ޚަބަރު

ހައިވޭ އެކްސިޑެންޓާއި ގުޅިގެން އަންހެނެއްގެ ލައިސަންސް ހިފަހައްޓައި ސައިކަލް ޓޯވކޮށްފި


  • މިއެކްސިޑެންޓު ހިންގާފައިވަނީ، ފެބްރުއަރީމަހުގެ 1 ވަނަ ދުވަހު

  • މަރުވެފައިވަނީ ބަންގްލަދޭޝްގެ ފިރިހެނެއް

  • ލައިސަންސް ހިފަހައްޓާފައިވަނީ 60 އަހަރުގެ ދިވެހި އަންހެނެއްގެ

ހައިވޭގައި ހިނގި އެކްސިޑެންޓްގައި މީހަކު މަރުވި ހާދިސާއާއި ގުޅިގެން 60 އަހަރުގެ ދިވެހި އަންހެނެއްގެ ލައިސަންސް ހިފަހައްޓައި އޭނާ ދުއްވި ސައިކަލު ޓޯވކޮށްފިއެވެ.

މިމަހުގެ 1 ވަނަ ދުވަހުގެ ހެނދުނު 8:19 އެހައިކަށްހާއިރު ހުޅުމާލެއިން މާލެ އަންނަ ލޭންގެ ސޯލާ ޕެނަލްތައް ކައިރީގައި މަސައްކަތްކުރާ ކަން އަންގައިދޭން ބަހައްޓާފައި ހުރި ކޯނެއްގައި، ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓުގައި ވަނީ މީހަކު މަރުވެފައެވެ. މި އެކްސިޑެންޓުގައި މަރުވެފައިވަނީ ބަންގްލަދޭޝްގެ މީހެކެވެ. ސޯޝަލް މީޑިއާގައި ޢާންމުވެފައިވާ ވީޑިއޯއިން ފެންނަގޮތުގައި ކޯނެއްގައި ޖެހި ހައިވޭއަށް އެމީހާ ވެއްޓިފައި އޮއްވައި، ފަހަތުން އައި ސައިކަލެއް ވަނީ އޭނާގެ ގައިމަތިން ގޮސްފައެވެ.


މި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް އެދުވަހުގެ 9:05 ހާއިރު މަރުވެފައިވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. މި އެކްސިޑެންޓުގައި މަރުވެފައިވަނީ ބަންގްލަދޭޝް ފިރިހެނެކެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ހާދިސާއާއި ގުޅިގެން ގުޅިގެން 60 އަހަރުގެ ދިވެހި އަންހެނަކާ ސުވާލުކޮށްފައިވާކަމަށާއި، އޭނާގެ ލައިސެންސް ހިފަހަށްޓައިފައިވާކަމަށެވެ. އަދި އެ އަންހެންމީހާގެ ސައިކަލު މިހާރު ޓޯވ ކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ، މިމައްސަލަ ތަހުޤީޤުކުރަމުންދާކަމަށެވެ.