ކެންސަރު ބަލި ޖެހުމަށް އެންމެ ބޮޑަށް މަގުފަހިކުރުވަނީ ދުންފަތުގެ އިސްތިޢުމާލު ކުރުމުން ކަމުގައިވާތީ، އެ އާދައިން ދުރުހެލިވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ކެންސަރު ބަލި ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިޢުމާލު ކުރުމުންކަމަށާއި، ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގައި މި ނުބައި އާދައިން ދުރުވުމަށް ޢަޒުމް ކަނޑައެޅުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ.
ކެންސަރު ބަލި ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިޢުމާލު ކުރުމުން ކަމުގައިވާތީ، ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގައި މި ނުބައި އާދައިން ދުރުވުމަށް ޢަޒުމް ކަނޑައަޅަމާތޯ! pic.twitter.com/dlLf48nuGS
— Dr Mohamed Muizzu (@MMuizzu) February 4, 2025
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ގުޅިގެންކުރާ މަސައްކަތްތަކާއެކު ތިން ކަމެއް ކުރުމަށް އަމާޒު ހިފާފައިވާކަން ފާހަގަކުރެއްވިއެވެ. އެއީ ކެންސަރު ބަލިން ރައްކާތެރިކަން ކަށަވަރުކުރުމާއި,ދުރާލާ ކެންސަރު ހުންނަކަން ދެނެގަނެ އަވަސް ފަރުވާ ޔަޤީންކުރުމާއި، ކޮންމެ މީހަކަށްވެސް ހަމަހަމަކަންމަތީ ފަރުވާ ދެވޭކަން ކަށަވަރުކުރުމެވެ.
ކެންސަރު ޖެހެން މެދުވެރިވާ މައިގަނޑު އެއް ސަބަބަކީ ދުންފަތް ބޭނުންކުރުމެވެ. އެހެންކަމުން ދިވެހިންނަކީ ދުންފަތުން ދުރުހެލިވެފައިވާ ބަޔަކަށް ހެދުމަށް ގިނަ ފިޔަވަޅުތަކެއް ސަރުކާރުން އަންނަނީ އަޅުއްވަމުންނެވެ. އެކަމަށްޓަކައި ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް މުހިންމު އިސްލާޙުތަކެއް ވަނީ ގެންނަވާފައެވެ.
އޭގެ ތެރޭގައި ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖެ އެތެރެކުރުން މަނާކުރުމާއި ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖޭގައި އުފެއްދުން މަނާކުރުން ހިމެނެއެވެ. މީގެ އިތުރުން ސިނގިރޭޓުން ނަގާ ޑިޔުޓީ ބޮޑުކުރުންވެސް ހިމެނެއެވެ. މިއީ ދުންފަތުގެ ނުރައްކާތެރި ޢަމަލުން ދިވެހިން ދުރުކުރުމަށް އެޅުއްވި މުހިންމު ފިޔަވަޅެކެވެ.
އަދި ގިނަ އަދަދެއްގެ ކުޑަކުދިންނާއި ޒުވާނުން ދެވިހިފާފައިވާ ވޭޕް ބޭނުންކުރުންވެސް ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން ވަނީ މަނާކޮށްފައެވެ. މިއީވެސް ކެންސަރުފަދަ ނުރައްކާތެރި ބަލިތަކުން ދިވެހި މުޖުތަމަޢު ދުރުކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި މުހިންމު ނިންމެވުމެކެވެ.