ޚަބަރު

އައްޑޫގައި މީހަކަށް އަނިޔާކުރި މައްސަލައިގައި 4 މީހަކާއި ކުޑަކުއްޖަކު ހައްޔަރުކޮށްފި


  • އަނިޔާކޮށްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނަކަށް

  • މި މައްސަލައިގައި ހިމެނޭ ކުއްޖަކީ 15 އަހަރުގެ ކުއްޖެއް

އައްޑޫ ސިޓީ ހިތަދޫގައި މީހަކަށް އަނިޔާކުރި މައްސަލައިގައި ހިމެނޭ 4 މީހަކާއި ކުޑަކުއްޖަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިމަހުގެ 11 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އައްޑޫ ސިޓީ ހިތަދޫ މައިލޯ ދަނޑު ސަރަޙައްދުން ޖޯއްޔެއްގައި މީހަކު ބަނދެ އަނިޔާކުރި މައްސަލައެއް ބަލަމުންދާކަމަށެވެ. މި މައްސަލައިގައި އަނިޔާކޮށްފައިވަނީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނަކަށްކަމަށާއި، އޭނާގެ ބޮލުން ބައެއް ބާލާ، އަނިޔާކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައިގައި ހިތަދޫއަށް ނިސްބަތްވާ 4 މީހަކާއި، ކުޑަކުއްޖަކު ހައްޔަރުކޮށްފައިވާއިރު، ފުލުހުން ވަނީ މި މައްސަލައިގައި ހިމެނޭ 4 މީހުންގެ މަޢުލޫމާތު ހާމަކޮށްފައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ:

• ސަމާޙު ތައުފީޤް (20އ) / ވިޝަންޑްރީމް، ސ. ހިތަދޫ
• މުޙައްމަދު ޔަޢީޝް އާޒާދު (19އ) / ގްރޭސް، ސ. ހިތަދޫ
• އަޝްރަފު މުޙައްމަދު (22އ) / ނޫތަރި، ސ. ހިތަދޫ
• ޢަލީ މާޒިން ޙަސަން (20އ) / މެރީގާޑަން، ސ. ހިތަދޫ

މި މައްސަލައިގައި ހިމެނޭ ކުޑަކުއްޖަކީ 15 އަހަރުގެ ކުއްޖެއްކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. މި އެންމެންވެސް ހައްޔަރުކޮށްފައިވަނީ އެރޭ 01:35 ހާއިރު ޕެޓްރޯލްކުރަމުންދިޔަ ފުލުހުންގެ ވެހިކަލަކަށް ފެނުމުން ދުވެ ފިލަން އުޅެނިކޮށްކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.