެ ދެ ޓީމަށް ވެސް ޕޮއިންޓެއް ލިބިގެންދިޔައިރު ދެ ޓީމަށް ވެސް ލީގުގައި ބާކީ އޮތީ ދެ މެޗެވެ. މިހާތަނަށް ކުޅުނު ތިން މެޗުން ޕީކޭއަށް ހަތަރު ޕޮއިންޓު ލިބިފައިވާއިރު އެ ޓީމު އޮތީ ގްރޫޕް އޭގެ ހަތަރުވަނައިގައެވެ. ލީގުގައި ފުރަތަމަ ޕޮއިންޓު ހޯދި ލެގޫންސް އޮތީ ތާވަލުގެ ފަސްވަނައިގައެވެ. ފުލުގައި އޮތް އެލްޓީ ސްޕޯޓްސް ކުލަބަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ 9 ޕޮއިންޓު ހޯދާފައިވާ ޖޭޖޭ ސްޕޯޓްސް ކުލަބެވެ. ދެވަނައިގައި އޮތް ދަ ގްރާންޑޭއަށް އަދި ތިންވަނައިގައި އޮތް ބިސް ބުރަށް ވެސް ހަ ޕޮއިންޓު ވަނީ ލިބިފައެވެ. ބިސް ބުރުގެ މައްޗަށް ދަ ގްރާންޑޭއަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.