ޖަރުމަނުގެ ބުންޑެސްލީގާގައި ރޭ ވާޑަރ ބްރޭމަން އާއި ދެކޮޅަށް ބަޔާން މިއުނިކް ކުޅުނު މެޗުގައި ހެރީ ކޭން ކާމިޔާބުކޮށްދިން ދެ ލަނޑާއެކު 3-0 ގެ ނަތީޖާއަކުން ބަޔާން މިއުނިކް މޮޅުވެއްޖެ އެވެ.
މި މެޗުން ބަޔާން މިއުނިކް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ތާވަލުގެ އެއްވަނައިގައި 9 ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ބަޔާން މިއުނިކަށް 21 މެޗުން 54 ޕޮއިންޓު ލިބިފައިވާއިރު ދެވަނައިގައި އޮތް ބެޔާ ލެވަކޫސަން އެއް މެޗު މަދުން ކުޅެގެން 20 މެޗުން ލިބިފައިވަނީ 45 ޕޮއިންޓެވެ. މި މެޗުން ބަލިވި ވާޑަރ ބްރޭމަން އަށް 21 މެޗުން ލިބިފައިވާ 30 ޕޮއިންޓާއެކު އެ ޓީމު އޮތީ 8 ވަނައިގަ އެވެ.
މިއުނިކްގެ އެލިއަންޒް އެރީނާގައި ހަތްދިހަ ފަސް ހާސް މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ވިންސެންޓް ކޮމްޕެނީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ބަޔާން މިއުނިކް އިން ވަނީ މި މެޗު ފެށުނީއްސުރެ މެޗު ކޮންޓްރޯލް ކޮށްގެން ކުޅެފަ އެވެ. އެގޮތުން މެޗުގެ %75 ޑޮމިނޭޓް ކޮށްފައިވަނީ ބަޔާން މިއުނިކުންނެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 11 ވަނަ މިނިޓުގައި ބަޔާން މިއުނިކް އިން ލީޑު ނަގާފައިވަނީ އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ހެރީ ކޭން ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ޕެނަލްޓީ އަކީ ހެރީ ކޭން ގޯލަށް ފޮނުވާލި ބޯޅައެއް ބްރޭމަންގެ ޑިފެންޑަރ އެންތޮނީ ޖުންގު އަތިގައި ޖެހުމުން ރެފްރީ ދީފައިވާ ޕެނަލްޓީ އެކެވެ.
ބަޔާން މިއުނިކް އިން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ 82 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އޭގެ މިނިޓެއް ކުރިން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ލެރޯއި ސާނޭ އެވެ.
މި މެޗުގެ އިތުރު ވަގުތުގެ ހަތްވަނަ މިނިޓުގައި ބަޔާން މިއުނިކް އިން މެޗުގެ ތިންވަނަ ލަނޑު އެ ޓީމަށް ލިބުނު ދެވަނަ ޕެނަލްޓީ އިން ކާމިޔާބު ކޮށްދީފައިވަނީ ހެރީ ކޭން އެވެ. މި ޕެނަލްޓީ އަކީވެސް ބްރޭމަންގެ ޖުންގް އޭރިޔާ ތެރެއިން މުސިއާލާ އަށް ފައުލް ކުރުމާއި ގުޅިގެން އެ ޓީމަށް ލިބިފައިވާ ޕެނަލްޓީ އެކެވެ.
މި މެޗުގައި ކޭން ޖެހި ދެ ލަނޑާއެކު އޭނާ ބުންޑެސްލީގާގައި މި ސީޒަނުގައި ޖެހި ލަނޑުގެ އަދަދު ވަނީ 21 އަށް އަރާފަ އެވެ.