ޚަބަރު

ޕޮލްކޯ ފްލެޓްތަކަށް 1 ބިލިޔަން ރުފިޔާ ހޭދަކުރި، އަގަށްވުރެ 354 މިލިޔަން އިތުރު: އޮޑިޓް


  • މިމަޝްރޫޢު ފެށީ 2013ވަނަ އަހަރު

  • މަސައްކަތް ނުނިމުމުން 4 ކުންފުންޏަކާ މަސައްކަތް ހަވާލުކުރި

  • ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ގިނަ

ޕޮލްކޯ ފްލެޓް ނިންމުމަށް އެކި ފަހަރުމަތިން އެކި ކުންފުނިތަކާ ހަވާލުކުރިއިރު، އޭގެ ބީލަން މަރުހަލާތައް އުސޫލާ އެއްގޮތަށް ގެންގޮސްފައި ނުވާކަމަށާއި، މުޅި މަޝްރޫޢު ނިންމުމަށް އިތުރަށް 350 މިލިއަނެއްހާ ރުފިޔާ ކޮންޓްރެކްޓަރުންނަށް ޚަރަދުކޮށްފައިވާކަމަށް އޮޑިޓް އޮފީހުން ހާމަކޮށްފިއެވެ.

ޕޮލްކޯގެ އޮޑިޓް ރިޕޯޓާއި ގުޅިގެން މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ވަނީ ހާޒިރުކުރައްވާފައެވެ.

ފުލުހުންގެ ވެލްފެއާގެ ކަންކަން ކުރިއަށްގެންދިއުމަށް ޤާއިމުކޮށްފައިވާ ކުންފުނި ޕޮލްކޯއިން، (ބްލޫސް ހައުސިންގ ޕްރޮޖެކްޓް)ގެ ނަމުގައި 300 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫޢެއް ފެށީ 19 ޖޫން، 2013ގައެވެ. ނޫމަޑިއާއި އެމަޝްރޫޢު ހަވާލުކުރީ 580 މިލިއަން ރުފިޔާއަށް މަސައްކަތް ނިންމާގޮތަށެވެ.

ނަމަވެސް މަސައްކަތް ކުރިއަށް ނުދާތީ ނޫމަޑިއަތުން އެޕްރޮޖެކްޓް ނަގާ، އޭގެފަހުންވެސް މަސައްކަތް ނިމިފަމިވަނީ އިތުރު 3 ކުންފުންޏަކާ މަސައްކަތް ހަވާލުކޮށްގެންނެވެ. ނޫމަޑިއަތުން އެ މަސައްކަތް ނަގާ 2016ވަނަ އަހަރު އެމަސައްކަތް ދެން ހަވާލުކުރީ ނޫމަޑީގެ ސަބް ކޮންޓްރެކްޓަރެއްކަމަށްވާ އައިލެންޑް އެކްސްޕަރޓާއެވެ. މީގެއިތުރުން ދެން މަސައްކަތް ހަވާލުކުރި "ދެކޯމަސް" ކުންފުންޏާވެސް މަސައްކަތް ހަވާލުކޮށްފައިވަނީ ޓެންޑަރ އުސޫލުތަކާ ޚިލާފަށްކަމަށް އޮޑިޓް އޮފީހުން ވަނީ ވިދާޅުވެފައެވެ. އެ މަރުހަލާގައި އެމަޝްރޫޢަށް 61 ފްލެޓް އިތުރުވެސްކޮށްފައިވެއެވެ.

މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަމުން އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ވިދާޅުވީ 580 މިލިއަނަށް ކުރިއަށްގެންދަން ނިންމި މިމަޝްރޫޢަށް، މިއޮޑިޓް ކުރިއަށް ގެންދިޔަ މުއްދަތު، 31 ނޮވެމްބަރު 2024ގެ ނިޔަލަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާކަމަށް ހާމަވެފައިވާކަމަށެވެ. މަސައްކަތް ފުރަތަމަ ކުރިއަށްގެންދިޔަ އެ 3 ކުންފުންޏަކީވެސް، އެއް ފަރާތަކަށް ނިސްބަތްވާ އަދި އެފަރާތަށް މަންފާވާގޮތަށް މަސައްކަތް ހަވާލުކޮށް ކުރިއަށްގެންދިޔަ ކޮންޓްރެކްޓްތަކެއްކަންވެސް ހާމަވާކަމަށް ވިދާޅުވިއެވެ. ހަމައެކަނި އެ ތިން ކުންފުނި ހިމެނޭހެން 680 މިލިއަނެއްހާ ރުފިޔާ ދައުރުކޮށްފައިވާކަމަށް ނިޔާޒީ ވިދާޅުވިއެވެ.

"އޭރުގެ މާކެޓް ރޭޓަށް ބަލާއިރު، 240-354 މިލިއަން ރުފިޔާ އިތުރަށް ޚަރަދުކޮށްފައިވޭ. ބިޑް ޕްރޮސެސް ދިޔަގޮތް ބެލުމަށް ޕޮލްކޯއާއި ބައްދަލުކުރިން. އެފަރާތުން މަޢުލޫމާތު ދިނީ ސަރވާ މައްސަލައެއްގައި ވަރަށް ގިނަ ލިޔެކިޔުންތައް ނެތްކަމަށް. އެހެންވީމަ ބިޑިން ޕްރޮސެސް ސާފެއް ނުވި." އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ވިދާޅުވިއެވެ.

އޮޑިޓަރ ޖެނެރަލް ވިދާޅުވީ ބިޑިން ޕްރޮސެސް ކުރިއަށްދިޔަގޮތް ބެލުމަށް ގެޒެޓްވެސް ބަލާފައިވާކަމަށެވެ. ނަމަވެސް ގެޒެޓްގައިވެސް އެއާ ގުޅޭ މަޢުލޫމާތެއް ފެންނަން ނެތްކަމަށެވެ. އެހެންކަމުން މުޅި މިމަސައްކަތްވެސް ކުރިއަށްގެންދިއުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރި ކަންކަން ފާހަގަކުރެވިފައިވާކަމަށެވެ. ނިޔާޒީ ވިދާޅުވީ އޮޑިޓް ކުރުމުގެ މުއްދަތު ނިމުނުފަހުން، ފުލުހުން ބައެއް ލިޔެކިޔުންތައް އޮޑިޓް އޮފީހަށް ހުށައެޅިކަމަށެވެ.

މި މައްސަލަ އޭސީސީންވެސް ދަނީ ބަލަމުންނެވެ. އަދި އޭސީސީގެ ޓީމުން ޕޮލްކޯ ފްލެޓަށްވެސް ވަދެފައިވެއެވެ.

ޕޮލްކޯ ފްލެޓްތަކުގެ މަސައްކަތް ނިންމުމަށް އެންމެ ފަހުން ހަވާލުކުރީ އަމީން ކޮންސްޓްރަކްޝަނާއެވެ. މިމަޝްރޫޢުގެ ފްލެޓްތައް އިމާރާތްކުރުމާ ގުޅޭ މަސައްކަތް ނިމުނީ 2023ވަނަ އަހަރުއެވެ. އަދި މިހާރު ފްލެޓްތަކުގައި މީހުން ދަނީ ދިރިއުޅެމުންނެވެ.