ތަރައްޤީގެ މަސައްކަތްތަކުގައި ރައްޔިތުންނަށް އެންމެ ބޮޑު އުއްމީދެއް ގެނެސްދެނީ ބޯހިޔާވަހިކަމާ ގެދޮރުވެރިކަމާ ގުޅޭ ދާއިރާތަކުން ކުރެވޭ މަސައްކަތްތަކެވެ.
2025ވަނަ އަހަރަށް މަޖިލީހުގެ ޖަލްސާތައް ފެއްޓެވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބޯހިޔާވަހިކަމަކީ، ދިވެހި ރައްޔިތުންގެ އަސާސީ ޙައްޤުތަކުގެ ތެރެއިން، ވަކިން ޚާއްޞަކޮށް ދިރިއުޅުމުގެ ދަތިތަކާއި ވޭންތަކުގެ ތެރެއިން އެމަނުކުފާނު މައްސަލައެއް ހައްލުކޮށްދޭން އެންމެ އިސްކަންދޭ މައްސަލަކަމަށެވެ. މިއީ ޤައުމީ މައްސަލައެއްގެ ގޮތުގައި ރައީސް ސިފަކުރައްވައެވެ.
1.5 ބިލިޔަން ރުފިޔާގެ ބަޖެޓަކާއެކު ރާއްޖޭގެ ތާރީޚުގައި ބޯހިޔާވަހިކަމުގެ ޢުމްރާނީ މަސައްކަތަށް އެންމެ ބޮޑު ބަޖެޓެއް ކަނޑައެޅީ މި އަހަރުއެވެ. ރައީސް ވިދާޅުވީ ވަޢުދުވެވަޑައިގެން ގޮތަށް 57 ރަށުގައި ހައުސިން ޔުނިޓް އަޅަން ކޮންޓްރެކްޓަރުން ހޯދުމަށް އިޢުލާނުކޮށްފަވާއިރު، އެއީ 12,940 ހައުސިން ޔުނިޓްކަމަށެވެ.
މިއިން ކޮންމެ ރަށެއްގައި ހައުސިން ޔުނިޓް އަޅާ އަދަދު ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ ޢަމާޒަކީ މިހުރިހާ މަޝްރޫޢުއެއްގެ ޢަމަލީ މަސައްކަތް މިއަހަރު ފެށުންކަމަށެވެ.
"ބޮޑެތި އާބާދީ ހިމެނޭ ދެ ސަރަޙައްދުކަމުގައިވާ ކުޅުދުއްފުށީ ސީޓީގައި 2000 ހައުސިން ޔުނިޓް އަދި އައްޑޫ ސިޓީގައި 1100 ހައުސިން ޔުނިޓް ތަރައްޤީކުރާނަން". ރިޔާސީ ބަޔާން ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މާލެ ސަރަޙަދަށް ބޭނުންވާ މިންވަރާ ގާތަށްވެސް ބޯހިޔާވަހިކަމުގެ މަޝްރޫޢު މިހާތަނަށް ގެންދެވިފައި ނެތްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މާލެ، ވިލިމާލެ، ހުޅުމާލެ، ގުޅިފަޅު، ގިރާވަރުފަޅު، އުތުރުތިލަފަޅު އަދި ފުށިދިއްގަރުފަޅު މަޝްރޫޢު ހިމެނޭހެން މި ސަރަޙައްދުގެ ބޯހިޔާވަހިކަމަށް ޙައްލު ހޯއްދަވާނެކަމަށެވެ.
އެގޮތުން 30000 އަށްވުރެ ގިނަ ގެދޮރު ތަރައްޤީކުރަން ސަރުކާރުން ނިންމާފައިވާ "ރަސްމާލެ" ހިއްކުމުގެ މަސައްކަތް މިއަހަރު ނިންމާ، 2026 ވަނަ އަހަރު އެތަނުގައި އަސާސީ ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތް ފައްޓަވާނެކަމަށެވެ.
މީގެއިތުރުން ގުޅިފަޅުގައި އަސާސީ ޚިދުމަތްތައް ޤާއިމުކުރަން ޗައިނާކާގެ ކުންފުންޏަކާ ހަވާލުކޮށްފަވާއިރު، ގުޅިފަޅުން އިތުރު 85 ހެކްޓަރުގެ ބިން ހިއްކުމާ، ހުޅުމާލެއިން ހިއްކާ ސަރަޙައްދުގެ މަސައްކަތް ނިންމުމާއި ގިރާވަރު ފަޅު ބިން ހިއްކުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް އަލުން ފެށިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ބިން ހިއްކާ ނިމެމުންދާ ވަރަކަށް، އެތަންތަނުން ގޯތި ލިބުނު މީހުންނަށް ބިން ހަވަލުކުރަމުންދާނެކަމަށް ވިދާޅުވިއެވެ.
