އިންޓަރނޭޝަނަލް ފަންޑު ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް، އިފާޑްގެ 48 ވަނަ ގަވަރނިންގް ކައުންސިލް މީޓިންގައި ބައިވެރިވެވަޑައިގެންނެވުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިއާ އިޓަލީއަށް ފުރާވަޑައިގެންފިއެވެ.
އިޓަލީގެ ރޯމްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ބައްދަލުވުން އޮންނާނީ މި މަހުގެ 12 އިން 13 އަށެވެ.
މިބައްދަލުވުމަކީ ޚާއްސަކޮށް ޖަޒީރާ ޤައުމުތަކުގެ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތުގައި ހުރި ގޮންޖެހުންތަކާއި، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އުސޫލުތަކަށް ގެނެވިދާނެ ހެޔޮ ބަދަލުތަކާއި، މިކަންކަން ހަރުދަނާކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބާއްވާ ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި އެކި ޤައުމުތަކުގެ ވަޒީރުންނާއި، ސްޓޭޓުންގެ އިތުރުން ދަނޑުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ތަޖުރިބާކާރުން ބައިވެރިވެވަޑައިގެން ތަޖުރިބާ ހިއްސާކުރުމާއި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މިފަދަ ބައްދަލުވުންތަކުން ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތާއި، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދުގެ އަލީގައި ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތް އިތުރަށް ކުރިއެރުވޭނެ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.