ގްރޭޓަރ މާލެ ސަރަޙައްދުގައި މަސައްކަތް ކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް، ވަޒީފާ ދޭ ފަރާތްތަކަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިން އަންގައިފިއެވެ.
އެ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފަވަނީ މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅުގައި މަސައްކަތުގައި ބިދޭސީންގެ މަޢުލޫމާތާއި، ފިންގަޕްރިންޓް އަދި ފޮޓޯ އަޕްޑޭޓުކުރުމަށް އަންގާކަމަށެވެ. ވުޒާރާއިން ކަނޑައަޅާފަވާގޮތަށް މަރޗްމަހުގެ 15 ދުވަހުގެ ކުރިން އެ މަޢުލޫމާތުތައް އަދާހަމަކުރުމަކީ، ވަޒީފާ ދޭ ފަރާތްތަކުގެ ޒިންމައެއްކަމަށް ވަނީ ވިދާޅުވެފައެވެ.
ވުޒާރާގެ އެންގުމާ ޚިލާފަށް، ކަނޑައަޅާފައިވާ މުއްދަތުގައި ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ބިދޭސީން، އެކްސްޕެޓް ސިސްޓަމްއިން ސަސްޕެންޑްކޮށް ޚިދުމަތް މެދުކަނޑާލާނެކަމަށްވެސް ދާޚިލީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ގްރޭޓަރ މާލެ ސަރަޙައްދުގައި ބިދޭސީންގެ ބައޯމެޓްރިކްސް ނެގުމާ، އޮޕަރޭޝަން ކުރަނގީގެ ދަށުން ސަރުކާރުން ތަންފީޒުކުރުމަށް އެކުލަވާލާފަވާ ކަންކަން ވިލަރެސްކޮށް ކޯޑިނޭޓްކުރަމުންދަނީ، އެންސީއައިޓީގައި މި އޮޕަރޭޝަނަށް ޚާއްސަކޮށް ޤާއިމުކޮށްފަވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރއިންނެވެ. ސެންޓަރުގެ ޚިދުމަތްތައް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ރޭގަނޑު 22:00 އަށް ދެމުންދާނެއެވެ.
ބިދޭސީންނާ ގުޅޭ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތްތައް މުޅި ރާއްޖޭގައި ދަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން ޖެނުއަރީ މަސް ނިމިގެންދިޔައިރު، 25000 އަށްވުރެ ގިނަ ބިދޭސީންގެ ބައޯމެޓްރިކްސް ހިމެނޭ މަޢުލޫމާތު ވަނީ އެއްކޮށްފައެވެ.
މާލެ ސަރަޙައްދުގައި ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތުގެދަށުން މިހާތަނަށްވަނީީ، މި ސަރަޙައްދުގައި މަސައްކަތްކުރާ ބިދޭސީން މުދައްރިސުންނާ އަދި ބްރިޖްގެ މަސައްކަތްކުރާ އެފްކޮން ސައިޓްގައި މަސައްކަތް ކުރާ ބިދޭސީންގެ މަޢުލޫމާތު ނަގާފައެވެ. އެއީ 1400 އަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތެވެ.
މިއީ ބިދޭސީންގެ މަޢުލޫމާތު ރަނގަޅު ނިޒާމެއްގެދަށުން ރެގިއުލޭޓްކުރުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ފަށާފަވާ މަސައްކަތްކެވެ.
ސަރުކާރުގެ ޢަމާޒަކީ އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރަމުންދާ މަސައްކަތްތަކާއެކު، 2027 ވަނަ އަހަރުގެ އޭޕްރިލް މަހާ ހަމައަށްދާއިރު، ރާއްޖޭގައި ޤަވައިދާ ޚިލާފައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް ކުރިއަށްގެންދިޔަ އޮޕަރޭޝަންތަކުގައި ގަވައިދާ ޚީލާފަ އުޅޭ 5600 އަށްވުރެ ގިނަ ބިދޭސީން އަނބުރާ ޤައުމަށް ވަނީ ފޮނުވާލާފައެވެ.