ރައީސްވަނީ އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސްގެ އެހީގައި ގުޅީފަޅުގައި އަލަށް އަޅާ 4000 ޔުނިޓްގެ މަސައްކަތްވެސް މިއަހަރު ފެށުމަށް މަސައްކަތްކުރަމުންދާކަމަށް ވިދާޅުވެފައެވެ.
"ބޯހިޔާވަހިކަމަށް އިތުރު ޖާގަ ފަހިކުރުމަށްޓަކައި އުތުރުތިލަފަޅުން 150 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މި އަހަރު ފެށިގެން ދާނެ. އަދި މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގައިވެސް މި އަހަރު ސޯޝަލް ހައުސިންގެ އާ މަޝްރޫޢުތައް ފެށިގެންދާނެ." ރިޔާސީ ބަޔާން ދެއްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެއިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ 4000 ހައުސިން ޔުނިޓްވެސް މިއަހަރު ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން އޭގެ ޙައްގުވެރިންނާ ހަވާލުކޮށް ނިންމާނެކަމަށް ރައީސް ވަނީ ވިދާޅުވިއެވެ.
ރައްޔިތުންނަށް ގެދޮރު ބިނާކުރުމަށް އެހީވުމަށް 1 ބިލިޔަން ރުފިޔާގެ ފައިނޭންސް ފެލިޓީއަށް މިހާރު ވަނީ ހުޅުވާލާފައެވެ.
އިޤްތިޞާދީ މިސްރާބާއި ގުޅޭގޮތުން ރައީސް ވިދާޅުވީ 2024 ވަނަ އަހަރަށްވުރެ މި އަހަރު އިޤްތިޞާދީ ކުރިއެރުން ހަލުއިވާނެކަމަށާއި، މި އަހަރު ރާއްޖޭގެ އިޤްތިޞާދު 6.4 އިންސައްތައިން ކުރިއަރާނެ ކަމަށް އަންދާޒާކުރާކަމަށެވެ.
މީގެއިތުރުން މިދިޔަ ދެ އަހަރަށްވުރެ ޑޮލަރު ރިޒާވް އިތުރުވާނެކަމަށް އަންދާކުރާކަމަށާއި އެ އަދަދު 705.1 މިލިޔަން އެމެރިކާ ޑޮލަރަށް އިތުރުވާނެކަމަށެވެ. މީގެއިތުރުން ޚަރަދު ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާއެކު، އަމާޒަކީ މި އަހަރު ޑެފިސިޓް ބޮޑުތަނުން ކުޑަކޮށް، ސަރުކާރުން ނަގާ ދަރަނީގެ އަދަދު މަދުކުރުންކަމަށް ރައީސް ވިދާޅުވިއެވެ.
2 މިލިޔަން ފަތުރުވެރިންނާއެކު މިދިޔަ އަހަރަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އަހަރެވެ. އިޤްތިޞާދަށް އިތުރު ކުރެވޭ ބޮޅެއްގެ ގޮތުން، މިއަހަރުގެ އޮކްޓޯބަރުގެ ކުރިން، ވީއައިއޭގެ އާ ޓާރމިނަލް ހުޅުވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހަނިމާދޫ އެއަރޕޯޓާއި އައްޑޫ ގަން އެއަރޕޯޓް މި އަހަރު ހުޅުވުމާއި މުލި އެއަރޕޯޓް މިއަހަރު ހުޅުވުމަށް މަސައްކަތް ކުރާކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން 14 އެއަރޕޯޓެއް ތަރައްޤީކުރުންވެސް އެކި މަރުޚަލާގައި މިއަހަރު ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ގްރޭޓަރ މާލެ ސަރަޙައްދަކީ އިޤްތިޞާދީ ހަބަކަށް ހެދުމަށް ކުރާ މަސައްކަތުގެ އެންމެ މުހިންމު މަޝްރޫޢު، ތިލަމާލެ ބްރިޖްގެ %50 މަސައްކަތް ނިމިފައިވާކަން ރައީސް ވަނީ ހާމަކުރައްވާފައެވެ.