ޚަބަރު

މަސައްކަތްކުރާނީ ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާއަކީ ދިވެހީން ފަޚުރުވެރިވާ ދާއިރާތަކަކަށް ހެދުމަށް: ވަޒީރު


  • ފަތުރުވެރިކަމުގެ ދާއިރާގެ ފައިދާ އިތުރުކުރުމަށް މަސައްކަތްކުރާނެ

  • ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާ އިތުރަށް ހަރުދަނާކުރާނެ

މަސައްކަތްކުރައްވާނީ ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާއަކީ ރާއްޖެ ފަޚުރުވެރިވާފަދަ ދާއިރާތަކަކަށް ހެދުމަށްކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރު ތާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ފަތުރުވެރިކަމާއި ތިމާވެށްޓާއި ބެހޭ ވުޒާރާ އެއްކޮށްލައްވައި އެ ވުޒާރާގެ ވަޒީރަކަށް ތާރިޤް އިބްރާހީމް އައްޔަންކުރައްވާފައެވެ.

ފަތުރުވެރިކަމާއި ތިމާވެށްޓާއި ބެހޭ ވަޒީރު ތާރިޤް އިބްރާހީމް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާއި ތިމާވެށީގެ ދާއިރާއިން މިހާރު ކުރެވެމުންދާ ކަންތައްތައް މިހާރަށްވުރެ ރަނގަޅަށް ކުރިއަށްގެންދަވާނެކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަކީ ދިވެހިން ފަހުރުވެރިވާ އަދި އެންމެންނަށް މިހާރަށްވުރެވެސް ބޮޑަށް ފައިދާކުރާ ދާއިރާއަކަށް ހައްދަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މި ދެ ދާއިރާ އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްތަކެއް ކުރައްވާނެކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.


"ކުރީގެ މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގައި ހުރި ސެކްޓަރތައްވެސް އިތުރަށް ކުރިއަރުވައި މި ދެ ދާއިރާ އެއްކޮށްގެން ވަރަށް މުހިންމު ކަންތައްތަކެއް ކުރެވިގެންދާނެ. އަދި ކުރިއަށްއޮތް ތަނުގައި ފަތުރުވެރިކަމުގެ ދާއިރާއާއި ތިމާވެށީގެ ދާއިރާއަކީ ރާއްޖެ ފަޚުރުވެރިވާ ދާއިރާއަކަށް ހަދައިދިނުމުގެ އަޒުމުގައި އަޅުގަނޑު މަސައްކަތް ކުރާނެވާހަކަ ދަންނަވާލަން". ވަޒީރު ވިދާޅުވިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއާއި ތިމާވެށްޓާއި ބެހޭ ވުޒާރާ އެއް ވުޒާރާކަށް ހައްދަވާފައިވަނީ ފަތުރުވެރިކަމާއި ބެހޭ ވަޒީރަކަށް ހުންނެވި ވަޒީރު އިބްރާހިމް ފައިސަލް އެ މަޤާމުން ވަކިކުރެއްވުމާއި ގުޅިގެންނެވެ.