ޚަބަރު

ﷲ ކުޅަދުންވަންތަ ކަމާއިމެދު ވިސްނާ ފިކުރުކުރާ ބަޔަކަށް ވާންޖެހޭ


އަޅުގަނޑުމެން ވާންޖެހެނީ، ވިސްނާ ފިކުރުކޮށް މާތްﷲގެ ކުޅަދުންވަންތަކަމުގެ ދަލީލުތައް ދެނެގަންނަ ބަޔަކަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މައުމޫން ފައުންޑޭޝަންގެ ފަރާތުން ބޭއްވެވި އިހްޔާ ފޯރަމްގެ އެންމެ ފަހު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މައުމޫނ ފައުންޑޭޝަނުން މި ރަމަޟާންމަހު ބޭއްވި އިހްޔާ ފޯރަމްގެ އެންމެ ފަހު ޖަލްސާގައި މުއުމޫން އަބްދުލްގައްޔޫމް ވާހަކަފުޅުދެއްކެވީ، އުދަރެސްތަކުގައިޔާއި، އަޅުގަނޑުމެންގެ ނަފްސުތަކުގައި މާތްﷲގެ ކުޅަދުންވަންތަ ކަމުގެ ހެކިތައް " މި މައުޟޫއަށެވެ. އެމަނިކުފާނު ވިދާޅުވީ، ވަށައިގެންވާ ކައުނުގައިވާ ކުޅަދުންވަންތަކަމުގެ ހެކިތައް ދެނެގަނެ އެކަމާމެދު ވިސްނާ ފިކުރުކުރުމަށް މާތްﷲ އަންގަވާފައިވާ ކަމަށެވެ. އެހެންކަމުން އެކަން ކުރުމަކީ ވާޖިބެއް ކަމަށާއި، މި މައްސަރަކީ ކީރިތި ޤުރާން ބާވައިލެއްވި މައްސަރު ކަމަށްވެފައި ޤުރާންގައި އަންގަވާފައިވާ ކަންކަން ކުރަންޖެހޭ ކަމަށެވެ.

އުޑާއި ކައުނުގައިވާ ކުޅަދުންވަންތަ ކަމުގެ ހެކިތައް ބަޔާންކުރައްވާފައިވާ އެތައް އާޔަތެއް ކީރިތި ޤުރާންގައިވާ ކަމަށާއި، އަޅުގަނޑުމެން ވާން ޖެހެނީ އެކަންކަމާމެދު ވިސްނާ ފިކުރުކޮށް، މާތްﷲގެ ކުޅަދުންވަންތަކަމުގެ ދަލީލުތައް ދެނެގަންނަން މަސައްކަތްކުރާ ބަޔަކަށްކަމަށް ވިދާޅުވިއެވެ.

ޤުރުއާނުގައި ބަޔާން ކުރައްވާފައިވާ އާޔަތްތަކުގެ މާނަ ދޭހަވަނީ ސައިންސްވެރިން ހޯދަމުންދާ ހޯދުންތަކުގެ އަލީގައި ކަމަށް ވިދާޅުވެ އެމަނިކުފާނުވަނީ މިސާލު ދައްކަވާފައެވެ.

ރޭ ބޭއްވާފައިވަނީ، މައުމޫން ފައުންޑޭޝަންގެ ފަރާތުން މި އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިހްޔާކުރުމަށް ބޭއްވި ފަސްވަނަ ޖަލްސާއެވެ.